ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!
2 ސެޕްޓެމްބަރު 2026 | ބުދަ 09:42ރާއްޖޭގައި ޒަމާނުއްސުރެ ގާއިމުވެފައިވާ ނިޒާމުތަކާއި އަސާސީ ޚިދުމަތްތަކަކީ އަލަށް ފެށި ކަންކަމުގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ސިފަކުރައްވާތީ އެކަމަށް އެތައް ބަޔަކު ދަނީ ފާޑުކިޔަމުން


ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުން | 08 ފެބްރުއަރީ 2026 | ރައީސް އޮފީސް
ރާއްޖޭގެ މިވަގުތުގެ ސިޔާސީ މަސްރަހަށް ފުންކޮށް ބަލާލައިފިނަމަ، ބައެއް ފަހަރު ހީވަނީ އަޅުގަނޑުމެން މިއުޅެނީ ދާދި އިހަކަށްދުވަހު ދުނިޔެއަށް އަލަށް އުފަންވެގެން ހެންނެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވާ ގޮތާއި، އެމަނިކުފާނުގެ ސަރުކާރުން ކަންކަން ކުރަމުން ގެންދާ ގޮތުން ހީވަނީ މި ޤައުމުގައި މީހުން ކެއުމާއި ބުއިމާއި، ފެނާއި ކަރަންޓުގެ ޚިދުމަތް ވެސް ފެއްޓެވީ ހަމަ މުއިއްޒުގެ ވެރިކަމުގައި ހެންނެވެ. ދިވެހީން އެތައް ޒަމާނެއް ވަންދެން ބޭނުންކުރަމުން އައި އަސާސީ ޚިދުމަތްތަކާއި، ޤާއިމުވެފައި ހުރި ނިޒާމުތަކަކީ އަލަށް އުފަންކުރި އެއްޗެހިތަކެއްގެ ގޮތުގައި ދައްކަން އުޅުމަކީ މިއަދު ފެންނަމުންދާ އެންމެ ބޮޑު އެއް ޙަޤީޤަތެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބައެއް ބިލުތައް ތަޞްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ބައެއް ވާހަކަފުޅުތަކާ ގުޅިގެން ވަރަށް ބޮޑަށް ހައިރާންކަން ލިބުނެވެ. ސުވާލު އުފެދޭ ގޮތްވި އެވެ. ޚާއްސަކޮށް، ފަތުރުވެރިންނާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމަކީ ވަކިން ބޮޑަށް ސަމާލުކަން ހުއްޓުނު ވާހަކަފުޅުތަކެކެވެ. ރާއްޖެއަށް ޓޫރިސްޓަކު އެތެރެވާ ހިސާބުން، އެ ޓޫރިސްޓް އައި ކަމާއި، އޭނާ ދިޔަ ތަނާއި، އޭނާ ނިދީ ކޮންތަނެއްގައި ކަމާއި، އަދި އެ މީހަކު ފުރައިގެން ދިޔަ ކަން އެނގޭނެ ފަދަ ނިޒާމެއް މީގެ އެއްމަސް ފަހުން ރަސްމީކޮށް ޤާއިމުކުރާނެ ކަމަށް ވިދާޅުވި އެވެ. ފަތުރުވެރިންގެ ފަހަތުން ފާރަލުމާއި، އެމީހުންގެ ޒާތީ ދިރިއުޅުމުގެ މިނިވަންކަމަށް އަރައިގަތުމަކީ ދަތުރުގެ ހިތްހަމަޖެހުން ގެއްލިގެންދާނެ ކަމެއް ކަމާމެދު ޝައްކެއް ނެތެވެ. އެހެން ނަމަވެސް މީގެ އެތައް އަހަރެއް ކުރިން ފެށިގެން ދިވެހިރާއްޖޭގެ އިމިގްރޭޝަނާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ބަލަހައްޓަމުން އަންނަ ޓްރެކިންގ ނިޒާމެއް އޮވެއެވެ. ނަމަވެސް، ވާހަކަ ދައްކަވަނީ މިއިން ޒަމާނަކު ރާއްޖޭގައި ނެތް ކަމެއް ކަމަށް , އަލަށް އީޖާދުކުރައްވާ ބީދައިންނެވެ.
