ރާއްޖެ އައި ފަތުރުވެރިންގެ 22 އިންސައްތަ މީހުން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފި
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 13:38މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި 1.4 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، %22 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގަ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތުންނޭ. ފަތުރުވެރިކަމުގެ ހިސާބުތައް ރަނގަޅު ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާއި ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރަށް ބުރޫއަރައި، މި ދާއިރާއަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި.


ފަތުރުވެރިން | ސަވާދީއްތަ ދަތުރު
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 22 އިންސައްތަ މީހުން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޖުމްލަ 1،461،682 (އެއް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް އެއް ހާސް ހަސަތޭކަ އަށްޑިހަ ދޭއް) ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 73.5 އިންސައްތަ ކަމަށްވާ 1،053،055 (އެއް މިލިއަން ފަންސާސް ތިން ހާސް ފަންސާސް ފަހެއް) ފަތުރުވެރިންނެވެ.
މީގެއިތުރުން، ރާއްޖޭގެ ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓްހައުސްތަކުގައި 317،178 (ތިން ލައްކަ ސަތާރަ ހާސް އެއްސަތޭކަ ހަތްދިހަ އަށެއް) ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓެލްތަކަށް 33،513 (ތިރީސް ތިން ހާސް ފަސްސަތޭކަ ތޭރަ) ފަތުރުވެރިން އަދި ކްރޫޒްލައިނާތަކުގައި 26،550 (ސައްބީސް ހާސް ފަސްސަތޭކަ ފަންސާސް) ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. އެ ގައުމުން ރާއްޖެއަށް 268،117 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައިގައި 209،815 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 110،983 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މި ލިސްޓުގެ ގަދަ ހައެއްގައި ދެން ހިމެނެނީ އިޓަލީ، ޖަރުމަނު އަދި ހަވަނައިގައި އޮތް އަވަށްޓެރި އިންޑިއާއެވެ.
މި އަހަރުގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ރަނގަޅު މިންވަރެއްގައި ހުރި ނަމަވެސް، ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން މި ސިނާއަތަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން، ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާއި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުފަތުރަށް ބޮޑެތި ބުރޫއަރައި، ގިނަ ފްލައިޓްތަކެއް ކެންސަލްވުމާއި ޓިކެޓުގެ އަގުތައް އުފުލިގެން ދިޔައެވެ. މި ކަންކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ވަނީ ފޯރާފައެވެ.











