މަނާކުރުން އައީ އިސްރާއީލު ޕާސްޕޯޓަށް، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫން، އެކަމަކު ރަސްމާލެއިން އެމީހުންނަށް ބިން ނުލިބޭނެކަން ބެލޭނެ ގޮތްތައް ހުންނާނެ: މުއްތޮލިބް
15 އޮކްޓޯބަރު 2026 | ބުރާސްފަތި 08:41ރަސްމާލޭގެ އެއްވެސް މުއާމަލާތެއްގައި އިސްރާއީލުގެ ރައްޔިތަކަށް ނުވަތަ އެ ގައުމުގެ ކުންފުންޏަކަށް ބައިވެރިނުވެވޭނެ ކަމަށާއި، ބޯޑަރުން އެތެރެވާއިރު އެހެން ގައުމެއްގެ ޕާސްޕޯޓު ބޭނުންކުރި ނަމަވެސް މިލްކުވެރިކަން ކަށަވަރުކުރާ މަރުހަލާގައި އެކަން ހުއްޓުވާނެ ކަމަށް މިނިސްޓަރު މުއްތޮލިބް ވިދާޅުވެއްޖެ. މި މަޝްރޫއުގެ ދަށުން ތަނެއް ގަންނަ ފަރާތްތަކުން ކުރިން އޮތް ހުރިހާ ގައުމިއްޔަތެއް ހާމަކުރަންޖެހޭއިރު، ދޮގު މައުލޫމާތު ދީފިނަމަ އެއްބަސްވުން ބާތިލްކޮށް އެ ތަނެއް ދައުލަތަށް ނެގޭނެ


މިނިސްޓަރު މުއްތަލިބު ރަސްމާލެ ބިން އީގަލް ހިލްސްއާއި ހަވާލުކުރުމަށް ސޮއިކުރެއްވުމަށްފަހު ސަލާމްކުރައްވަނީ | ރާއްޖެ އެމްވީ
އިސްރާއީލު ޕާސްޕޯޓު މަނާކުރިނަމަވެސް، މި މަނާކުރުން އޮތީ އިސްރާއީލު ޕާސްޕޯޓަށް ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫންކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެ އެވެ.
މި މަޝްރޫއާ ގުޅޭގޮތުން ލިޔުއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، އިސްރާއީލު ޕާސްޕޯޓު މަނާކުރިނަމަވެސް، މި މަނާކުރުން އޮތީ އިސްރާއީލު ޕާސްޕޯޓަށް ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫންކަމަށެވެ. އަދި ވިދާޅުވީ، އަންދާޒާކުރެވޭ ގޮތުގައި އިސްރާއީލުގެ ކޮންމެ 10 މީހަކުން އެކަކީ ދެވަނަ ގައުމެއްގެ ރައްޔިތުކަން އޮންނަ މީހެއް ކަމަށާއި، ބޯޑަރުން މީހަކު އެތެރެވާއިރު އެމީހެއްގެ އަތުގައި ދެ ގައުމެއްގެ ރައްޔިތުކަން އޮތްތޯ އިމިގްރޭޝަނަށް ކަށަވަރު ނުކުރެވޭތީ، އެމީހުންނަށް އެހެން ގައުމެއްގެ ޕާސްޕޯޓުގައި އެތެރެވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރަސްމާލޭގެ މުޅި މިލްކުވެރިކަމުގެ ސިލްސިލާގައި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ނުވަތަ އިސްރާއީލުގެ ކޮންޓްރޯލް އޮންނަ އެއްވެސް ކުންފުންޏަކަށް ބައިވެރިއެއް ނުވެވޭނެ ކަމަށެވެ. އެގޮތުން ގަންނަ ފަރާތެއްގެ ގޮތުގައި، މަންފާ ލިބޭ މާލިކެއްގެ ގޮތުގައި، ހިއްސާދާރެއްގެ ގޮތުގައި، ފައިސާ ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި ނުވަތަ ސޭލްސް އޭޖެންޓެއްގެ ގޮތުގައި ވިޔަސް ބައިވެރި ނުވެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން ބޯޑަރު ޗެކްޕޮއިންޓަކުން މިކަން ބެލުމަށްވުރެ، ބިމެއް ނުވަތަ ގެއެއް ގަންނައިރު ހިންގާ ވެރިފިކޭޝަން މަރުހަލާގެ ތެރެއިން މިފަދަ ކަންކަން ހުއްޓުވުމުގެ ފުރުސަތު ބޮޑުވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ބަލާއިރު، ގެއެއް ގަންނަ ކޮންމެ ފަރާތަކުންނާއި އޭގެ މަންފާ ލިބޭ މާލިކުން، އެމީހުންގެ އަތުގައި އޮތް ނުވަތަ ކުރިން އޮތް ހުރިހާ ގައުމެއްގެ ރައްޔިތުކަން ހާމަކުރަންޖެހޭނެ ކަމަށާއި، ދޮގު މައުލޫމާތެއް ދީފިނަމަ ކުލީގެ އެއްބަސްވުން ބާތިލްވެ، އެ ތަނެއް ދައުލަތަށް ނެގޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދެއްކި ފައިސާވެސް އަނބުރާ ނުލިބޭ ގޮތަށް އަތުލެވޭނެ ކަމަށާއި، މި ޗެކްކުރުންތައް ކޮންމެ ފަހަރަކު މިލްކުވެރިކަން ބަދަލުވާއިރު ކުރިއަށްދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އިންވެސްޓަރުންނަށް ރެސިޑެންސީ ވިސާ ލިބޭނީ 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ތައާރަފްކުރި 'ކޯޕަރޭޓް ރެސިޑެންސް ވިސާ' އުސޫލުގެ ދަށުންނެވެ. އެއީ އެހެން ކޮންމެ ވިޔަފާރިއަކަށް އިންވެސްޓް ކުރުމުންވެސް އަމަލުކުރާ އުސޫލު ކަމަށާއި، އެ އުސޫލުގައި އިސްރާއީލު ހިމެނޭހެން އެއްވެސް ގައުމަކަށް ހުރަހެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް، މި މަޝްރޫއުގެ ދަށުން ކޮންމެ އެޕްލިކޭޝަނެއް ބަލާއިރު އިސްރާއީލު ޕާސްޕޯޓް މަނާކުރުމުގެ އުސޫލާއި، ގައުމިއްޔަތު ސްކްރީނިންގް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.










