އިސްރާއީލު މީހުން ވަޒަންވެރިވުމާއި "ޖިހާދީ" ލޭބަލް: މަޖިލީހުގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް އަދިވެސް ރައްޔިތުން ތިބެންވީ ހިމޭނުންތަ؟
14 އޮކްޓޯބަރު 2026 | ބުދަ 12:31ބިލެތްދޫ ދާއިރާގެ މެންބަރު މަޖިލީހުގައި ދީނީ މުގައްދަސް ޒިކުރުތަކާއި "ޖިހާދީ" ފަދަ ލަފުޒުތައް ބޭނުންކުރައްވައި ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކުގެ ސަބަބުން ގައުމީ ސަލާމަތަށާއި އިގްތިސާދަށް ނުރައްކާވެދާނެ ކަމުގެ ބިރު ވަނީ ހީވެފައި. އިޒްރޭލު މީހުން ރާއްޖޭގައި ވަޒަންވެރިވުމާ ގުޅޭގޮތުން މެންބަރު ޖެއްސެވި ސަމާސާއަކީ ގައުމީ މަސްލަހަތަށްވުރެ ސިޔާސީ މަންފާ އިސްކުރުން ކަމަށް ބެލެވޭތީ، މިފަދަ ކަންކަމާ މެދު ރައްޔިތުން މިއަދު ސުވާލު އުފައްދަން ޖެހޭ.


ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު އަސްލަމް | ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހަކީ ގައުމުގެ އެންމެ މަތީ މަސްލަހަތާއި ދިވެހިންގެ ދީނީ އަދި ގައުމީ ހައްގުތައް ހިމާޔަތް ކުރުމަށް ވަކާލާތުކުރަންޖެހޭ އެންމެ ޝަރަފުވެރި މައިދާނެވެ. ނަމަވެސް، ފަހަކަށް އައިސް މަޖިލީހުގެ ތަޅުމުގައި ސިޔާސީ ބަހުސްތައް މިސްރާބު ޖަހާފައިވާ ގޮތުންނާއި، ޚާއްސަކޮށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު އަސްލަމް ދެއްކެވި ބައެއް ވާހަކަތަކާ ގުޅިގެން މިއަދު އުފެދެނީ ސީރިއަސް ސުވާލުތަކެކެވެ. އިސްރާއީލުގެ މީހުން ރާއްޖޭގައި ވަޒަންވެރިވެ، އިމާރާތްތަކުން ތަންތަން ގަނެގެން ދިރިއުޅުމަކީ މައްސަލައެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން، އަދި އެފަދަ ކަމެއް ދިމާވުމުން ދެން އަމަލުކުރާނެ ގޮތް މަޖާޒީ މިސާލުތަކަކަށް ހައްދަވައި ދެއްކެވި ވާހަކަތަކަކީ ދިވެހިންގެ ވިސްނުން ވެއްޓިފައިވާ ދަށު ދަރަޖަ ހާމަކޮށްދޭ، ގައުމީ ގޮތުން ނުރައްކާތެރި މަންޒަރެކެވެ.
އިސްރާއީލު މީހަކު އިމާރާތަކުން ތަނެއް ގަންނަނީ، އެ މީހާގެ ގޭގެ ދެފަރާތުގައި އިދިކޮޅު މެންބަރުންގެ ގޭގެ ބައިންދާފައި، އެ މީހާ ބޭރުކޮށްލަން އިޝާ ނަމާދަށްފަހު އެއް ގެއިން މިއުރާޖު މައުލޫދު އަދި އަނެއް ގެއިން ކީރިތި ރަސޫލާ ﷺ ގެ ސިޔަރަތު ބާރަށް ޖަހައިގެން އޭނާއަށް ނުނިދިގެން ފިލައިގެން ދާނެއަހުމަދު އަސްލަމް
މާތް ނަބިއްޔާ ﷺ ގެ މަތިވެރި ސިޔަރަތާއި، ދީނީ މުގައްދަސް ޒިކުރުތަކަކީ ސިޔާސީ ޖެއްސުމާއި ޖޯކުތަކަށް ބޭނުންކުރަން އޮތް ވަސީލަތެއް ނޫނެވެ. ގައުމަށް ޣައްދާރުވެދާނެ ނުވަތަ އިސްލާމީ އުންމަތަށް ގެއްލުންދޭ ފަރާތްތަކާ މެދު އަޅަންޖެހޭ ސިޔާސީ އަދި ގާނޫނީ ފިޔަވަޅުތަކުގައި ފަރުވާކުޑަކޮށް، "ކަމެއް ދިމާވުމުން ދެން ބަލާނީ" ކަމަށް ބުނެ މިފަދަ ހައްސާސީ މައްސަލަތައް ސަމާސާއަކަށް ހެދުމަކީ ގައުމީ ސަލާމަތަށް ވެވޭ ވަރަށް ބޮޑު އިހުމާލެއްނޫންތޯ އެވެ.
ވަކިން ޚާއްސަކޮށް، މަޖިލީހުގެ ތަޅުމުގައި "މިއީ ޖިހާދީ ގައުމެއް، އަޅުގަނޑުމެންނަކީ މުޖާހިދުން" ފަދަ އިބާރާތްތަކުން ވާހަކަ ދެއްކެވުމަކީ އިންތިހާއަށް ނުރައްކާތެރި، ޒިންމާދާރުކަން ކުޑަ އަމަލެކެވެ. ދިވެހިރާއްޖެއަކީ ހަނގުރާމަވެރި ނުވަތަ ޖިހާދީ ގައުމެއް ނޫނެވެ. ދިވެހީން ދީނާއި ޤައުމުގެ ދިފާއުގައި ތެދުވާނީ އަދި ޖިހާދުކުރާނީ އެފަދަ ނުރައްކަލެއް ގައުމަށް ސީދާ ކުރިމަތިވެ، އެކަން ކުރަން ޖެހިއްޖެ ހާލަތެއްގަ އެވެ. މަޖިލީހުގެ ތަޅުމުގައި ދައްކާ ކޮންމެ ވާހަކައަކީ ރެކޯޑުކުރެވި، ބައިނަލްއަގުވާމީ ފެންވަރުގައި އިނގިރޭސި ބަހަށް ތަރުޖަމާކުރެވި، ދުނިޔޭގެ އެކި ގައުމުތަކާއި ޖަމާއަތްތަކުން ބަލަމުންދާނެ އެއްޗެކެވެ. ފަތުރުވެރިކަމަށް މުޅިންހެން ބަރޯސާވެފައިވާ ކުޑަ ގައުމެއްގައި، އިއްޒަތްތެރި މެންބަރުން މިފަދައިން ހަނގުރާމަވެރި ލޭބަލްތައް އަމިއްލަ ގައުމުގެ ބޮލުގައި އެޅުވުމަކީ ގައުމުގެ އިގުތިސާދަށާއި، ރައްކާތެރިކަމުގެ ތަސައްވުރަށް ބައިނަލްއަގުވާމީ ގޮތުން އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއްނޫންތޯ އެވެ.
މީގެ އިތުރުން ސަލާހުއްދީނުލް އައްޔޫބީއާއި ބޮޑުތަކުރުފާނު ފަދަ ތާރީޚީ އަފްތާލުންގެ ނަންފުޅުތަކަކީ ސިޔާސީ ބޭނުންތަކަށް ފަސޭހައިން އުކާލާ އައްޑަނައަކަށް ހަދައިގެން ނުވާނެ އެވެ. ބޭރުގެ ނުރައްކާތެރި ނުފޫޒުތަކާއި ފަލަސްތީނުގެ އަޚުންނާއި އުޚުތުން ގަތުލުއާންމު ހިންގަމުންދާ އިސްރާއީލުގެ ރައްޔިތުން ރާއްޖޭގައި ފައިތިލަ ސާބިތުކޮށް މިލްކުވެރިކަން ހޯދަންދެން ފުރުސަތު ދީފައި، ފަހުން ރަމްޒީ ކަންތައްތަކަކުން އެކަންކަން ހައްލުކުރެވޭނެ ކަމަށް ދުށުމަކީ ތާކުންތާކު ނުޖެހޭ ބުއްދިއަށް ގަބޫލު ވެސް ނުކުރެވޭ ކަންތައްތަކެއް ނޫންތޯ އެވެ. މިފަދަ ވާހަކަތަކުގެ ސަބަބުން ބިލެތްދޫ ދާއިރާ އާއި މުޅި ފާފު އަތޮޅުގެ ރައްޔިތުންނަށް ވެސް ލިބިގެންދަނީ ބޮޑު ހުތުރު ނަމެއް ނޫންތޯ އެވެ.
މިފަދަ ކަންކަމުން ގިނަ ސުވާލުތަކެއް އެބަ އުފެދެ އެވެ. އިސްރާއީލުގެ މީހުން މި ފަސްގަނޑުގައި ވަޒަންވެރިވުމަކީ އާދައިގެ ކަމަކަށް ހަދައި، މަޖިލީހުގެ ތަޅުމުގައި މިފަދަ ނުރައްކާތެރި ޖޯކުތައް ޖަހަން ޖާގަ ދިވެހީން މިއަދު ހަމަ ޖާގަ ދެނީތޯ އެވެ. ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ކުޑަ ގައުމެއްގެ ބޮލުގައި "ޖިހާދީ" ލޭބަލް އަޅުވައި، ދުނިޔޭގެ ކުރިމަތީގައި ގައުމުގެ އިގުތިސާދާއި ސަލާމަތް މިފަދައިން ނުރައްކަލަށް ހުށަހަޅަންވީ ހެއްޔެވެ؟ ހައްގުތައް ހިމާޔަތްކުރަން ތިބި މަންދޫބުންގެ މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް ދިވެހި ރައްޔިތުން އަދިވެސް ހިމޭނުން ތިބެންވީތޯ އެވެ.









