ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ 600،000 އަށްވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެ
14 އޮކްޓޯބަރު 2026 | ބުދަ 09:37ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާރުއަޅުއްވާފައި ވަނިކޮށް، ރަޝިޔާއިން ޔޫކްރެއިންގެ ހަކަތައިގެ ވިއުގަތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި ޔޫކްރެއިންގެ ބައެއް މީހުން މަރުވެފައިވާއިރު، ރަޝިޔާގެ ޚާރިޖީ ވަޒީރު ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ޔޫކްރެއިން ހައްގުނުވާ ކަމަށް ވިދާޅުވެފައި

ޑްރޯނެއް ބޭނުންކޮށްގެން ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދީފައިވާ ހަމަލާގައި ލިބިފައިވާ ގެއްލުންތައް | އެކްސް/ޒެލެންސްކީ
ރަޝިޔާއިން ރޭގަނޑުގެ ވަގުތުގައި ދިން މިސައިލާއި ޑްރޯން ހަމަލާތަކާ ގުޅިގެން، ޔޫކްރެއިންގެ އެކި ކަންކޮޅުތަކުން މަދުވެގެން 600،000 މީހުން މިހާރު ތިބީ ކަރަންޓުގެ ޚިދުމަތުން މަޙްހްރޫމުވެފައި ކަމަށް އެ ޤައުމުގެ ރައީސް ވޮލޮދްމީރް ޒެލެންސްކީ ހާމަކުރައްވައިފި އެވެ.
ކީވް އަދި ވެރިރަށް ހިމެނޭ ސަރަހައްދުގެ އިތުރުން އިރުއުތުރުގެ ޚަރްކީވްގެ "މުހިންމު" ހަކަތައިގެ ވިއުގަތަކަށް ހަމަލާ އަރާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ ރަޝިޔާއާއި ޔޫކްރެއިނުން ހަކަތައިގެ ވިއުގައާއި، އިންޖީނުގެތަކާއި ހަކަތައިގެ ސިނާއަތުގެ ބިނާރަށް ދެމުންދާ ހަމަލާތައް މެދުލަނޑާލަން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް، އެ ވާހަކަފުޅާ ޚިލާފަށް ރަޝިޔާއިން މި ހަމަލާތައް ދީފައިވާ ކަން ޒެލެންސްކީ ފާހަގަކުރެއްވި އެވެ.
ކީވް އަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް ތިން މީހުން މަރުވެ، 21 މީހުން ޒަޚަމުވެފައިވާ ކަމަށް ޔޫކްރެއިންގެ ކުއްލި ހާލަތްތަކާ ބެހޭ ޚިދުމަތް، ޑީއެސްއެންއެސްއިން ހާމަކުރި އެވެ. ރޭގަނޑުގެ ވަގުތުގައި ދިން "ވަރުގަދަ" ހަމަލާތަކުގައި އަމާޒުކޮށްފައި ވަނީ، ޔޫކްރެއިންގެ އަސްކަރިއްޔާއިން ބޭނުންކުރަމުން ދިޔަ ކީވް އަދި ޚަރްކީވް ސަރަހައްދުގެ މުވާސާލާތީ އަދި ހަކަތައިގެ މަރުކަޒުތަކަށް ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.
މި ގޮތުން ވެރިރަށް މޮސްކޯއާއި، 2014 ވަނަ އަހަރު ރަޝިޔާއިން ވެރިވެގަތް ޔޫކްރެއިންގެ ދެކުނުގެ ކްރައިމިޔާ ޕެނިންސިއުލާ ހިމެނޭހެން، ރަޝިޔާގެ އެކި ސަރަހައްދުތަކުން ޔޫކްރެއިންގެ 902 ޑްރޯން ރޭގަނޑުގެ ވަގުތުގައި ވައްޓާލާފައިވާ ކަމަށް ވެސް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ހާމަކުރި އެވެ.
ރޭގަނޑުގެ ވަގުތުގައި ރަޝިޔާއިން 39 ބެލިސްޓިކް އަދި ކްރޫޒް މިސައިލާއި 128 ޑްރޯން ފޮނުވާލާފައިވާ ކަމަށާއި، އޭގެ ތެރެއިން ހަތަރު މިސައިލާއި 115 ޑްރޯން ވައްޓާލާފައިވާ ކަމަށް ޔޫކްރެއިންގެ ވައިގެ ސިފައިން ހާމަކުރި އެވެ.
އާދީއްތަ ދުވަހު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ޓްރަމްޕް ވިދާޅުވީ: "މިހިނދުން ފެށިގެން، ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގައި ހަކަތައިގެ ވިއުގަތަކަށް ހަމަލާދިނުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ވަނީ އާދެވިފައި. ދެ ފަރާތުން ވެސް ވަނީ އެއްބަސްވެފައި. މިއާ ޚިލާފުނުވާތި!"
މޮސްކޯއިން ވެސް އެ ފަދައިން އަމަލުކުރާ ނަމަ، ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށާއި އެހެނިހެން ހަކަތައިގެ މަރުކަޒުތަކަށް ދޭ ހަމަލާތައް ހުއްޓާލުމަށް ޔޫކްރެއިން އޮތީ ތައްޔާރަށް ކަމަށް ޒެލެންސްކީ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ނަމަވެސް، ހަނގުރާމަ ހުއްޓާލުމަކުން ލިބޭނެ "ލުޔަކަށް" ޔޫކްރެއިން ހައްގު ނުވާ ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސިރްގިޔޭ ލެވްރޮފް ވަނީ ވިދާޅުވެފަ އެވެ. އަދި، ކޮންމެ އެއްބަސްވުމެއްގެ ދަށުން ނަމަވެސް، ހަނގުރާމަ ކުރިއަށް ގެންދިއުމަށް ޓަކައި ވިލާތުން ޔޫކްރެއިނަށް "އާ ހަތިޔާރު ފޯރުކޮށްދޭނެ" ކަމަށް ވެސް ލެވްރޮފް ވިދާޅުވި އެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން 2022 ވަނަ އަހަރު ޔޫކްރެއިނަށް ސިފައިން ފޮނުއްވައި، ހަނގުރާމަ ފަށްޓަވާފައިވާއިރު، މިހާރު ޔޫކްރެއިންގެ ބިމުގެ ގާތްގަނޑަކަށް %20 ކޮންޓްރޯލް ކުރަނީ މޮސްކޯއިންނެވެ. ޔޫކްރެއިންގެ ބިންތައް ދިފާޢުކުރުމަށް ވިލާތުގެ އިއްތިހާދާއި (އީޔޫ)، ނޭޓޯގެ އިތުރުން އެމެރިކާއިން ދަނީ އަސްކަރީ އަދި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މަސްދަރު: ބީބީސީ











