Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައްޔިތުންގެ ހާލަތު

ނިޒާމުތައް ބޮއްސުންލާ އެންމެ އާދައިގެ ދިރިއުޅުމަށްވެސް ދިވެހިން ސަލާން ޖަހަނީ!

18 އޮކްޓޯބަރު 2026 | އާދީއްތަ 08:28

ޤައުމުގެ ހާލަތު މިހާ ދަށުދަރަޖައަކަށް ވެއްޓިފައި މިވަނީ މިސަރުކާރުގެ ވެރިންގެ ނާޤާބިލުކަމުން. އެއްވެސް އާދައިގެ ނިޒާމެއް އޭގެ އަމިއްލަޒާތުގައި، ރައްޔިތުންނަށް ވޭނެއް ތަހައްމަލު ކުރަން ނުޖެހޭހެން ނުހިނގައި

އިބްރާހިމް ރިޒްވާން
އިބްރާހިމް ރިޒްވާން | 18 އޮކްޓޯބަރު 2026 | އާދީއްތަ 08:28
ރައްޔިތުންނަށް ދޭންޖެހޭ ރައްކާތެރިކަމާ، އަސާސީ އެތައް ޚިދުމަތެއް ނުދެވި ރައްޔިތުން މިވަނީ ބޮޑު ހާސްކަމެއްގައި

ރައްޔިތުންނަށް ދޭންޖެހޭ ރައްކާތެރިކަމާ، އަސާސީ އެތައް ޚިދުމަތެއް ނުދެވި ރައްޔިތުން މިވަނީ ބޮޑު ހާސްކަމެއްގައި | ރާއްޖެއެމްވީ ގްރެފިކްސް

ދިވެހިރާއްޖޭގެ ޙާލަތުފެނި ހިތާމަކުރަމެވެ. ރައްޔިތުން ބިކަވެއްޖެ އެވެ. ރައްކާތެރިކަމެއް ނެތެވެ. ހިނގާބިގާވެ އުޅުމަށް ނުކުޅަދާނަވާވަރަށް އަމަން ގެއްލިއްޖެ އެވެ.

މާބަނޑު އަންހެނުންނަށް ބޭނުންވާ އެންމެ އަސާސީ ބޭސްފަރުވާއާއި ބޭސް ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާއިރު، ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. ޑޮލަރެއް ނުލިބެ އެވެ. އެކަށީގެންވާ އުޖޫރައެއް ލިބޭ ވަޒީފާއެއް ހޯދުމަށްޓަކައި ތަހައްމަލުކުރަން ޖެހޭ ތަކްލީފް އިންތިހާއަށް ބޮޑެވެ. ވަޒީފާ އެއް ލިބެން އޮތީ އަޅުދާސްވެގެންނެވެ.  ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަނީ މީގެކުރިން ދުވަހަކުވެސް ނުވެއްޓޭހާ ނާޒުކު ފައްތަރަކަށް ވެއްޓިފަ އެވެ.

ސައީދުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލަކީ މިއަދުގެ ހާލަތު ވަޒަންކޮށްދޭ ބޮޑު ހެއްކެކެވެ. ރާއްޖޭގެ އެއްވެސް ރަށެއްގައި އަމާންކަމާއި ހަމަޖެހުމާއެކު ދިރިއުޅެވޭކަށް ނެތެވެ. ފުލުހުންގެ ޚިދުމަތަށް ބޮޑު ބަޖެޓަކާއި ގިނަ އަދަދެއްގެ ވަސީލަތްތައް ފޯރުކޮށްދީފައި ވީނަމަވެސް، ފެންނަ ނަތީޖާ ވަރަށް ދަށެވެ. ވަކިން ހާއްސަކޮށް ވެރިރަށް މާލޭގެ އަމަންއަމާންކަމުގެ ހާލަތު އޮތީ އިންތިހާއަށް ގޯސްވެފަ އެވެ.

ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމުގެ ވައުދާއެކު އައި ސަރުކާރަށް މިކަމުގައި އެދެވޭ އެއްވެސް ނަތީޖާއެއް ނުނެރެވުނެވެ. މަސްތުވާތަކެތީގެ ވަބާ މުޖުތަމައުގައި އިންތިހާއަށް އާންމުވެފައިވާއިރު، ގޭންގުތަކުގެ އިސް ފަރާތްތައް ވަނީ ބޮޑެތި ވިޔަފާރިވެރިންނަށް ބަދަލުވެފަ އެވެ. މަސްތުވާތަކެތީގެ މައި ނެޓްވޯކްތައް އަތުލައިގަތުމުގެ ނަމުގައި ވަޒީރު އިޙްސާން ކުޅުއްވާ ޑްރާމާތަކާ ދައްކަވާ ވާހަކަތަކުގެ ހަގީގަތް ކޯޓު މަރުހަލާއާ ހަމައަކަށް ނުފޯރަ އެވެ. މި ނާކާމިޔާބީގެ އަސަރު ވަޒީރުގެ އަމިއްލަ ރަށުން ވެސް ފެންނަމުންދެ އެވެ.

މީގެ އިތުރުން، ކުށުގެ ވެށީގައި ނަން މަޝްހޫރު ފަރާތްތައް ބެންކޮކާއި މެލޭޝިޔާ ފަދަ ޤައުމުތަކުގައި ދިރިއުޅުން ޤާއިމުކޮށް، އިމްޕޯޓް-އެކްސްޕޯޓް ވިޔަފާރިތަކާއި ކެފޭތައް ހިންގަމުންދަނީ ބޮޑެތި މަހުޖަނުންގެ ގޮތުގަ އެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ މިއަދު ޤައުމަށް ދިމާވެފައިވާ ނުހަނު ބޮޑު ގޮންޖެހުމެކެވެ. 'ކުރަނގި' އޮޕަރޭޝަން ފަދަ މަޝްރޫއުތައް އިއުލާނުކުރެވުނު ނަމަވެސް، އަހަރުތަކެއް ފާއިތުވެގެން ދިޔައިރުވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެ އެވެ. ރަށްރަށުގެ އާންމު ވިޔަފާރިތަކާއި ކުޅިވަރު ދަނޑުތައް ފަދަ ޚިދުމަތްތައް ހިންގުމުގައިވެސް ބިދޭސީންގެ ނުފޫޒު މިހާރު ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މީގެއިތުރުން، ޚާއްސަ އިގްތިސާދީ ސަރަޙައްދުތަކުގެ ނަމުގައި ބޭރުގެ ފަރާތްތަކަށް، ޚާއްސަކޮށް އިސްރާއީލާ ގުޅުންހުރި ފަރާތްތަކަށް ފުރުސަތު ފަހިވެގެންދާ ގޮތަށް ކަންކަން ރޭވެމުންދާ ކަމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ. ޤާނޫނު ތަންފީޒުކުރުމުގެ ވާހަކަ ދެކެވޭއިރު، ވެލާނާގޭ ކުރިމަތީގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުން ފަދަ ކުދިކުދި ކަންކަން ވެސް އޮތީ ބެލެހެއްޓޭ ގޮތް ނުވެފަ އެވެ. އަދި ޤާނޫނު ތަންފީޒުކުރަން ތިބި ބައެއް ފަރާތްތަކާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެމެދު އޮންނަ ނޭދެވޭ ގުޅުންތަކުގެ ސަބަބުން މި މައްސަލަ އިތުރަށް ގޯސްވަމުންދާކަމީ އިންކާރު ކުރެވެން ނެތް ހަގީގަތެކެވެ.

