ރަޝިޔާއިން ޑީސަލް ގަތުމުގެ އެއްބަސްވުން: ޓްރަމްޕްގެ ސިޔާސަތަށް އެތެރެއާއި ބޭރުން ވަރުގަދަ ފިއްތުންތަކެއް
12 އޮކްޓޯބަރު 2026 | ހޯމަ 09:24އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރަޝިޔާއިން ޑީސަލް އެތެރެކުރުމަށް ޓްރަމްޕް ނިންމެވި ނިންމެވުމަށް ކޮންގްރެސްގެ މެންބަރުންނާއި ބައިނަލްއަގުވާމީ ލީޑަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި. މި އެއްބަސްވުމުގެ ދަށުން ރަޝިޔާއިން އެތައް މިލިޔަން ޓަނެއްގެެ ޑީސަލް ފޯރުކޮށްދޭން ނިންމާފައިވާއިރު، މިއީ ޔޫކްރެއިން ހަނގުރާމައަށް ޕުޓިންއަށް ދެވޭ މާލީ އެހީއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރޭ


ފެބުރުވަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައި | އީޕީއޭ
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލެމުންދާ ދަނޑިވަޅެއްގައި، ރަޝިޔާއިން ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރާއްވަވަމުން ގެންދަވާ ރޭވުމާ ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކާއި ދެކޮޅުވެރިކަން ކުރިމަތިވެއްޖެ އެވެ. ރަޝިޔާގެ ތެލާއި ގޭސް އެތެރެކުރާ ގައުމުތަކާ ދެކޮޅަށް އެމެރިކާއިން އާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޓެރިފް ނުވަތަ އިމްޕޯޓުޑިޔުޓީތައް ކަނޑައެޅުމުގެ ގާނޫނެއްގައި ޓްރަމްޕް ސޮއިކުރެއްވިތާ ހަފުތާތަކެއް ފަހުން، އެމެރިކާއަށް 300،000 ޓަނުގެ ޑީސަލް ވިއްކުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އެއްބަސްވެވަޑައިގަންނަވާފައިވާ ކަމަށް ޓްރަމްޕް ވަނީ ހުކުރު ދުވަހު އިއުލާނު ކުރައްވާފަ އެވެ. އަދި، އޭގެ ފަހުން އިތުރު ޝިޕްމަންޓްތައް ވެސް ފޮނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް، މި ފިޔަވަޅަކީ އެމެރިކާގެ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ، ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ޓްރަމްޕް ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ފޮނުވާ 300،000 ޓަނުގެ ޑީސަލްގެ އިތުރުން، ނޮވެންބަރު މަހު ރަޝިޔާއިން 500،000 ޓަނުގެ ޑީސަލް ފޯރުކޮށްދޭނެ ކަމަށާއި، އޭގެ ފަހުން އިތުރު އެއް މިލިޔަން ޓަނު ފޮނުވާނެ ކަމަށެވެ. މިއާއެކު، އިތުރު ތިން މިލިއަން ޓަނު "ކުރު މުއްދަތެއްގެ ތެރޭގައި" ލިބޭނެ ކަމަށާއި، ޔޫކްރެއިނުން ހަމަލާދީފައިވާ ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ ހާލަތުގެ މައްޗަށް ކަމަށް ވެސް ވިދާޅުވި އެވެ. "އެމެރިކާގެ ރައްޔިތުންނަށް، ޚާއްސަކޮށް އަޅުގަނޑުމެންގެ ދަނޑުވެރިންނަށާއި، ނައަމްސޫފި ގެންގުޅޭ ފަރާތްތަކަށާއި، ޓްރަކު ޑްރައިވަރުންނަށް އަގުތައް ހެޔޮކޮށްދިނުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އިސްކަން" ޓްރުތު ސޯޝަލްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވި އެވެ. ރަޝިޔާގެ ދައުލަތުގެ ނޫސް އޭޖެންސީ ޓާސްއަށް މައުލޫމާތު ދެއްވަމުން އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަލެކްސާންދްރަ ނަވާކް ވަނީ މި އަދަދުތައް ކަށަވަރުކޮށްދެއްވައި، ކުރިއަށް އޮތް ތަނުގައި މަހަކު އެކްސްޕޯޓްކުރާ މިންވަރު 3 މިލިޔަން ޓަނަށް އަރާފާނެ ކަމަށް ވިދާޅުވެފަ އެވެ.
