ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީވާކަމަށް ގަަބޫލެއް ނުކުރަން: ޓްރަމްޕް
13 އޮކްޓޯބަރު 2026 | އަންގާރަ 05:11ޗައިނާއާއި ރަޝިޔާއިން އީރާނަށް ހަތިޔާރު ނުވިއްކާނެ ކަމުގެ ޔަގީންކަން އެ ގައުމުތަކުގެ ވެރިން ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ. ނަމަވެސް، އީރާނުގެ އަސްކަރިއްޔާއަށް އެހީތެރިވި ކަމުގެ ތުހުމަތުގައި ޗައިނާގެ ބައެއް ކުންފުނިތަކަށް އެމެރިކާއިން ވަނީ ފިޔަވަޅު އަޅާފައި. މި ހަމަނުޖެހުންތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއަރައި، ޤައުމުތަކުގެ މެދުގައި އޮތް މަޝްވަރާތައް ވަނީ ހުއްޓިފައި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ
ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީތެރިވަމުންދާ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށާއި، އެ ގޮތަށް އަމަލުކޮށްފިނަމަ އެ ދެ ޤައުމަށް ވެސް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
ބެއިޖިންގއާއި މޮސްކޯއިން ތެހެރާނަށް އެހީތެރިވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން، "އެ ޤައުމުތަކުން އެހީތެރިވާނަމަ، އެ ކަން ކުރަނީ ވަރަށް ކުޑަ މިންވަރަކަށް، ނަމަވެސް، އެ ޤައުމުތަކުން އެހީތެރިވާ ކަމަކަށް އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން،" ޓްރުތު ސޯޝަލް ޕްލެޓްފޯމުގައި ޓްރަމްޕް ލިޔުއްވި އެވެ. "އެ ޤައުމުތަކަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ، އަދި އެ ކަން އަޅުގަނޑުމެންނަށް އެނގޭނެ، އަދި އެ ކަން ވަރަށް އަވަހަށް އެނގިގެންދާނެ."
ޗައިނާގެ ކުންފުނިތައް މެދުވެރިކޮށް، "އެއްވެސް ހާލަތެއްގައި" ބެއިޖިންގއިން އީރާނަށް ހަތިޔާރު ނުވިއްކާނެ ކަމަށް މެއި މަހު ޗައިނާގައި ބޭއްވި ބައްދަލުވުމެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވި ކަމަށާއި، އަދި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވެސް އީރާނަށް ހަތިޔާރު ނުވިއްކަވާނެ ކަމަށް އޭނާ ގާތު ވިދާޅުވި ކަމަށް ބަޔާންކޮށް ޖުލައި މަހު ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓަކާ އޭނާގެ މި ވާހަކަފުޅުތައް ގުޅެ އެވެ. އެ ޤައުމުތަކުން މި ކަމުގެ ތެރެއަށް ވަދެއްޖެނަމަ، "އެ ޤައުމުތަކަށް ނަތީޖާ ވަރަށް ގޯސްވާނެ،" ޓްރަމްޕް އެއިރު ވިދާޅުވެފައި އެވެ.
އީރާނުގެ އަސްކަރީ ސާމާނު ހޯދުމުގެ ވިއުގައަށް އެހީތެރިވެދިން ކަމަށާއި، އަދި އެމެރިކާގެ ފައުޖުތަކަށް ހަމަލާދިނުމަށް ތެހެރާނަށް މަގުފަހިކޮށްދިން ކަމަށް ތުހުމަތުކުރެވޭ ސެޓެލައިޓް މަންޒަރުތައް ފޯރުކޮށްދިން ކަމަށް ތުހުމަތުކުރެވޭ ޗައިނާގެ ބައެއް ކުންފުނިތަކާ ދެކޮޅަށް މެއި މަހު ޓްރަމްޕްގެ ސަރުކާރުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. ޗައިނާގެ ފަރާތްތަކުން އީރާނުގެ އަސްކަރިއްޔާއަށް އެހީތެރިވި ކަމަށް ކުރެވޭ ތުހުމަތުތަކަށް ބެއިޖިންގއިން ދޮގުކުރެ އެވެ.
ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފެށުމާ ގުޅިގެން، ތެހެރާނުން ވަނީ ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީ، އަދި ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގެ މުހިންމު މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. ޕާކިސްތާނާއި ޤަތަރު މެދުވެރިވެގެން ޖޫން މަހު އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި ފަހުމުނާމާގެ މަސައްކަތް، ކަނޑުއޮޅީގައި ދަތުރުފަތުރުކުރުމާ ގުޅޭގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ހުރެ ވަނީ ހުއްޓިފަ އެވެ.
މަސްދަރު: އަނަދޮލި އޭޖެންސީ











