ތައިލޭންޑަށްދާ ދިވެހިންނަށް ވިސާއާނުލައި ތިބެވޭނީ 30 ދުވަހަށް
3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:32ތައިލޭންޑުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލާއެކު ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމުގައި ތިބެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްފި. މި ނިންމުމަކީ ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ދިވެހިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް. މީގެ ސަބަބުން ބޭސްފަރުވާއަށާއި ވިޔަފާރި ދަތުރުތަކުގައި ތައިލޭންޑަށް ޒިޔާރަތްކުރާ ދިވެހިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ


ތައިލެންޑުގެ ބެންކޮކްގެ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ މައި މަރުކަޒު ކަމަށްވާ ސުވަރުނަބޫމީ އެއާޕޯޓުގެ ޑިޕާޗާ ހޯލް ތެރެއިން ފަސިންޖަރަކު ހިނގާފައި ދަނީ. | ގެޓީ އިމޭޖަސް
ތައިލޭންޑް ސަރުކާރުން އެ ގައުމުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކާ ގުޅިގެން، މި ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމުގައި 30 ދުވަހުގެ މުއްދަތަށް ތިބެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.
މި ބަދަލުތައް 31 އޮގަސްޓް 2026 ގައި ރަސްމީކޮށް ގެޒެޓްކުރުމާ ގުޅިގެން މި ނިންމުމަށް އަމަލުކުރަން ފަށާނެ އެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ގައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ގައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލައި އެ ގައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމާފަ އެވެ. އެގޮތުން ދިވެހިރާއްޖެ އޮތީ ވިސާއާ ނުލައި ތައިލޭންޑަށް ޒިޔާރަތްކޮށް އެ ގައުމުގައި ތިބުމަށް 15 ދުވަސް ދޭ ގައުމުތަކުގެ ލިސްޓުގައި ކަމަށްވާތީ، މި ނިންމުން ދިވެހިންނަށް ބޮޑު ހިތްދަތިކަމެއް ކަމަށް ވެގެން ދިޔަ އެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި 29 ޖޫން 2026 ގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ އިރުތިޝާމް އާދަމް، ތައިލޭންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލަންސީ ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި، މި ކަމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ.
ދެ ވަޒީރުންގެ ވާހަކަފުޅަށްފަހު، ޖުލައި މަހުގެ 14 ގައި ވިސާ ޕޮލިސީ އަނެއްކާވެސް މުރާޖާކޮށް އާންމުކުރި ނިންމުމުގައި، ތައިލޭންޑަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައިވެ އެވެ.
ތައިލޭންޑަކީ ދިވެހިން ގިނައިން ޒިޔާރަތްކުރާ ގައުމެކެވެ. ފަތުރުވެރިކަމާއި ވިޔަފާރީގެ ބޭނުމުގައި އަދި ފަރުވާއަށްޓަކައި ވެސް ގިނަ ދިވެހިން ތައިލޭންޑަށް ދަތުރުކުރެ އެވެ. މިހާރު ވިސާއާ ނުލައި ތިބެވޭ މުއްދަތު 30 ދުވަހަށް އިތުރުވުމުން، ދިވެހިންނަށް އެ ގައުމުގައި ތިބުމަށް އިތުރު ފަސޭހަކަން ލިބިގެންދާނެ އެވެ.