ޒަރޫރީ ބޭސްފަރުވާއަށް މިވަނީ އިންތިހާއަށް ދަތިވެފަ އެވެ. ބޭސް ސިޓީއަކަށް ބޭސް ހޯދުމަށްޓަކައި ހަތަރު ގަޑިއިރު ވަންދެން ކިއޫގައި ޚުދުު އަހަރެންވެސް މަޑުކުރީމެވެ. ފެނިގެންދިޔައީ ރައްޔިތުންގެ މާޔޫސްކަމާއި ހިތްދަތި ހާލަތެވެ. މާބަނޑު އަނބިމީހާއަށް ކޮންމެހެން ބޭނުންވާ ފޮލިކް އެސިޑް ކޮޅުވެސް މުޅި ރަށުން ލިބޭކަށް ނެތެވެ. އެނދުމަތިވެފައިވާ ބަލި ބައްޕަގެ މުހިންމު ބޭސްތައްވެސް އެއްވެސް ދިމާއަކުން ލިބޭނެ ގޮތެއް ނުވި އެވެ. އަދި ކުޑަ ދަރިފުޅަށް ކޮންމެހެން ދޭންޖެހޭ ބޭސް ގުޅަވެސް ހޯދަން މިޖެހެނީ ރާއްޖެއިން ބޭރުން އެތައް ވޭނަކާއި އުނދަގުލަކުންނެވެ. ސޫތު ކުޅި ނުވަތަ ސީނުކަރައިންނެވެ. އަސާސީ ޚިދުމަތެއް ކަމުގައިވާ ބޭސްފަރުވާގެ މިފަދަ ދަތިކަމެއްގެ ސަބަބުން ރައްޔިތުން މިވަނީ ނުހަނު ބޮޑު ތަކުލީފެއްގެ ތެރޭގައި އެވެ. ސަރުކާރަކުން އަހަރެމެން ހަމަ ރަނގަޅަށްވެސް ވޭނުގައި ޖައްސައިފި އެވެ.

އިންޑިއާގައި ހުންނަ ރަހުމަތްތެރިޔާ މެދުވެރިކޮށް ގެންނަ ޒަރޫރީ ބޭހަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެ މިންވަރަށް ވެސް، ރަސްމީ ރޭޓުގައި ޑޮލަރު ލިބޭކަށް ނެތެވެ. ފުރާނަ ސަލާމަތްކުރުމަށާއި ސިއްޙީ ފަރުވާއަށް ބޭސް ހޯދުން މަޖުބޫރުވާއިރު، އެ ތަކެތި ލިބެން އޮތީ ބޭރު ފައިސާއިން އަގު އަދާކޮށްގެންނެވެ. ނަތީޖާއެއްގެ ގޮތުން، މަޖުބޫރީ ހާލަތުގައި ނުރަސްމީ ރޭޓުން ޑޮލަރު ގަންނަން ޖެހި، ޤާނޫނާ ޚިލާފު އަމަލުތަކަށް އަރައިގަނެވެނީ އެވެ. އެހެން ނުހަދައި ވާކަށްވެސް ނެތެވެ. ސުބްރަމާނިއަން ފޮނުވާ ތަރުކާރީ އެތެރެކޮށް ވިއްކައިގެން ދިރިއުޅުމުގެ ޚަރަދުތައް ބަލަހައްޓަމުންދާއިރު، އެ ތަކެތި ފޮނުވާ ފަރާތްތަކަށް ފައިސާ ދެއްކޭނެ ގޮތެއް ނެތި، ވިޔަފާރިތައް ވަނީ މުޅިން ހުއްޓުމަކަށް އައިސްފަ އެވެ. ރަސްމީ ނިޒާމުގެ ތެރެއިން ޓީ.ޓީ ހެދުމުގައި ހުރި ދަތިތަކާއި އުނދަގޫތަކުގެ ވާހަކަ ދެއްކުމުގެ ވެސް މިހާރު މާނައެއް ނެތެވެ. 

ތައުލީމީ ފެންވަރާ އެކަށޭނަ އާމްދަނީއެއް ލިބޭނެ މަގެއް މިއަދަކު ނެތެވެ. ކިޔެވި ނަމަވެސް އަދި ނުކިޔެވި ނަމަވެސް އޮތީ ހަމަ އެއް ހާލަތެކެވެ. ރަށުގައި ހުރެ، ކުޑަ މުސާރައަކަށް ފުއްދާލައިގެން ސިޔާސީ ނުފޫޒުގެ ދަށުވާން ބޭނުންނުވާތީ، އައިޓީ ދާއިރާއިން ހާސިލުކުރި ޑިގްރީއާއެކު މިއަދު މަޖުބޫރުވެފައި މިވަނީ ކަންނެލި މަސްވެރިކަމަށް ނުކުންނާށެވެ. އެއްވެސް މީހެއްގެ ފަހަތުން ސަލާންޖަހައި، އާދޭސްކޮށްގެން އުޅެން ބޭނުން ނުވާތީ އެވެ. 

