އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު
18 އޮކްޓޯބަރު 2026 | އާދީއްތަ 03:03އީރާނުގެ ނިއުކްލިއާ މަޝްރޫއުތަކާއި މިސައިލް އުފެއްދުން ހުއްޓާނުލައިފިނަމަ، އެމެރިކާގެ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ފަނާކުރަނިވި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ދެއްވި. މީގެ އިތުރުން، އީރާނާއި ޗައިނާ އަދި ރަޝިޔާގެ ނުފޫޒު ކުޑަކޮށް، މުޅި ދުނިޔޭގައި އެމެރިކާގެ ބާރުވެރިކަން އަލުން ދެއްކެވުމަށް ރައީސް ޓްރަމްޕްގެ ސަރުކާރުން އިސްކަންދޭނެ ކަމަށް އޭނާ ވިދާޅުވި


އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ކޮންގްރެސްގައި ބޭއްވި އަޑުއެހުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ | އަނަދޮލު އޭޖެންސީ
އީރާނުގެ "ނިއުކްލިއާ އަމާޒުތައް" ދޫކޮށްލުމަށްފަހު އެއްބަސްވުމަކަށް އައުން ނުވަތަ ފަނާކުރަނިވި އަސްކަރީ ފިޔަވަޅުތަކަކާ ކުރިމަތިލުން ނޫން އިތުރު ގޮތެއް އީރާނަށް ނޯންނާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު އަނެއްކާ ވެސް ތެހްރާނަށް އިންޒާރު ދެއްވައިފި އެވެ.
"މަޝްވަރާގެ މޭޒުދޮށުގައި އެ ކަންކަން ދޫކޮށްލާނީތޯ، ނުވަތަ އެމެރިކާއިން ކޮންމެ ވަގުތަކު ގެނެސްދެވިދާނެ ފަދަ ފަނާކުރަނިވި ކަމަކާ ކުރިމަތިލާނީތޯ، މި ކަމުގައި ވަރަށް އަވަހަށް ގޮތެއް ނިންމަން އީރާނަށް މަޖުބޫރުވާނެ،" ޔުނިވަރސިޓީ އޮފް ޓެނެސީގެ ރިޒާވް އޮފިސާސް ޓްރެއިނިންގ ކޯގެ ކެޑޭޓުންނާއި އަސްކަރިއްޔާއަށް އަލަށް ގުޅުނު ފަރާތްތަކާ ވާހަކަފުޅު ދައްކަވަމުން ހެގްސެތު ވިދާޅުވި އެވެ.
އީރާނުން "ނިއުކްލިއާ އަމާޒުތައް" ހާސިލުކުރުމަށް މަސައްކަތްކުރަމުންދާއިރު، އެ ޤައުމާ ދެކޮޅަށް އަޅާފާނެ އަސްކަރީ ފިޔަވަޅުތައް ހުއްޓުވުމުގެ ބޭނުމުގައި ގިނަ އަދަދެއްގެ މިސައިލް އުފައްދައި، ބޮޑު ސްޓޮކެއް ރައްކާކުރުމުގެ މަސައްކަތްތައް ތެހްރާނުން ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި، ވާދަވެރިން މަޝްވަރާއަށް މަޖުބޫރުކުރުވުމަށް އެމެރިކާގެ އަސްކަރީ ބާރު ކޮންމެހެން މުހިންމު ކަމަށް ވެސް ހެގްސެތު ވިދާޅުވި އެވެ.
އީރާނަކީ "ހިޒްބުﷲގެ ޕްރޮކްސީތަކަށް ޚަރަދުކުރާ، އަދި ޔަމަނުގައިވާ ހޫޘީންގެ ޕްރޮކްސީތަކަށް ޚަރަދުކުރާ" ޤައުމެއް ކަމަށް ތުހުމަތު ކުރައްވަމުން، އެމެރިކާގެ ސިފައިންނަށާއި ކަނޑު ދަތުރުފަތުރަށް ދެވޭ ހަމަލާތައް ހުއްޓުވުމަށް ވޮޝިންގޓަނުން މަސައްކަތްކޮށްފައިވާ ކަމަށް ހެގްސެތު ވިދާޅުވި އެވެ.
ލެޓިން އެމެރިކާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކާޓެލްތައް ނުވަތަ ބޮޑެތި ގުރޫޕުތަކާ ދެކޮޅަށް ތެދުވުމާއި އީރާނާއި ޗައިނާ އަދި ރަޝިޔާގެ ނުފޫޒު ކުޑަކުރުން ހިމެނޭހެން، އެމެރިކާގެ ބާރު އަލުން ދެއްކެވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ ފުޅާ މަސައްކަތްޕުޅުގެ ބައެއްގެ ގޮތުގައި އީރާނާ މެދު ގެންގުޅޭ ސިޔާސަތު ހެގްސެތު ސިފަކުރެއްވި އެވެ.
ވެނެޒުއެލާއަކީ އިސްތިރާޖީ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި އެ ޤައުމުގެ ތެލުގެ ވަސީލަތްތަކަށް އަލިއަޅުއްވާލައްވަމުން، އެ ޤައުމުގައި އެމެރިކާއިން ހިންގާ ހަރަކާތްތަކަކީ އޭގެ ސަބަބުން "ޖީލުތަކަށް ދެމިގެންދާ އަސަރުތަކެއް" ފޯރާނެ ކަމެއް ކަމަށް ވެސް ހެގްސެތު ވިދާޅުވި އެވެ.
މުޅި އެމެރިކާ ބައްރުގައި އަސްކަރީ ހަރަކާތްތެރިކަމާއި ބައިވެރިވުންތައް ވަރުގަދަކުރަމުން، ހުޅަނގުގެ ބިންތަކުން ވާދަވެރިން ބޭރުކުރުމަށް ވޮޝިންގޓަނުން މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











