ކޮންގްރެސްގެ އަޣުލަބިއްޔަތު ދިފާޢުކުރަން 400 މިލިޔަން ޑޮލަރު ޚަރަދުކުރާނަން: ޓްރަމްޕް
21 އޮކްޓޯބަރު 2026 | ބުދަ 10:00އެމެރިކާގެ މިޑްޓަރމް އިންތިޚާބާ ދިމާކޮށް ޓްރަމްޕަށް އޮތް ތާއީދު %31 އަށް ދަށްވެފައިވާއިރު، ރިޕަބްލިކަން ޕާޓީގެ ކެމްޕޭނަށް 400 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުކުރަން އޭނާ ވަނީ ނިންމަވާފައި. ނަމަވެސް، ކެމްޕޭން ފަންޑުތަކުގެ ކޮންޓުރޯލު ޓްރަމްޕްގެ އަތްޕުޅުގައި އޮތް ކަމަށް ވިދާޅުވުމާ ގުޅިގެން ގާނޫނީ ސުވާލުތަކެއް އުފެދިފައިވާއިރު، މިއީ ކޮންގްރެސްގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް އެ ޕާޓީއަށް ކުރިމަތިވެފައިވާ ބޮޑު އިމްތިހާނެއް


ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ | ރޮއިޓަރސް
ކޮންގްރެސްގެ ކޮންޓްރޯލް ދެމެހެއްޓުމަށް ވެރިކަންކުރާ ރިޕަބްލިކަން ޕާޓީން ގަދައަޅައި މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ނޮވެންބަރު 3 ގައި ބާއްވާ މިޑްޓަރމް އިންތިޚާބު އެ ޕާޓީގެ ކެންޑިޑޭޓުންނަށް ކާމިޔާބުކޮށްދިނުމަށް 400 މިލިޔަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާ ޚަރަދުކުރަން ނިންމަވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެ ފައިސާގެ ބޮޑު ބައެއް މިހާރު ވެސް ކެމްޕޭނުގެ ހަރަކާތްތަކަށް ޚަރަދުކުރެވިފައިވާ ކަމަށް، އަންގާރަ ދުވަހު 'ޓްރުތު ސޯޝަލް މަންސައިގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވި އެވެ. "އިޝްތިހާރު ކުރުމާއި، ސީދާ އަދި ނުސީދާކޮށް ވޯޓުލާ މީހުންނާ ގުޅުން ގާއިމުކުރުމާއި، އެއްވުންތަކާއި، އެއްވުން ބާއްވާ މައިދާންތަކާއި، ޓެލެރެލީތަކާއި، ވޯޓުލާން މީހުން ނެރުމުގެ ޕުރޮގުރާމުތަކާއި، އިންތިޚާބުގެ ނަޒާހަތްތެރިކަން އަދި މި ނޫން ވެސް ކަންކަމަށް މިހާރު ވެސް 300 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ވަނީ ޚަރަދުކުރެވިފައި،" ޓްރަމްޕް ވިދާޅުވި އެވެ.
"ޤައުމު ފަނާވެދިޔުމުގެ ތުންފަތްމަތިން އަނބުރާ ގެނައުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައިވާ ރިޕަބްލިކަން ޕާޓީގެ ނަމުގައި މި ކަން ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް،" ޓްރަމްޕް ވިދާޅުވި އެވެ.
ނޮވެންބަރު މަހު ބާއްވާ ވޯޓަކީ "އަޅުގަނޑުމެންގެ ޤައުމުގެ ތާރީޚުގައި ވެސް ބާއްވާ އެންމެ މުހިންމު މިޑްޓަރމް އިންތިޚާބު" ކަމަށް އޭނާ ސިފަކުރެއްވި އެވެ. ވަކިވަކި ދާއިރާތަކުގެ ވާދަވެރި ގޮނޑިތަކަށް ޚަރަދުކުރާނެ މިންވަރު ހިމެނޭހެން، މި ޚަރަދުތަކުގެ އެއްވެސް ތަފުސީލެއް ރައީސް ހާމަކުރައްވާފައެއް ނުވެ އެވެ.
އިގުތިސާދީ ގޮންޖެހުންތަކާއި މަގުބޫލުކަން ދަށްވުން
ނަމަވެސް، މި ބޮޑު ޚަރަދު ކުރަން ވައުދުވެފައި މި ވަނީ، އިގުތިސާދާމެދު އުފެދިފައިވާ ހިތްހަމަނުޖެހުންތަކާއި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ދިގުލީ ހަނގުރާމަ ހިމެނޭހެން، އިންތިޚާބުގެ ކުރިން ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.
އިންތިޚާބާ ދިމާއަށް ދަތުރުކުރަމުން ދާއިރު، ޓްރަމްޕަށް އޮތް ތާއީދު ވަނީ ރެކޯޑު މިންވަރަކަށް ދަށަށް ގޮސްފަ އެވެ. އެމެރިކާގެ ރައްޔިތުންގެ ތެރެއިން މިހާތަނަށް ޓްރަމްޕްގެ މަސައްކަތްޕުޅާ މެދު ރުހުން އޮތީ އެންމެ %31 މީހުންގެ ކަމަށް، ރޮއިޓަރސް ނޫސް އޭޖެންސީއާއި ދިރާސާކުރާ އިދާރާ އިޕްސޯސް ގުޅިގެން މި ހަފުތާގައި ހެދި ޚިޔާލު ހޯދުމުގެ ވޯޓުން ވަނީ ދައްކާފަ އެވެ.
މީގެ ސަބަބުން، ރިޕަބްލިކަން ޕާޓީގެ ބައެއް ބޭފުޅުން ވަނީ ރައީސާ ދުރުހެލިވާން މަސައްކަތް ކުރައްވާފަ އެވެ. އަދި، ޚާއްސަކޮށް ޑިމޮކްރެޓުންނާ ދެމެދު ވަރުގަދަ ވާދަވެރިކަމެއް އޮތް ދާއިރާތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އެހެން ބޭފުޅުން ވަނީ ބާރުއަޅުއްވާފަ އެވެ.
ސުޕަރ ޕެކްގެ ދައުރާއި ގާނޫނީ ސުވާލުތައް
ޓްރަމްޕްގެ 'މޭކް އެމެރިކާ ގްރެއިޓް އަގެއިން' ހަރަކާތަށް ނިސްބަތްކޮށް އުފައްދާފައިވާ ސުޕަރ ޕެކް ކަމަށްވާ 'މާގާ އިންކް' އިން އެއްކޮށްފައިވާ ބޮޑު ފައިސާގެ ޚަޒާނާގެ ބޭނުން ޓްރަމްޕާއި އޭނާގެ ބައިވެރިން ހިފާނެތޯ ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.
ސުޕަ ޕެކެއްގެ ގޮތުގައި، ނުވަތަ ޕޮލިޓިކަލް އެކްޝަން ކޮމިޓީއެއްގެ ހައިސިއްޔަތުން، ފެޑެރަލް ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ނުވަތަ ދެކޮޅުހެދުމަށް ލިމިޓެއް ނެތި ފަންޑު ހޯދުމުގެ ފުރުސަތު މާގާ އިންކަށް އޮވެ އެވެ. ނަމަވެސް، އެ ޖަމާއަތުގެ ޚަރަދުތައް ކެންޑިޑޭޓުންގެ ކެމްޕޭންތަކާ މުޅިން ވަކިން، މިނިވަންކަމާ އެކު ބެހެއްޓުމަށް ގާނޫނީ ގޮތުން ލާޒިމުކުރެ އެވެ.
މާގާ އިންކްގެ ޚަރަދުތަކުގެ ކޮންޓުރޯލު އޮތް ކަމަށް ދައުވާކުރައްވައި ޓްރަމްޕް އެ ގަވާއިދުތަކާ ޚިލާފުވެވަޑައިގަންނަވާފައިވާ ކަމަށް، ކެމްޕޭން ފައިނޭންސް ބަލަހައްޓާ ޖަމާއަތެއް ކަމަށްވާ ކެމްޕޭން ލީގަލް ސެންޓަރުން (ސީއެލްސީ) ހުސްވި މަހު ވަނީ ތުހުމަތުކޮށްފަ އެވެ. އެ ޖަމާއަތުން މި ކަމަށް ހެކިދައްކާފައި ވަނީ ޓްރަމްޕް އާންމުކޮށް ދައްކަވާފައިވާ ވާހަކަފުޅުތަކަށެވެ.
މި ގޮތުން، ރިޕަބްލިކަން ކެންޑިޑޭޓުންނަށް އެ ފައިސާ ދޫކުރަން ފަށާނީ ކޮން އިރަކުތޯ ނޫސްވެރިން ސުވާލު ކުރުމުން، ސެޕްޓެންބަރު 4 ވަނަ ދުވަހު އޯވަލް އޮފީހުގައި ޓްރަމްޕް ދެއްވި ޖަވާބު އެ ޖަމާއަތުން ވަނީ ފާހަގަކޮށްފަ އެވެ. އޭނާގެ ޕާޓީއަށް އެހީވުމަށް ޓަކައި "ބޭނުންވި ކޮންމެ އަދަދެއްގެ ފައިސާއެއް" ޚަރަދުކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އަދި، "މިއީ މާގާ އިންކްގެ ފައިސާ. މިއީ އަޅުގަނޑުގެ ކޮންޓުރޯލު އޮތް އަޅުގަނޑުގެ ފައިސާ،" އޭނާ ވިދާޅުވި އެވެ.
ރިޕަބްލިކަން ޕާޓީގެ ކެމްޕޭން ވަސީލަތްތަކުގެ ތެރެއިން އެންމެ ނުފޫޒުގަދަ އެއް މާލީ ބާރަށް ވެގެންދާ ގޮތަށް، ސެޕްޓެންބަރު މަސް ފެށުނުއިރު މާގާ އިންކްގެ ރިޒާވުގައި ނަގުދު ފައިސާގެ ގޮތުގައި 415.8 މިލިޔަން ޑޮލަރު ހުރި ކަމަށް، އެންމެ ފަހުގެ ފެޑެރަލް ރިޕޯޓުތަކުން ވަނީ ދައްކާފަ އެވެ. ނަމަވެސް، އޮހާޔޯ ހިމެނޭހެން މުހިންމު ދާއިރާތަކުގައި އެ ސުޕަރ ޕެކުން ކުރި ބޮޑެތި ޚަރަދުތަކާއެކު ވެސް ރިޕަބްލިކަން ޕާޓީގެ ޕޯލިން ނަތީޖާތަކަށް ކުރިއެރުމެއް ނައީ ކީއްވެގެންތޯ ޓްރަމްޕް ސުވާލު އުފައްދަވާފައިވާ ކަމަށް، ރޮއިޓަރސްއިން ވަނީ ރިޕޯޓުކޮށްފަ އެވެ.
ފުޅާވަމުންދާ އިޝްތިހާރު ކެމްޕޭންތަކާއި ކޮންގްރެސްގެ މުސްތަގުބަލު
މާގާ އިންކްއާ ގުޅުންހުރި އަލަށް އުފެއްދި ދެ ޖަމާއަތް ކަމަށްވާ 'ނޯ ގޮއިންގ ބެކް ޕެކް' އަދި 'ސޭފްޓީ އެންޑް އެފޯޑަބިލިޓީ ޕެކް' ހިމެނޭހެން، ޓްރަމްޕަށް ތާއީދުކުރާ އެހެން ޖަމާއަތްތަކުން ވެސް ވަނީ ސިޔާސީ އިޝްތިހާރުތައް އިތުރުކޮށްފަ އެވެ. ވޭތުވެދިޔަ މަހު އެކަނި ވެސް ސިޔާސީ އިޝްތިހާރުތަކަށް ނޯ ގޮއިންގ ބެކް ޕެކުން 68.7 މިލިޔަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް، އިޝްތިހާރުތައް ބަލަހައްޓާ އެޑްއިމްޕެކްޓުން ވަނީ ހާމަކޮށްފަ އެވެ.
ޓްރަމްޕްގެ އަނެއް ބައިވެރިޔާ، ޓެކްނޮލޮޖީގެ ވިޔަފާރިވެރިޔާ އީލޮން މަސްކް، އޭނާގެ 'އެމެރިކާ ޕެކް' އަދި ރިޕަބްލިކަން އަދި ކޮންޒަވެޓިވް އެހެން ޖަމާއަތްތައް މެދުވެރިކޮށް މިދިޔަ އަހަރުން ފެށިގެން ރިޕަބްލިކަން ކެމްޕޭންތަކަށް 366 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިޑްޓަރމް އިންތިޚާބުގެ ފަހު ހަފުތާތަކުގައި، 32 ދުވަހުގެ ވަރުގަދަ ކެމްޕޭން ދަތުރުފުޅުތަކަކާ އެކު ޓްރަމްޕް އަމިއްލަފުޅަށް ވެސް ވަނީ ކެމްޕޭން މައިދާނަށް ނުކުމެވަޑައިގަންނަވާފަ އެވެ. ކުރިއަށް ހުރި މަންޒިލްތަކުގެ ތެރޭގައި ދެކުނު ކެރޮލައިނާ އަދި އަޔޯވާ ހިމެނެ އެވެ. މި އަހަރުގެ އިންތިޚާބުގައި އޮތް ނުރައްކަލާއި ފައިދާ ވަރަށް ބޮޑެވެ. ކޮންގްރެސްގެ ކޮންޓުރޯލު އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ.
މިހާރު ގާނޫނުހަދާ ދެ މަޖިލީހުގައި ވެސް ރިޕަބްލިކަން ޕާޓީއަށް އޮތީ ހަނި އަޣުލަބިއްޔަތެކެވެ. ނަމަވެސް، ޓްރަމްޕަށް އޮތް ތާއީދު ދަށަށް ދިއުމުގެ ފައިދާ ނަގައި، ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު އަނބުރާލުމަށް ޑިމޮކްރެޓުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ކަން ކާމިޔާބުވެއްޖެ ނަމަ، ރައީސްކަމުގެ ފަހު ދެ އަހަރުގައި ޓްރަމްޕްގެ ގާނޫނީ އެޖެންޑާއަށް ހުރަސްއެޅުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބިގެންދާނެ އެވެ.
މަސްދަރު: އަލް ޖަޒީރާ











