ރަޝިޔާއާ ދެކޮޅަށް އާ ޤާނޫނެއް، ނަމަވެސް ޓްރަމްޕް ނިންމެވީ އެއްވެސް ޓެރިފެއް ނުނަންގަވަން!
17 އޮކްޓޯބަރު 2026 | ހޮނިހިރު 04:05ރަޝިޔާއިން އެތެރެކުރާ މުދަލުން 500 އިންސައްތަ ޑިއުޓީ ނެގުމަށް 'ލިންޑްސޭ ގްރަހަމް އެކްޓް' ގެ ދަށުން ކަނޑައަޅާފައިވީ ނަމަވެސް، އެމެރިކާގެ ގައުމީ މަސްލަހަތަށްޓަކައި އެ ފިޔަވަޅުތައް ތަންފީޒުނުކޮށް މަޑުޖައްސާލުމަށް ރައީސް ޓްރަމްޕް ވަނީ ނިންމަވާފައެވެ. މި ނިންމެވުމާއެކު ރަޝިޔާގެ ތެލާއި ގޭސް ގަންނަ ގައުމުތަކަށް އަމާޒުކޮށްފައިވާ ބޮޑެތި ޓެރިފްތައް ވެސް ވަނީ ހިފަހައްޓާފައެވެ.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ބައްދަލުކުރައްވަނީ | ރޮއިޓަރސް
ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ އާ ގާނޫނު ތަންފީޒުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ރިޔާސީ ގާރާރެއް ނެރުއްވައިފިއެވެ. ނަމަވެސް، މި ގަރާރުގެ ދަށުން ކަނޑައަޅާފައިވާ ޓެރިފްތައް ނުވަތަ ރަޝިޔާއިން އެމެރިކާއިން އިމްޕޯޓުކުރާ މުދަލުން ނަގާ އިމްޕޯޓުޑިޔުޓީތަކާއި ދަތިކުރުމުގެ ގިނަ ފިޔަވަޅުތައް ތަންފީޒު ނުކުރުމަށް އޭނާ ވަނީ ނިންމަވާފަ އެވެ.
މި ގަރާރު ނެރުއްވާފައި ވަނީ 2026 ސެޕްޓެންބަރު 18 ގައި ރައީސް ޓްރަމްޕް ތަސްދީގުކުރެއްވި 'ލިންޑްސޭ އޯ ގްރަހަމް ސެންކްޝަނިންގ ރަޝިޔާ އެންޑް އީރާން އެކްޓް އޮފް 2026' ތަންފީޒުކުރުމުގެ ގޮތުންނެވެ. މި ގާނޫނަށް ނަންދެވިފައި ވަނީ އަވަހާރަވެފައިވާ ސެނެޓަރު ލިންޑްސޭ ގްރަހަމްގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
މި ގަރާރުގެ ދަށުން، ރަޝިޔާގެ މުދަލުން ނަގާ ޑިއުޓީ %500 އަށް ބޮޑުކުރަން އޮތީ ކަނޑައަޅާފައެވެ. މީގެއިތުރުން، އޮކްޓޫބަރު 18 އިން ފެށިގެން ނުވަތަ އެ ތާރީޚުގެ ފަހުން ރަޝިޔާގެ ތެލާއި ގޭސް އަލަށް ގަންނަ އެންމެ ބޮޑު ފަސް ޤައުމުގެ މުދަލުން އިތުރު %100 ގެ ޑިއުޓީއެއް ނެގުމަށް ވެސް އޮތީ ކަނޑައަޅާފައެވެ. އަދި، ރަޝިޔާގެ ތެލާ ގުޅޭގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް އެންމެ ބޮޑަށް އެހީތެރިވެދޭ ފަސް ފަރާތުން އެތެރެކުރާ މުދަލުން ވެސް %100 ގެ އިތުރު ޑިއުޓީއެއް ނެގުން މީގެ ތެރޭގައި ހިމެނެއެވެ.
ނަމަވެސް، އެމެރިކާގެ ޤައުމީ މަސްލަހަތަށް ރިއާޔަތްކުރައްވައި ޓްރަމްޕް ވަނީ މި ޑިއުޓީތައް ނެގުން މަޑުޖައްސަވާލައްވާފައި ކަމަށާއި، މި ކަމާ ގުޅޭ ލިޔުން ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ކަމަށް ވައިޓް ހައުސްއިން ބުންޏެވެ. މި ގޮތަށް ޑިއުޓީތައް ހިފެހެއްޓުމަށް ނިންމެވި ނިންމެވުން ދެމިއޮންނާނީ ރައީސް ނުވަތަ ޚާރިޖީ ވަޒީރު އިތުރު ފިޔަވަޅެއް އެޅުމަށް ކަނޑައަޅުއްވަންދެންނެވެ. ޓްރަމްޕް ދާދިފަހުން ވަނީ ރަޝިޔާގައި އުފައްދާ ޑީސަލް ގަތުމަށް އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ މަޝްވަރާކުރައްވައި އެއްބަސްވެވަޑައިގަންނަވާފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











