ފައިސާގެ ދަތިކަމާހުރެ ޣައްޒާއަށް ދޭ އެހީ ތިންބައިކުޅަ އެއްބަޔަށް ކަނޑާލައިފި، ބައި މިލިޔަން މީހުން ހާލުގައި
19 އޮކްޓޯބަރު 2026 | ހޯމަ 09:24ޣައްޒާގެ އާބާދީގެ ބޮޑު ބަޔަކަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާއިރު، ބަޖެޓުގެ ދަތިކަމާ ހުރެ އެހީގެ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދުކުރަން ޑަބްލިޔުއެފްޕީއަށް ވަނީ މަޖުބޫރުވެފައި. މި ނާޒުކު ހާލަތުން އަރައިގަތުމަށް ކުރިއަށް އޮތް ހަ މަސްދުވަހަށް 450 މިލިޔަން ޑޮލަރު ބޭނުންވާކަމަށް އެ އެޖެންސީން ހާމަކުރޭ


ފަލަސްތީނުގެ ޣައްޒާގައި ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމުން ހިންގާ ކާބޯތަކެތި ބަހާ މަރުކަޒެއް | އަނަދޮލު އޭޖެންސީ
ފިނި މޫސުން ކައިރިވަމުން އަންނަނިކޮށް، ބަޖެޓުގެ ދަތިކަމާ ހުރެ ޣައްޒާއަށް ފޯރުކޮށްދޭ ކާބޯތަކެތީގެ އެހީ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔަށް މަދުކުރަން މަޖުބޫރުވެ، ބައި މިލިޔަން މީހުން ކޮންމެހެން ބޭނުންވާ އަސާސީ އެހީތެރިކަމުން މަހުރޫމުވެފައިވާ ކަމަށް އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމުން (ޑަބްލިޔުއެފްޕީ) ހޯމަ ދުވަހު އިއުލާނުކޮށްފި އެވެ.
ކާބޯތަކެތީގެ އެހީގެ މިންވަރު ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްފައިވާއިރު، ވޭތުވެދިޔަ މަހު ޣައްޒާގެ 1.6 މިލިޔަން މީހުންނަށް އެހީ ފޯރުކޮށްދިން ނަމަވެސް މިހާރު އެހީތެރިކަން ލިބެމުންދަނީ އެހީއަށް ބޭނުންޖެހިފައިވާ 1.1 މިލިޔަން މީހުންނަށް ކަމަށް އެ އޭޖެންސީން ނެރުނު ބަޔާނެއްގައި ބުންޏެވެ. މި ގޮތުން އެހީ ލިބޭ އާއިލާތަކަށް ކުރިން ދެމުން އައި ކާބޯތަކެތީގެ ދެ ޕެކެޓުގެ ބަދަލުގައި ދެން ލިބޭނީ އެއް ޕެކެޓު ކަމަށާއި، ގޮދަންފުށް ބަސްތާގެ ސައިޒު ވެސް ކުޑަކޮށްފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކުރި އެވެ.
ކޮންމެ ދުވަހަކު ފޯރުކޮށްދޭ ހޫނު ކެއުމުގެ އަދަދު 250،000 އިން 150،000 އަށް ދަށްކޮށްފައިވާއިރު، އިސްރާއީލް ސިފައިންގެ ކޮންޓްރޯލް އޮންނަ 'ޔެލޯ ލައިން' ކައިރި ހިމެނޭހެން، ދަތުރުފަތުރު ކުރުމަށް ދަތި ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތަކަށް ކޮންމެ ދުވަހަކު ކާބޯތަކެތި ފޯރުކޮށްދިނުމުގެ ބަދަލުގައި ދެން ލިބޭނީ ދެ ދުވަހުން އެއް ދުވަހު ކަމަށް ވެސް ހާމަކުރި އެވެ. މިއާއެކު، 75،000 އާއިލާއަކަށް ދެމުން އައި ފައިސާގެ އެހީގެ އަދަދު ވެސް އެ އޭޖެންސީން ވަނީ ކުޑަކޮށްފަ އެވެ.
ޣައްޒާގެ އާބާދީގެ %67 ނުވަތަ އަންދާޒާކުރެވޭ ގޮތުގައި 1.4 މިލިޔަން މީހުން ކާބޯތަކެތީގެ ދަތިކަމުގެ ނާޒުކު ހާލަތާ ނުވަތަ އެއަށްވުރެ ވެސް ގޯސް ހާލަތަކާ ކުރިމަތިލަމުންދާއިރު، ބަނޑުހައިހޫނުކަމުގެ ސަބަބުން މީހުން މަރުވުން ހުއްޓުވުމަށް ޓަކައި ވަގުތުން ކާބޯތަކެތީގެ އެހީ ބޭނުންވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާތްގަނޑަކަށް 200،000 މީހުން އެބަތިބި ކަމަށް ޑަބްލިޔުއެފްޕީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ފައިދާހުރި ކާނާގެ ބާވަތްތައް ހިމެނޭ ފުރިހަމަ ކެއުމެއް ލިބެނީ ކޮންމެ ފަސް ކުދިންގެ ތެރެއިން އެންމެ ކުއްޖަކަށް ކަމަށްވާއިރު، ވަޒީފާ ނެތް މީހުންގެ ނިސްބަތް %80 އަށްވުރެ މައްޗަށް ގޮސްފައިވުމުން ގިނަ އާއިލާތަކަށް ފައިދާހުރި ކާބޯތަކެތި ގަތުމުގެ ކުޅަދާނަކަން ވަނީ ގެއްލިފަ އެވެ.
2025 އޮކްޓޫބަރުގައި ޤަތުލުއާންމު ހުއްޓާލިކަމަށް ޔަހޫދީ އިސްރާާއީލުން އިއުލާނުކުރި ފަހުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އައިސްފައިވާ ކުރިއެރުންތަކަކީ "ވަރަށް ކުޑަ" ކުރިއެރުންތަކެއް ކަމަށާއި، އިންސާނީ އެހީތެރިކަން އިތުރަށް މަދުކޮށްފި ނަމަ ވަރަށް އަވަހަށް ބަދަލުވެގެން ހިނގައިދާނެ އެ ހާލަތު އަދިވެސް އޮތީ "ވަރަށް ނާޒުކު" ފައްތަރެއްގައި ކަމަށް ޑަބްލިޔުއެފްޕީން އިންޒާރު ދިނެވެ.
އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ފައިސާގެ ދަތިކަމުގެ ސަބަބުން ފޯރުކޮށްދޭ އެހީ ވެސް ދެބައިކުޅަ އެއްބަޔަށް ކުޑަކުރަން އެ އޭޖެންސީއަށް ވަނީ މަޖުބޫރުވެފަ އެވެ. މި ގޮތުން އެ ސަރަހައްދުގައި އެހީ ލިބޭ މީހުންގެ އަދަދު ވަނީ 400،000 އިން 200،000 އަށް ދަށްކޮށްފަ އެވެ. އަދި, ކުރިއަށް އޮތް ހަ މަސްދުވަހަށް، އެއީ 2027 މާރިޗުގެ ނިޔަލަށް، ޣައްޒާ އަދި ހުޅަނގު އައްސޭރީގެ ކާބޯތަކެތީގެ މުހިންމު އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ޓަކައި ކުއްލި ގޮތެއްގައި 450 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް އެ އޭޖެންސީން ހާމަކުރި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











