ސެޓެލައިޓް މުވާސަލާތު ހަނިކުރަން ނާންގަން، ޔޫކްރެއިން ސިޔާސަތަށް ބަދަލެއް ނުގެންނަން: ހެގްސެތު
21 އޮކްޓޯބަރު 2026 | ބުދަ 03:23ޔޫކްރެއިނަށް ދޭ އަސްކަރީ އެހީތަކާއި ސެޓެލައިޓް ޚިދުމަތްތައް ހަނިކުރަން އެމެރިކާއިން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ދޮގުކުރައްވައިފި. ޕޭޓްރިއަޓް މިސައިލް ފޮނުވުން ލަސްކުރަނީ އެމެރިކާގެ އަސްކަރިއްޔާއަށް ބޭނުންވާ މިންވަރު ކަށަވަރުކުރުމަށް ކަމަށާއި، ވޮޝިންގޓަނުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އޭނާ ވިދާޅުވި


އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ
ޔޫކްރެއިނާމެދު ވޮޝިންގޓަނުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ. އަދި، ސެޓެލައިޓް މުވާސަލާތީ ޚިދުމަތްތައް ހަނިކުރުމަށް ޕެންޓަގަނުން އެއްވެސް އިރުޝާދެއް ނެރެފައި ނުވާނެ ކަމަށާއި، އެމެރިކާގެ އަސްކަރިއްޔާއަށް ބޭނުންވާ މިންވަރަށް 'ޕޭޓްރިއަޓް' މަރުކާގެ މިސައިލް އިންޓަސެޕްޓަރުތައް ހުރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"'ޑިޕާޓްމަންޓް އޮފް ވޯ' އާ [ދިފާޢީ ވުޒާރާ] ގުޅޭ ގޮތުން ނޫސްތަކުގައި ދެކެވެމުންދާ ވާހަކަތަކުގެ ތެރޭގައި ހަގީގަތާ ޚިލާފު ގިނަ ކަންތައްތަކެއް އެބަހުރި،" އިއްތިހާދު ޤައުމުތަކުން ޔޫކްރެއިނަށް ޕޭޓްރިއަޓް އިންޓަސެޕްޓަރުތައް ފޮނުވުން ޕެންޓަގަނުން ލަސްކުރަމުންދާ ކަމަށް ބުނެ ފެތުރެމުންދާ ރިޕޯޓްތަކާ ގުޅިގެން ވިސްކޮންސިންގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ހެގްސެތު ވިދާޅުވި އެވެ.
"ޔޫކްރެއިނާމެދު އަޅުގަނޑުމެން ގެންގުޅޭ ވިސްނުމަށް އެއްވެސް ގޮތަކުން ބަދަލެއް ނުގެންނަން. ނަމަވެސް، އިންޓަސެޕްޓަރު ފަދަ ވަސީލަތްތަކަށް ބަލާއިރު، އަޅުގަނޑުމެންގެ ސިފައިންނަށް ވެސް ވީހާވެސް ގިނައިން އެ ތަކެތި ލިބިފައި ހުރުން ކަށަވަރުކުރަން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ. މި ހާލަތު ޔުކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީއަށް އެނގިވަޑައިގަންނަވާ ކަމަށް ހެގްސެތު ވިދާޅުވި އެވެ.
ޔޫކްރެއިނާމެދު އެމެރިކާގެ ސިޔާސަތު ބަދަލުނުވާ ކަމަށް ދެއްވި ޔަގީންކަން ސްޓާރޝީލްޑް ސެޓެލައިޓް ނެޓްވޯކުން ފޯރުކޮށްދޭ ޚިދުމަތަށް ވެސް ހިމެނޭތޯ ސުވާލުކުރުމުން، ވޮޝިންގޓަނުން އެއްވެސް އެހީތެރިކަމެއް އަނބުރާ ގެންގޮސްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން އެއްވެސް އެއްޗެއް ފަހަތަކަށް ނުޖައްސަން. އެންމެ ފަހުން އަމަލުކުރަން ޖެހޭ ޚިދުމަތުގެ ޝަރުތުތަކެއް އެބަހުރި، އަދި އެ ނިންމުންތައް ނިންމުމުގެ އިޚުތިޔާރު ސްޓާރލިންކަށް ލިބެނީ އެހެންވެގެން،" އޭނާ ވިދާޅުވި އެވެ.
"ނަމަވެސް، އަޅުގަނޑުމެން ދެކޭ ގޮތުގައި އެއްވެސް ކަމެއް ބަދަލެއް ނުވޭ. އަޅުގަނޑުމެން އެ ފަދަ އެއްވެސް އިރުޝާދެއް ދީފައެއް ނުވާނެ،" ހެގްސެތު ޔަގީންކޮށްދެއްވި އެވެ.
އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، ކީވްއަށް އަސްކަރީ އެހީ ފޯރުކޮށްދިނުމުގައި ޓްރަމްޕްގެ ސަރުކާރުން އަމަލުކުރަމުންދާ ގޮތާއި، ޔޫކްރެއިންގެ ސިފައިން ބޭނުންކުރަމުންދާ ސެޓެލައިޓް މުވާސަލާތީ ޚިދުމަތްތަކުގެ ހާލަތާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. އަދި، ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ސަރުކާރަށް ޒެލެންސްކީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ވަގުތެއްގަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











