މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
14 ސެޕްޓެމްބަރު 2026 | ހޯމަ 17:38މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި، ދެ ޤައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައި، މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައި. މިއީ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ފުރަމާނަ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެންނެވުން | ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ފުރަމާނަ ދަތުރުފުޅެއްގައި ހޯމަ ދުވަހުގެ ރޭ އިރާކޮޅު ރާއްޖެ ވަޑައިގެންފި އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. މެލޭޝިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި، ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދެންނެވުން އޮންނާނީ އަންގާރަ ދުވަހު އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާނެ އެވެ. އަދި ދެ ޤައުމުގެ އިސްވެރިންގެ ހާޒިރުގައި ބައެއް ފަހުމުނާމާ (އެމް.އޯ.ޔޫ) ތަކުގައި ސޮއިކުރައްވާ، މިކަމުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، ދެ ޤައުމުގެ ލީޑަރުންގެ މެދުގައި ކުރިއަށްގެންދެވި މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭގޮތުން ދެބޭފުޅުންވެސް ނޫސްވެރިންނަށް ބަޔާނެއް ދެއްވާނެ އެވެ.
މިއީ ނޮވެމްބަރު 2022 ގައި މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، މެލޭޝިޔާގެ ބޮޑުވަޒީރު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މަސްދަރު: ރައީސް އޮފީސް











