ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 19:51ސަރުކާރުގެ އިސް މަގާމުތަކަށް ތަކުރާރުކޮށް ބަދަލުތައް ގެނައުމާއި، އިއުލާނުކުރި ބިޔަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ނުފެށި ލަސްވުމުގެ ސަބަބުން ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ މި ސަރުކާރަށް އަމާޒުވެފައި


ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - 06.09.2026 | ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރި، ދައުރުގެ ބާކީ ދެ އަހަރަށް އެޅުނުއިރު ވެސް ފެންނަމުންދަނީ ސަރުކާރުގެ އެތެރޭގެ ހަމަނުޖެހުމާއި ތަރުތީބެއް ނެތް މަންޒަރެވެ. ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވީ ބޮޑެތި ވައުދުތައް ނުފުއްދި، ސަރުކާރު ހަމަމަގަށް އެޅުވުމުގައި އަދިވެސް އުޅެނީ ކޮޅެއްގައި ނުޖެހިގެންނެވެ. މުޅި ދައުރު ނިމެން ކައިރިވިއިރު، ރައްޔިތުންނަށް ލިބުނު ހަގީގީ ތަރައްގީއެއް ނެތި، ރައްޔިތުން މިތިބީ ހުވަފެނީ ދުނިޔެއެއްގަ އެވެ.
ވެރިކަމުގެ މިވީ މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ފެނިގެންދިޔައީ ކެބިނެޓާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބަދަލުކުރުމުގެ ކުޅިގަނޑެވެ. ކެބިނެޓް އެތައް ފަހަރަކު ރޫޅާލައި، އަލުން އެކުލަވާލައިފި އެވެ. ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި ވުޒާރާތަކުގެ ވަޒީރުން ބަދަލުވަމުންދާ ދުވެލި ބާރުކަމުން، އެ މަގާމުތަކުގައި ތިބި މީހުންގެ ނަންތައް ދަސްކުރަން އުޅޭ ރައްޔިތުންނަށް ވެސް އެކަން ވެފައިވަނީ ބޮޑު ތަކުލީފަކަށެވެ. އެއްވެސް އިދާރާއެއްގައި ހަމަޖެހުމެއް ނެތި، އެތެރެ ތަރުތީބު ނުކުރެވި އުޅެނިކޮށް ދައުރުގެ ބޮޑުބައި މިވަނީ ފާއިތުވެ ގޮސްފަ އެވެ.
ސަރުކާރުން އިއުލާނުކުރި ބިޔަ "މެގަ ޕްރޮޖެކްޓް" ތަކުގެ އެއްވެސް ކުލަވަރެއް އަދިވެސް ފެންނާކަށް ނެތެވެ. ބައިނަލްއަޤްވާމީ ފެންވަރުގެ އެއަރޕޯޓްތަކާއި ބްރިޖްތަކާއި ޓަނަލްތައް އަޅައި، މި ދައުރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ ކަމަށް ބުނެ ޖެހި ހިސާބުތަކަކީ ހަމައެކަނި ވާހަކައެކެވެ. މިއިން އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތެއް ބިމު ފެންވަރަކު ނުފެނެ އެވެ. އިވެނީ ހުސް ދެއްކުންތެރި ވާހަކަތަކެވެ. "ފަށަނީ އެވެ"، "ރާވާލެވިއްޖެ އެވެ"، "އަންނަ އަހަރު ބަޖެޓުކޮށްގެން ކުރިއަށް ގެންދާނީ އެވެ"، "ކުރަން ނިންމައިފީމެވެ". މިފަދަ ބަހަނާތަކުގައި ރައްޔިތުން ތިބޭތާ ދެ އަހަރު ވެގެން ދިޔައީ އެވެ.
ޤާނޫނުތައް ހެދުމާއި ބަދަލުކުރުމުގައި ވެސް ފެންނަނީ މިފަދަ ހަމައެއްލަމައެއް ނެތް އުސޫލެކެވެ. މިއަދު ފާސްކުރާ ޤާނޫނު މާދަމާ އިސްލާހު ކުރަން ޖެހެ އެވެ. ސިޔާސަތުތަކުގެ ޒިންމާދާރުކަން ކުޑަކަމުން، ޤައުމުގެ ތާރީޚު އޮޅޭ ހިސާބަށް ކަންކަން ވަނީ ގޮސްފަ އެވެ. ލޮލަށް ފެންނަން ހުންނަ ހަގީގަތްތައް އޮޅުވާލައި، ހާމަކަން ބޮޑު ދޮގުތައް ހެދުމުގައި ވެރިން ވަކި އިމެއް ނުބަހައްޓަ އެވެ. ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށްޓަކައި، ކަނޑައެޅިގެން ފެންނަން ހުރި ކަންކަމުގައި ވެސް ރައްޔިތުން 'ގުނބޯ' ހެއްދުމަށް ދައްކާ ވާހަކަތަކުން، ސަރުކާރު ދިފާއުކުރަން އުޅޭ މީހުން ކޮސްގޮވާ ހިސާބަށް ކަންކަން ދަނީ ބޭޒާރުވަމުންނެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުތަކުން ފަށައި، ބޮޑުބައި ނިންމާފައި ހުރި ތަރައްގީގެ މަޝްރޫއުތަކުގެ ކްރެޑިޓް ނަގައި، އަމިއްލަ ކާމިޔާބީއެއްގެ ގޮތުގައި ދައްކައިގެން ސިޔާސީ މަންފާ ހޯދަން އުޅޭ މަންޒަރު ދަނީ އިންތިހާއަށް ފެންނަމުންނެވެ. އަމިއްލައަށް ވީ އެއްވެސް މުހިންމު ވައުދެއް ނުފުއްދި، ސަރުކާރުގެ އޮޑި ދެކޮޅަށް ލާހޫރެމުންދާއިރު، މި ސަރުކާރުން ހަދާ ހިސާބުތަކަކީ ރައްޔިތުންނަށް އޮޅުވާލުމަށް ޖަހާ ތާކުންތާކު ނުޖެހޭ ހިސާބުތަކެއްކަން މިއަދު ދަނީ ސާފުވަމުންނެވެ. ސަރުކާރު ހަމަ މަގަށް ނޭޅި އުޅެނިކޮށް ދައުރު ހަމަވެ، ރައްޔިތުން މާޔޫސްކަމުގެ ތެރެއަށް ދޫކޮށްލުމަކީ މިހާރު މިސްރާބު ހުރި ގޮތެވެ.