ދެން އޮތީ ދީނީ ކަންކަމާ ގުޅުވައިގެން ގައުމީ ދުވަހު ދެއްކެވި ވާހަކަފުޅެކެވެ. އިސްލާމްދީނާ ފުށުއަރާ ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ބަދަހި ނިޒާމެއް ޤާއިމްކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ ނިޒާމެއް ޤާއިމްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ. މިއީ ހަގީގަތުގައި 2008 ވަނަ އަހަރުގެ ފެހި ޤާނޫނުއަސާސީން ފެށިގެން ވެސް ރާއްޖޭގެ ޤާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށް، މިހާރު ވެސް އަމަލުކުރަމުން އަންނަ އެންމެ އަސާސީ އެއް ރުކުނެވެ. މީގެ އިތުރުން "އިސްލާމްދީނާ ބީރައްޓެހި، ނުވަތަ އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު، ދިވެހި ޤައުމުގެ މިނިވަންކަން އޮތީ ގެއްލިފައި، ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަން ވަނީ ނުރައްކަލުގެ ތުންފަތްމައްޗަށް ވެއްޓިފައި" ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅުތަކަކީ ވެސް، ޤައުމުގެ އިސްލާމީ ވަޙްދަތާއި މިނިވަންކަން ކުރިން ދުވަހަކު ވެސް ނެތް ފަދަ ގޮތަކަށް ސިފަކޮށް، ސިޔާސީ މަންފާއަށް ބޭނުންކުރާ ވާހަކަތަކެކެވެ.
މިފަދަ ކަންކަން ފެނުމުން ހީވަނީ ބަޔަކު އަލަށް އުފަންވެގެން، ހުރިހާ ކަމެއް ސުމަކުން ފަށައިގެން އުޅޭ ހެންނެވެ. ރައްޔިތުންނަށް ވީ މުހިންމު ވައުދުތައް ފުއްދުމުގެ ބަދަލުގައި، މުޅިން ވެސް މިފަދަ ކަންކަމުގައި ވަގުތު ބޭކާރުކޮށް، ރައްޔިތުން މޮޔަހެއްދުމުގެ ސިޔާސަތެއް ގެންގުޅޭ މަންޒަރެވެ. ސަރުކާރުގެ ވާހަކަތައް އަޑުއަހާ މީހަކަށް ހީވާނީ ތިމަންނަ މިއުޅެނީ މުޅިން އައު ރާއްޖެއެއްގައި ހެންނެވެ. މި އުސޫލުން ކަންކަން ދަންޏާ، މާޒީގައި އެހެން މީހުން ކޮށްފައި ހުރި އެތައް ޚިދުމަތްތަކެއްގެ ކްރެޑިޓް ނަގައި، އެ ކަންކަން އެހެން ގޮތްގޮތަށް ބަދަލުކޮށްލުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.
އެހެން ނަމަވެސް ވެރިކަމުގެ ބާރު ލިބުމާއެކު، ކުރީގެ މަސައްކަތްތަކުގެ ކާމިޔާބީ އަމިއްލަ ނަމަށް ބަދަލުކުރުމަށްޓަކައި ހިންގާ ސިޔާސީ ކަންކަމަކީ ތާރީޚުގެ ސޮފްހާތަކުން ޖާގަ ލިބޭނެ ކަންކަމެއް ނޫނެވެ.
މިއީ ވޭތުވެދިޔަ ސަރުކާރުތަކުން ނިންމާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ކްރެޑިޓް އަމިއްލަފުޅަށް ނެންގެވުމުގައި ރައީސް މުއިއްޒު ކަންކަން ކުރައްވާ ގޮތް ހާމަވާ ކަންކަމެވެ.
ރައީސް މުއިއްޒުގެ މިބާވަތުގެ އަމަލުތަކުން އެތައް ސުވާލެއް އުފެދެއެވެ. ދިވެހިރާއްޖެއަކީ އިއްޔެ އުފަންވި ތަނެއްބާވައެވެ. ހުރިހާ ކަމެއް ފެށުނީ މުޢިއްޒުގެ ވެރިކަމުގައި ހެއްޔެވެ؟ މުއިއްޒުގެ ކުރިން އެއްވެސް ކަމެއް ނުހިނގަނީ ހެއްޔެވެ؟ ބައެއް ފަހަރު ހީވަނީ ދުނިޔެއަށް އަލަށް އުފަންވެގެން އުޅޭހެންނެވެ. ބޯފެނާއި ކަރަންޓު ވެސް ލިބުނީ މުއިއްޒުގެ ވެރިކަމުގައި ހެއްޔެވެ؟ މިއީ ތަންފުކެއް ބޮޑުވަރެއް ނޫންތޯއެވެ.