ޤައުމުގެ ހާލަތު މިހާ ނާޒުކު ފައްތަރަކަށް ވެއްޓިގެން ގޮސްފައިވަނީ މި ސަރުކާރުގެ ހިންގުންތެރިކަމުގެ ދޯހަޅިކަމުގެ ސަބަބުންނެވެ. ވެރިންގެ ނާގާބިލްކަމުންނެވެ. އާންމު ޚިދުމަތްތަކުގެ ނިޒާމުތައް ބޮއްސުންލައި، ރައްޔިތުންނަށް އުނދަގުލަކާ ނުލައި އެއްވެސް ކަމެއް ހަމަޖެހޭނެ އިންތިޒާމެއް ނެތެވެ. މިފަދަ ކަންކަން ފެނިވަޑައިގަންނަވާ ހާލުވެސް، ސަރުކާރުން އިސްލާހީ ފިޔަވަޅުތަކެއް ނާޅުއްވަނީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް، ކެތްތެރިކަން ކޮޅުންލުމުގެ ކުރިން، މިކަމަށް އެކަށީގެންވާ ދެމެހެއްޓެނިވި ހައްލެއް ހޯދަންޖެހެ އެވެ. މިއީ ތަޙައްމަލުކުރެވޭ ވަރުގެ ވޭނެއް ނޫނެވެ.

ދިވެހިރާއްޖެމުއިއްޒުގެ ސަރުކާރު

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2026

ރާއްޖެއަށް އެހީވުމަށް އިންޑިއާއިން ހަމަޖައްސައިދިން 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެ

14 އޮކްޓޯބަރު 2026
ރާއްޖެއަށް އެހީވުމަށް އިންޑިއާއިން ހަމަޖައްސައިދިން 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެ
14 ސެޕްޓެމްބަރު 2026

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

14 ސެޕްޓެމްބަރު 2026
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
11 ސެޕްޓެމްބަރު 2026

މި ސަރުކާރުގެ ތެރޭގައި ދޮގުހެދުން ބޮޑު ބަލިމަޑުކަމަކަށް!

11 ސެޕްޓެމްބަރު 2026
މި ސަރުކާރުގެ ތެރޭގައި ދޮގުހެދުން ބޮޑު ބަލިމަޑުކަމަކަށް!
10 ސެޕްޓެމްބަރު 2026

ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟

10 ސެޕްޓެމްބަރު 2026
ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟
10 ސެޕްޓެމްބަރު 2026

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ފަޔާޒުގެ މަގާމު ސީނިއަރ މިނިސްޓަރުގެ ފެންވަރަށް މަތިކޮށްފި

10 ސެޕްޓެމްބަރު 2026
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ފަޔާޒުގެ މަގާމު ސީނިއަރ މިނިސްޓަރުގެ ފެންވަރަށް މަތިކޮށްފި
05 ސެޕްޓެމްބަރު 2026

ރާއްޖެ އައި ފަތުރުވެރިންގެ 22 އިންސައްތަ މީހުން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފި

05 ސެޕްޓެމްބަރު 2026
ރާއްޖެ އައި ފަތުރުވެރިންގެ 22 އިންސައްތަ މީހުން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފި
03 ސެޕްޓެމްބަރު 2026

ތައިލޭންޑަށްދާ ދިވެހިންނަށް ވިސާއާނުލައި ތިބެވޭނީ 30 ދުވަހަށް

03 ސެޕްޓެމްބަރު 2026
ތައިލޭންޑަށްދާ ދިވެހިންނަށް ވިސާއާނުލައި ތިބެވޭނީ 30 ދުވަހަށް
02 ސެޕްޓެމްބަރު 2026

ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!

02 ސެޕްޓެމްބަރު 2026
ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!
31 އޯގަސްޓު 2026

ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!

31 އޯގަސްޓު 2026
ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!
21 އޯގަސްޓު 2026

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

21 އޯގަސްޓު 2026
ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް