"މޮޔަ ހަނގުރާމަ" ނިންމަން ރަޝިޔާއާއި ޔޫކްރެއިންގެ ލީޑަރުން ބައްދަލުކުރަންޖެހޭ: ޓްރަމްޕް
13 އޮކްޓޯބަރު 2026 | އަންގާރަ 02:14ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއި ޔޫކްރެއިންގެ ރައީސުން އެއްބަސްވުމަކަށް އައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާރުއަޅުއްވައިފި. ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެކަން ދެ ގައުމުން ދޮގުކުރޭ. ނަމަވެސް، އެމެރިކާ މެދުވެރިވެގެން މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ޓްރަމްޕް ވިދާޅުވި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީއާ ބައްދަލުކުރައްވަނީ | އަނަދޮލު އޭޖެންސީ
ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި އެއްބަސްވުމަކަށް އައުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އަދި ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީއަށް ހޯމަ ދުވަހު ގޮވާލައްވައިފި އެވެ.
ވައިޓް ހައުސްއިން އޮހާޔޯއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ޓްރަމްޕް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޒެލެންސްކީ އަދި ޕުޓިން ބައްދަލުކުރައްވައި އެ "މޮޔަ ހަނގުރާމަ" ނިންމަންޖެހޭ ކަމަށެވެ. މި މަހު އެ ހަނގުރާމައިގައި 32،000 މީހުން މަރުވެފައިވާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ދެ ލީޑަރުން އެކުގައި މަސައްކަތްކޮށް އެ ކަން ނިންމަންޖެހޭ ކަން ޓްރަމްޕް ފާހަގަކުރެއްވި އެވެ.
ރަޝިޔާއާއި ޔޫކްރެއިނުން އެއް ގައުމު އަނެއް ގައުމުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާ ދިނުން ވަގުތުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަން ޓްރަމްޕް އާދީއްތަ ދުވަހު އިއުލާނުކުރެއްވި އެވެ. "ހަކަތައިގެ ހަނގުރާމަ ހުއްޓާލުމަށް" ޒެލެންސްކީ ތާއީދުކުރައްވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި، އެ ހުށަހެޅުމަށް ޕުޓިން އެއްބަސްވެވަޑައިނުގަންނަވާ ކަމަށް ބުނާ ބުނުމާ ގުޅޭގޮތުން ސުވާލުކުރުމުން، ދެ ލީޑަރުން ވެސް އެ އިންތިޒާމަށް ތާއީދުކުރައްވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެ ދެ ބޭފުޅުން ވެސް އެއްބަސްވުމެއް ގާއިމުކުރަން ބޭނުންފުޅުވާ ކަމަށާއި ނަމަވެސް އެ ކަން ކުރާނެ ގޮތެއް އެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، އެއްބަސްވުމަކަށް ދެ ބޭފުޅުން ގެންނަވާނީ އެމެރިކާއިން ކަމަށް ޓްރަމްޕް ބަޔާންކުރެއްވި އެވެ.
ދެ ފަރާތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ވާހަކަފުޅަށް ނޫސްވެރިއަކު ސުވާލު އުފެއްދި އެވެ. އަދި، ރަޝިޔާއާއި ޔޫކްރެއިނުން އެ ދައުވާ ފާޅުގައި ދޮގުކޮށްފައިވާކަން އެ ނޫސްވެރިޔާ ފާހަގަކުރި އެވެ. މި ފުށުއެރުމާ ގުޅޭގޮތުން ސުވާލުކުރުމުން، އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި އެވެ. އެ ދެ ފަރާތުން އެއްބަސްވީ އޭނާ އެއްބަސްވާން ވިދާޅުވުމުން ކަމަށާއި، އެ ހިސާބުން މި މައްސަލައަށް ހައްލެއް ލިބެންޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މަޝްވަރާކުރުމަށް ދެ ލީޑަރުންގެ މެދުގައި އޮތް ޝައުގުވެރިކަމާ މެދު އަމިއްލަފުޅަށް ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން، ޒެލެންސްކީއަށް ވުރެ ބޮޑަށް އެއްބަސްވުމަކަށް އައުމަށް ޝައުގުވެރިވަނީ ޕުޓިން ކަމަށް ގަބޫލުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











