އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟
26 އޮކްޓޯބަރު 2026 | ހޯމަ 13:16ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ މުޙައްމަދު އަލައްބާރު، "އަބްދުﷲ" ނަމަކަށް ކިޔާ ފަރާތަކަށް އެތައް މިލިއަން ޑޮލަރެއް ދީފައިވާ ކަމަށް ބުނުމާ ގުޅިގެން ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައި. ސަރުކާރުގެ އިސް ބޭފުޅުންނާއި ވިޔަފާރިވެރިން ބައިވެރިވި ބައްދަލުވުމެއްގައި މި ވާހަކަތައް ހާމަވުމުން، އެއީ ކާކުކަން ބަލައި މި މަޝްރޫއުގެ މިނިވަން އޮޑިޓެއް ހެދުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުން


އޮކްޓޯބަރު މަހު އަލައްބާރު ރާއްޖެއަށް ކުރި ދަތުރުގެ ތެރޭގައި، އެކި ފަރާތްތަކާއެކު ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން އެއް ބައްދަލުވުމެއްގައި، އަބްދުﷲ ނަމަކަށް ކިޔާ ފަރާތަކަށް ފައިސާ ދިން ކަމަށް ވަނީ ވިދާޅުވެފައި | ރާއްޖެ އެމްވީ
ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ދީފައިވާ އީގަލްސް ހިލްސްގެ ވެރިޔާ މުޙައްމަދު އަލައްބާރު ރާއްޖެއަށް ކުރި ދަތުރުގައި ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ ހާޒިރުގައި، "އަބްދުﷲ" ނަމަކަށް ކިޔާ ފަރާތަކަށް އެތައް މިލިއަން ޑޮލަރެއް ދީފައިވާކަން ހާމަވެއްޖެ އެވެ.
ރާއްޖެއެމްވީ އަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޮކްޓޯބަރު މަހު އަލައްބާރު ރާއްޖެއަށް ކުރި ދަތުރުގެ ތެރޭގައި، އެކި ފަރާތްތަކާއެކު ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން އެއް ބައްދަލުވުމެއްގައި، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިން ވަނީ ރަސްމާލެ މަޝްރޫއު އިން ރާއްޖެއަށް ލިބޭނެ މަންފާތަކާ ގުޅޭގޮތުން ސުވާލު އުފައްދާފަ އެވެ. އެ ވިޔަފާރިވެރިން ފާހަގަކުރެއްވީ، ޑޮލަރަށް މިހާ ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ރާއްޖެއަށް އެއްވެސް ފައިދާއެއް ނުލިބި މި މަޝްރޫއު ކުރިއަށް ގެންދާކަމީ ކަންބޮޑުވުމެއް ކަމުގަ އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަލައްބާރު ވިދާޅުވީ، "ނޫނެކޭ، އަބްދުﷲ އަށް ފައިސާ ދީފީމޭ، އެތައް ފަހަރަށް ދީފީމޭ." މިހެންނެވެ. އަލައްބާރުގެ މި ވާހަކަތަކާއެކު އުފެދުނު ސުވާލަކީ، އަބްދުﷲ އަކީ ކާކުތޯ އެވެ. ނަމަވެސް އެއީ ކާކުކަން ސީދާ އޭނާ ހާމަ ކުރައްވާފައެއް ނުވެ އެވެ. އަބްދުﷲ އަށް އެތައް ފަހަރެއްގެ މަތިން އެތައް މިލިއަން ޑޮލަރެއް ދީފައިވާކަން އަލައްބާރު ތަކުރާރުކޮށް ހާމަކުރެއްވި އެވެ.
މި ބައްދަލުވުމުގައި ދައުލަތުގެ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި ހައުސިންގ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބްގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް، އަލައްބާރު މިފަދަ ވާހަކަތަކެއް ތަކުރާރުކޮށް ފާހަގަކުރެއްވުމުން ވެސް އެކަމާ ގުޅޭގޮތުން އެޓާނީ ޖެނެރަލް އުޝާމް އެއްވެސް އެއްޗެއް ވިދާޅުވެފަ އެއް ނުވެއެވެ.
ވިޔަފާރިވެރިންގެ ފަރާތުން، ޑޮލަރުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 500 މިލިއަން ޑޮލަރު ނުވަތަ އެންމެ މަދުވެގެން 250 މިލިއަން ޑޮލަރު ދޫކުރުމަށް ހުށަހެޅި ނަމަވެސް، އަލައްބާރު ވަނީ އެ ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެއްވައި، "އަބްދުﷲ އަށް ފައިސާ ދެއްވި ކަމަށް" ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ދައުލަތުގެ ގިނަ އަދަދެއްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައި މި ވާހަކަތައް ހާމަވެފައިވުމާއެކު، "އަބްދުﷲ" އަކީ ކާކުކަން ބެލުމާއި، މިކަމާ ގުޅޭ ހުރިހާ ތަފްސީލެއް ހާމަކުރުމުގެ އިތުރުން މި މައްސަލައިގެ ފުޅާ ތަހުގީގެއް ހިންގައި، ހަގީގަތް ހޯދުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ދިވެހިންގެ ޓެކްސް ފައިސާއިން ހިއްކަމުންދާ ރަސްމާލޭ ސަރަހައްދުން ބޮޑު ބިމެއް ވަގުތުން އެއްވެސް އެއްޗެއް ނުލިބޭ ގޮތަށް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، އެތައް ފަރާތްތަކަކުން ދަނީ މި އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލަމުންނެވެ. އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ އިޤުތިސާދީ ފައިދާއާއި ޤާނޫނީ ސައްހަކަން ކަށަވަރުކުރުމަށްޓަކައި، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވީހާވެސް އަވަހަކަށް މިނިވަން އޮޑިޓެއް ހެދުމަށް އިޤުތިސާދީ އަދި މާލީ ތަޖުރިބާކާރުން ދަނީ ގޮވާލަމުންނެވެ. ބައިނަލްއަޤްވާމީ އޮޑިޓިންގ މިންގަނޑުތަކަށް ރިއާޔަތްކޮށް އެފަރާތްތަކުން ފާޅުކުރަމުންދާ ގޮތުގައި، ދައުލަތުގެ މާލީ މަސްލަހަތުތަކާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، މިފަދަ ބޮޑެތި މަޝްރޫއުތައް ފެށުމުގެ ކުރިން އޮޑިޓްކުރުމަކީ ކޮންމެހެން ބޭނުންތެރި އަދި މުހިންމު ކަމެކެވެ.











