އަޅުގަނޑުމެން މިއަދު މިކުރާ ކަންކަން ކޮންމެހެން އާންމު ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: މެންބަރު ފަޒީލް
27 އޮކްޓޯބަރު 2026 | އަންގާރަ 13:04ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު ޕީއެންސީގެ އަޣުލަބިއްޔަތުން ބޭރުކޮށްލާފައިވާއިރު، އެ މަޝްރޫއުގެ ތަފްސީލުތައް އާންމުންނަށް އެނގެން ނުޖެހޭ ކަމަށް ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ވިދާޅުވެއްޖެ. މުލިއާގޭގައި ބޭއްވި ބައްދަލުވުމަކަށްފަހު ފަޒީލް ވިދާޅުވީ އެއްބަސްވުމުގެ މައުލޫމާތު ހިއްސާކުރާނީ ވަގުތު ޖެހުމުން މަޖިލީހުގެ 241 ކޮމިޓީއަށް ކަމަށް

އަޅުގަނޑުމެން މިއަދު މިކުރާ ކަންކަން ކޮންމެހެން އާންމު ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: މެންބަރު ފަޒީލް | ރާއްޖެ އެމްވީ
އެބޭފުޅުން މިއަދު ކުރައްވާ ކަންކަން އާންމު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ވިދާޅުވެއްޖެ އެވެ.
ފަޒީލް މިފަދައިން ވިދާޅުވެފައި ވަނީ މުލިއާގޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާ ނުކުމެވަޑައިގަތުމަށްފަހު އެވެ. މި ބައްދަލުވުމަކީ އަންގާރަ ދުވަހު މުލިއާގޭގައި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނާއި ވަޒީރުން އަދި ކުންފުނިތަކުގެ ވެރިންނާއެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.
އެގޮތުން މި ބައްދަލުވުމަކީ ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މި ބައްދަލުވުމަކީ ކޮން ކަމަކާ ގުޅޭ ގޮތުން ބާއްވާ ބައްދަލުވުމެއްތޯ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒްއާ ސުވާލު ކުރުމުން ވަނީ މަޝްވަރާ ކުރެވުނީ ގައުމުގެ ހުރިހާ ކަމަކާ ގުޅޭގޮތުން ކަަމަށް ވިދާޅުވެފަ އެވެ.
ހަމައެއާއެކު މެންބަރު ފަޒީލް އަރިހު ރަސްމާލެ މަޝްރޫއާ ގުޅޭ އެއްބަސްވުން ހާމަނުކުރަނީ ކިހިނެއް ވެގެންތޯ ސުވާލުކުރުމުން ވަނީ ކޮންމެހެން އާންމު ރައްޔިތުންނަށް މިއަދު މިކުރާ ކަންކަން އެނގެން ނުޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ގެންދާނެ ކަމަށް ފަޒީލް ވިދާޅުވި އެވެ.
އެ ކޮމިޓީއަށް ދާނެ. އަދި ހިއްސާކުރާކަށް ނުވޭ. އަދި 241 ކޮމިޓީއަށް އަންނާނަކަށް ނުޖެހޭ އަންނަ ގަޑިއެއްގައި އެ މައުލޫމާތު ހިއްސާކުރާނެ. އަދި އެގްރީމަންޓް އެއް ނެތް ކޮމާޝަލް ޓާރމްސް އެގްރީމަންޓެއް ވެސް އަދި ނެތްމުހައްމަދު ފަޒީލް
މީގެ އިތުރުން، އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރަން ފުރުސަތު ލިބުނު ނަމަ ބަހުސް ކުރައްވާނެ ކަމަށް ވެސް މެންބަރު ފަޒީލް ވިދާޅުވި އެވެ.
ނަމަވެސް އެ ގަރާރު ވަނީ ޕީއެންސީގެ އަޣުލަބިއްޔަތުން ބޭރުކޮށްލާފަ އެވެ.











