ޔަހޫދީ ޓެރެރިސްޓުންގެ ހަމަލާތައް ހުއްޓުވަން އެމެރިކާގެ ޕްރެޝަރު އިސްރާއީލަށް: ނޫސްވެރިޔަކު ޒަޚަމުކޮށްލި މައްސަލައިގައި ހޫނު ބަހުސެއް
18 އޮކްޓޯބަރު 2026 | އާދީއްތަ 07:45ހުޅަނގު އައްސޭރީގައި އެމެރިކާގެ ފޮޓޯޖާނަލިސްޓަކަށް ޔަހޫދީ ވަޒަންވެރިން ދިން އަނިޔާވެރި ހަމަލާ އެމެރިކާ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. މި ހަމަލާގައި ބައިވެރިވި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމެރިކާއިން އިސްރާއީލަށް ގޮވާލާފައިވާއިރު، މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އިސްރާއީލުން މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވި


ޔަހޫދީ ޓެރެރިސްޓު ވަޒަންވެރިން ހަމަލާދީފައިވާ އެމެރިކާގެ ފޮޓޯޖަރނަލިސްޓުު ހެއިޑީ ލެވީންއަށް ރާމަالله ގެ ހަސްފަތާލެއްގައި ފަރުވާދެނީ | އޭއެފްޕީ
އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި އެމެރިކާގެ ނޫސްވެރިޔާ ހެއިޑީ ލެވީންއަށް ދިން ހަމަލާއާ ގުޅިގެން، އެ ކަމުގައި ޒިންމާވާ މީހުންގެ މައްޗަށް ދައުވާ އުފުލައި ޖަލަށް ލުމަށް އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ހަކަބީ އިސްރާއީލަށް ގޮވާލައްވާފައި ވަނިކޮށް، ޔަހޫދީ ޓެރެރިސްޓު ވަޒަންވެރިންގެ ހަމަލާތައް ހުއްޓުވުމަށް އިސްރާއީލުން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރުމަށް ވޮޝިންގޓަނުން އެދޭ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ އަންހެން ފޮޓޯގްރާފަރެއް ކަމަށްވާ ލެވީންއަށް ހަމަލާ ދިނުމަކީ މޫނު ނިވާކޮށްގެން ތިބި ފިނޑިން ހިންގި ނުރުހެވޭ ފަދަ ޓެރަރިޒަމްގެ އަމަލެއް ކަމަށް، ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަކަބީ ވިދާޅުވި އެވެ. ހަތިޔާރެއް ނެތް ރިޕޯޓަރަކަށް ހަމަލާދިން މީހުން އެތައް އަހަރެއް ޖަލުގައި ހޭދަކުރަން ޖެހޭނެ ކަމަށް، އޭނާ ވިދާޅުވި އެވެ. މި ކަމުގައި ބައިވެރިވި ކޮންމެ މީހަކާ މެދު ގާނޫނުގެ އެންމެ ފުރިހަމަ ބާރު ބޭނުންކޮށްގެން ފުރިހަމަ ތަހުގީގެއް ހިންގައި، ހައްޔަރުކޮށް، ދައުވާ އުފުލުމަށް އެދިފައިވާނެ ކަމަށް ވެސް ހަކަބީ ވިދާޅުވި އެވެ.
ލެވީންއަށް ދިން ހަމަލާއާ ގުޅޭ ގޮތުން އެމެރިކާގެ ޚާރިޖީ ވުޒާރާއިން މައުލޫމާތު އޮޅުންފިލުވާފައިވާ ކަމަށާއި، އާދީއްތަ ދުވަހުގެ ނިޔަލަށް ޤުދުސްގައި ހުންނަ އެމެރިކާގެ އެމްބަސީން ޖަވާބެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް، ހޮނިހިރު ދުވަހު މާކޯ ރޫބިޔޯ ވިދާޅުވި އެވެ.
ދައުރުވަމުންދާ މަންޒަރުތަކާއި ފޮޓޯތަކުގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށް، މެރީލެންޑްގެ ޖޮއިންޓް ބޭސް އެންޑްރޫސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރޫބިޔޯ ވިދާޅުވި އެވެ. އަދި, އެ ފަދަ އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިސްރާއީލުގެ ކިބައިން އެދިފައިވާނެ ކަމަށާއި، އެ ގޮތަށް އެދެމުން ގެންދަވާނެ ކަން އޭނާ ބަޔާންކުރެއްވި އެވެ. ރޫބިޔޯ ނޫސްވެރިންނަށް މި މޭރުމުން މައުލޫމާތު ދެއްވީ، ދި ވޮޝިންގޓަން ޕޯސްޓްގެ ފޮޓޯޖާނަލިސްޓެއް ކަމަށްވާ ލެވީންއަށް ޔަހޫދީ ޓެރެރިސްޓު ވަޒަންވެރިން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ ފެތުރިގެން ދިޔުމާ ގުޅިގެންނެވެ.
ކުރިމަގުގައި އެ ފަދަ ކަންކަން ހިނގިޔަނުދިނުމަށް އެމެރިކާ އެދޭ މިންވަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިސްރާއީލަށް އަންގާނެ ކަން ރޫބިޔޯ ފާހަގަކުރެއްވި އެވެ. އަދި, މި ވަގުތު އެ ފަދަ ކަމަކަށް އެމެރިކާ ބޭނުން ނުވާ ކަމަށާއި، އިސްރާއީލް ވެސް މި ވަގުތު އެ ފަދަ ކަމަކަށް ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅަނގު އައްސޭރީގައި ހުކުރު ދުވަހު ފަލަސްތީނުގެ ރައްޔިތުން ޒައިތޫނި ބިންނަމުން ދިޔަ މަންޒަރުތައް ކަވަރު ކުރަމުން ދަނިކޮށް، އިސްރާއީލުގެ ޓެރެރިސްޓު ވަޒަންވެރިން ވަނީ ލެވީންއަށާއި ފަލަސްތީނުގެ ބައެއް ރައްޔިތުންނަށް އަނިޔާވެރި ހަމަލާތަކެއް ދީފަ އެވެ. އެ ސަރަހައްދަށް އިސްރާއީލުގެ ވަޒަންވެރިން ގަދަކަމުން ވަދެގަނެ، އޭނާގެ ގައިގައި ތަޅައި އަނިޔާކުރުމުގެ އިތުރުން އޭނާގެ ޕާސްޕޯޓާއި ފޯނާއި ވޮލެޓާއި މަސައްކަތަށް ބޭނުންކުރާ ސާމާނު ވަގަށް ނަގާފައިވާ ކަމަށް، މަންޒަރު ފެނުނު މީހުން ބުންޏެވެ.
ފުޅިއާއި އޮަށްގާ އުކާ، ހަތިޔާރު ހިފައިގެން ތިބި ވަޒަންވެރިން ގާތްގަނޑަކަށް 10 މިނެޓު ވަންދެން އޭނާގެ ގައިގައި ކޮޅުފައިން ޖަހަމުން ދިޔަ ކަމަށާއި، އޭނާ މަސައްކަތް ކުރަމުން ދިޔައީ ކެމެރާތަކާއި ދަބަސް ހިފަހައްޓައިގެން އޮތުމަށް ކަމަށް ލެވީން ބުންޏެވެ. މި ހަމަލާ ދިން މަންޒަރު ފެނުނު މިނިވަން ނޫސްވެރިއެއް ކަމަށްވާ ޖެސްޕާ ނަތަނިއަލް ބުނީ، ލެވީންގެ ހާލަތު އޮތީ ވަރަށް ނާޒުކުކޮށް ކަމަށާއި، އޭނާއަށް ކޮޅަށް ތެދުވެވޭ ވަރު ވެސް ނުވާ ކަމަށެވެ.
ރާމަﷲގެ އިރުއުތުރުން އޮންނަ އަބޫ ފަލާހުގައި ދިން މި ހަމަލާއަށް ފަހު، އުމުރުން 64 އަހަރުގެ ލެވީން ވަނީ ހަސްފަތާލަށް ގެންގޮސްފަ އެވެ . އަތުން ވަކިވާން ކައިރިވެފައި އޮތް އޭނާގެ އިނގިއްޔަކަށް އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި، އަދި އަރިކަށީގެ ކަށިގަނޑެއް ބިންދައިގެން ގޮސް، މައިބަދައިގެ ބައެއް ބަދަތައް ބިންދައިގެން ދިޔުމުގެ އިތުރުން ފުން ޒަޚަމުތަކެއް ލިބިފައިވާ ކަމަށް، އެމެރިކާގެ ފޮޓޯޖާނަލިސްޓުގެ ދަރިފުޅު ބުންޏެވެ.
އޮކްޓޫބަރު 27 ގައި ބާއްވާ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ވަޒަންވެރިންނަށް ތާއީދުކުރާ ކަނާތުފިޔައިގެ ބާރުތައް ވަރުގަދަކުރަން ބޭނުންވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުކުރު ދުވަހު ދައުވާ ބުނީ، ލެވީންއަށާއި ފަލަސްތީނުގެ އެހެން ރައްޔިތުންނަށް ދިން ހަމަލާގެ ފަހަތުގައި ތިބީ ފަލަސްތީނު މީހުން ނުވަތަ "ވާތުފިޔައިގެ" ހަރަކާތްތެރިން ކަމަށް ވެދާނެ ކަމަށެވެ.
ނަތަންޔާހޫ އެ މީހުންގެ ވަނަވަރާ މެދު ޝައްކު އުފެއްދުމާ ގުޅިގެން، އެމެރިކާ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ޓެރެރިސްޓު ވަޒަންވެރިން ދޭ ހަމަލާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އަދި އިސްރާއީލުގެ ވަރުގަދަ މަދަދުގާރެއް ކަމަށްވާ ސަފީރު ހަކަބީ، އެ އަމަލު ހިންގި ބަޔަކީ ވަޒަންވެރިން ކަން ފާހަގަކުރައްވާފައެއް ނުވެ އެވެ.
ވަޒަންވެރިން ހިންގި ޖަރީމާތަކާ ގުޅޭ ގޮތުން އެ ސަރަހައްދުގެ ރައްޔިތުންގެ ތަޖުރިބާތަކުގެ އަޑުއެއްސެވުމަށް، ޓްރަމްޕް އައްޔަންކުރެއްވި ސަފީރު ވަނީ ސެޕްޓެންބަރު މަހު ހުޅަނގު އައްސޭރީގެ ތުރުމުސް އައްޔާ އަވަށުގައި ދިރިއުޅޭ އެމެރިކާ ދަރިކޮޅުގެ ފަލަސްތީނު މީހުންނާ ބައްދަލުކުރައްވާފަ އެވެ . އަދި, އޮގަސްޓު މަހު އިސްރާއީލުގެ ވަޒަންވެރިން ދުވަސްތަކަކަށް ދެމިގެންދާ ގޮތަށް ހިންގި ހިސާރުތަކަކީ "ޓެރަރިޒަމްގެ އަމަލެއް" ގެ ގޮތުގައި ހަކަބީ ސިފަކުރެއްވި އެވެ.
ލެވީންގެ ގައިގައި ތަޅައިގަތް މައްސަލައިގައި، "އެއްވެސް ފަރާތަކުން ހިންގާ ޖިނާއީ އަނިޔާވެރިކަން" ކުށްވެރިކުރާ ކަމަށް ބުނެ، ހުކުރު ދުވަހު ދިން ހަމަލާއަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ފާޑުކިޔާފައި ވަނީ ވަރަށް ބޮޑަށް ބަސްމަގު ބަލައިގެންނެވެ.
ޣައިރުގާނޫނީ ގޮތުގައި އިސްރާއީލުން ގާއިމުކޮށްފައިވާ ވަޒަންވެރިންގެ އަމަލުތައް މޮނިޓަރުކުރާ އިސްރާއީލުގެ ޖަމާއަތެއް ކަމަށްވާ ޔެޝް ދިންއިން ބުނީ، ޒައިތޫނި ބިންނަ މޫސުން ފެށުނު ދުވަސްވަރު ކަމަށްވާ ސެޕްޓެންބަރު 27 ގެ ފަހުން، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގި މަދުވެގެން 170 ޖަރީމާގެ ތެރޭގައި އިސްރާއީލުގެ ވަޒަންވެރިން ބައިވެރިވެފައިވާ ކަމަށެވެ. އެމެރިކާގެ ރައްޔިތަކަށް ޔަހޫދީ ޓެރެރިސްޓު ވަޒަންވެރިން ހަމަލާދިން މައްސަލަ އެމެރިކާއަށް ބޮޑުވެގެން އުޅޭއިރު، މިއީ ކޮންމެ ދުވަހަކު ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ތަހައްމަލު ކުރަމުންދާ ހާލަތު ކަމަށް މަސްރަހުގެ ދާރިސުން ފާހަގަކުރައްވަ އެވެ.
މަސްދަރު: އަލް ޖަޒީރާ











