ބޭރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި 8 ޝަރުތެއް ކަނޑައެޅުމަށްފަހު، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަލަފުން ތާއީދުކޮށްފި
29 އޮކްޓޯބަރު 2026 | ބުރާސްފަތި 06:26ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދުމަށްފަހު، ގައުމީ ސިޔާދަތާއި އިސްލާމީ ޝަޚްސިއްޔަތު ހިމާޔަތްކުރުން ހިމެނޭހެން 8 ޝަރުތެއް ފުރިހަމަކުރުމަށް ޖަމްއިއްޔަތުއްސަލަފުން ވަނީ އިލްތިމާސްކޮށްފައި. މި މަޝްރޫއުގެ އެއްބަސްވުންތައް ދެފުށް ފެންނަ ގޮތަށް އެކުލަވާލުމަށާއި، އިސްރާއީލުގެ ރައްޔިތުންނަށް ފުރުސަތު ނުލިބޭނެކަން ކަށަވަރުކުރުމަށް ވެސް އެ ޖަމިއްޔާއިން ގޮވާލާފައިވޭ


ޖަމްއިއްޔަތުއްސަލަފުގައި ހިމެނޭ ދީނީ އިލްމުވެރިން | ޖަމީއަތުއް ސަލަފު
ބޭރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި 8 ޝަރުތެއް ކަނޑައެޅުމަށްފަހު، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އިސްލާމް ދީނުގެ ހައްގުގައި މަސައްކަތް ކުރާ ޖަމްއިއްޔަތުއްސަލަފުން ތާއީދުކޮށްފި އެވެ.
ބުރާސްފަތި ދުވަހު އެ ޖަމިއްޔާއިން ނެރެފައިވާ އިލްތިމާސްގައި، ރަސްމާލެ މަޝްރޫއާއި އަދި މިފަދަ ބޭރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެއާގުޅޭ ގާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ ކަމަށް 8 ކަމެއް ވަނީ ބަޔާންކޮށްފަ އެވެ.
ސަލަފުން މިފަދަ އިލްތިމާސެއް ސަރުކާރަށް ކޮށްފައި މިވަނީ، ސަރުކާރުން އިއުލާންކޮށްފައިވާ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުންތައް ހުރިކަން ފައުޅުކުރަމުންދަނިކޮށް، މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު، އެ ޖަމިއްޔާއިން އެ މަޝްރޫއުއާ ގުޅޭގޮތުން ދިރާސާ ކުރަމުންދާކަން އިއުލާންކުރިތާ 1 މަސް ފަހުންނެވެ.
ސަލަފުން ސަރުކާރަށް ކޮށްފައިވާ އިލްތިމާސްގެ ލިޔުމުގައި ބުނެފައިވަނީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއެކު ބައްދަލުވުންތައް ބާއްވައިގެންނާއި، އަދި އެހެނިހެން ގޮތްގޮތުން ހޯދި މައުލޫމާތުތަކުން އެނގުނު ގޮތުގައި، މި މަޝްރޫއަކީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން، ދިވެހި ދައުލަތުގެ މިލްކުވެރިކަން ދެމިއޮންނަ ގޮތަށް، ރިއަލް އެސްޓޭޓް އުސޫލުން ތަރައްގީކޮށް އިންވެސްޓްކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރުގެ މުއްދަތަށް ދޫކުރުމަށް ރޭވިފައިވާ މަޝްރޫއެއްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ސަލަފުން ފާހަގަކޮށްފައިވާ 8 ނުކުތާގެ ތެރޭގައި، އިސްލާމީ ޝަޚްސިއްޔަތާއި ގައުމީ ސިޔާދަތު ހިމާޔަތް ކުރުމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިރާޖީ މިނިވަންކަން ހިމާޔަތްކުރުމާއި އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުމާއި ދިވެހި ރައްޔިތުންނަށް އެންމެ މަތީ މަންފާ ލިބޭނެ އިގްތިސާދީ ތަރައްގީއަކަށް އަމާޒުހިފުމާއި ދެފުށްފެންނަ، ހާމަކަން ބޮޑު ސިޔާސަތެއް ގާއިމުކުރުމާއި ހުޅުވާލެވިފައިވާ އިގްތިސާދަކާއި ގައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމާއި ދާއިމީ މޮނިޓަރިންގ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން އިޖްތިމާއީ އަސަރުތައް ވަޒަންކުރުން ހިމެނެ އެވެ.
ސަރުކާރަށް ކޮށްފައިވާ އިލްތިމާސްގައި، ރާއްޖޭގައި ހިންގާ އިންވެސްޓްމަންޓްތަކުގައި ގައުމުގެ އިސްލާމީ ވަންތަކަމާއި، ގައުމީ ސިޔާދަތު ހިމާޔަތް ކުރުމަށާއި، ރާއްޖޭގައި ހިންގޭ މިފަދަ މަޝްރޫއަކުން، ފަލަސްތީނުގެ މުގައްދަސް ބިންތައް ފޭރިގަނެ، ޒަޔަނިސްޓް އިސްތިއުމާރެއްގެ ދަށުން ގާއިމުކޮށްފައިވާ އިސްރާއީލުގެ ރައްޔިތަކަށް ފުރުސަތު ނުދިނުމަށް ވަނީ ގޮވާލާފަ އެވެ. އަދި އެއްބަސްވުންތައް ދެފުށް ފެންނަ ގޮތެއްގައި ހާމަކޮށް، ރައްޔިތުންގެ މަޝްވަރާއާއެކު، އިސްލާމީ އަދި އިޖުތިމާއީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބާކަން މޮނިޓަރކޮށް، ގައުމީ މަސްލަހަތު އެންމެ އިސްކޮށް ރައްކާތެރި ކުރެވޭނެހެން މަޝްރޫއުގެ އެއްބަސްވުންތަކާއި ގާނޫނީ އޮނިގަނޑު ފަރުމާ ކުރުމަށް ވެސް ސަރުކާރަށް ސަލަފުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން ރަސްމާލޭގެ މަޝްރޫއުގެ ހަގީގީ ތަސައްވުރު ޔަގީންވެގެންދާނީ މަޝްރޫއުގެ އެއްބަަސްވުން އެކުލަވާލެވި، ކަމާބެހޭ ގާނޫނު ވުޖޫދުވުމުން ކަމަށް ސަލަފުން ބުނެފައިވެ އެވެ.
ރަސްމާލެ މަޝްރޫއު ފަދަ ބޭރުގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި ރިއާޔަތް ކުރަންޖެހޭ ޝަރުތުތަކަށް ރިއާޔަތް ކުރުމަށް ސަރުކާރަށް ސަލަފަހުން ވަނީ ގޮވާލާފަ އެވެ.