މި އެއްބަސްވުމަކީ ޕުޓިންއަށް ދެއްވި ހަދިޔާއެއްގެ އިތުރުން "ނިމުމަކަށް ގެންނަންޖެހޭ ހަނގުރާމައަކަށް ކުރެވޭ އިންވެސްޓްމަންޓެއް" ގެ ގޮތުގައި ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީ ވަނީ ސިފަކުރައްވާފަ އެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ މާލީ ވުޒާރާއިން ރަޝިޔާގެ ޑީސަލް އެކްސްޕޯޓަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެޕްރީލް 7 އާ ހަމައަށް މެދުކަނޑާލި ނަމަވެސް، އެމެރިކާގެ ބޭންކުތަކުގައި ހުރި އެސެޓްތައް ފަދަ އެހެނިހެން މުދާތައް އަދިވެސް ހުރީ ފްރީޒްކޮށްފަ އެވެ. ރިޕަބްލިކަން ޕާޓީގެ ހަތަރު މެންބަރުންނާއި ޑިމޮކްރެޓިކް ޕާޓީގެ ތިން މެންބަރުން ހިމެނޭ ހަތް ސެނެޓަރުންގެ މައްޗަށް އެކުލެވޭ ގްރޫޕަކުން އާދީއްތަ ދުވަހު ބުނީ، މި އެއްބަސްވުމަކީ އެމެރިކާގެ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށާއި، މި ނިންމެވުން "އަނބުރާ ގެންދެވުމަށް" ޓްރަމްޕަށް ގޮވާލާ ކަމަށެވެ.
އެ މެންބަރުން ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިންގެ އާންމުން މަރަމުންދާ ދަނޑިވަޅެއްގައި، އެމެރިކާއިން ޕުޓިންއަށް މާލީ އެހީތެރިކަމެއް ދީގެން ނުވާނެ ކަމަށެވެ. އަދި، ޔޫކްރެއިނާ ދެކޮޅަށް ޕުޓިން ކުރަމުންދާ އަނިޔާވެރި ހަނގުރާމައަށް އެމެރިކާގެ ޑޮލަރުން ހަރަދުކުރުން ހުއްޓުވުމަށް ޓަކައި، ކޮންގްރެސްއިން 2022 ވަނަ އަހަރު ރަޝިޔާގެ ހަކަތަ އެތެރެކުރުން ސާފުކޮށް މަނާކޮށްފައިވާ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ. މި ބަޔާނުގައި ސޮއިކުރެއްވީ ރިޕަބްލިކަން ޕާޓީގެ ސޫޒަން ކޮލިންސް، ލީސާ މުރްކޮވްސްކީ، ތޮމް ޓިލިސް، އަދި ޖޯން ކާޓިސްގެ އިތުރުން ޑިމޮކްރެޓިކް ޕާޓީގެ ޖީން ޝާހީން، ރިޗަޑް ބްލޫމެންތޯލް، އަދި ރޮން ވައިޑަން އެވެ.
ނަމަވެސް، ހުރިހާ ބޭފުޅުން މި އެއްބަސްވުމާ ދެކޮޅެއް ނޫނެވެ. ޓްރަމްޕާއެކު އެކި މައްސަލަތަކުގައި ޚިޔާލުތަފާތުވެފައިވާ ރިޕަބްލިކަން ޕާޓީގެ ތޯމަސް މާސީ ވިދާޅުވީ، ޕެޓްރޯލިޔަމްގެ ހުރިހާ އުފެއްދުންތަކަކުން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަންޖެހޭ ކަމަށެވެ. ޓްރަމްޕްގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ފޮކްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އަގުތައް ތިރިކުރުމަށް ޓަކައި އެމެރިކާގައި ގާއިމުވެފައިވާ ގާނޫނީ އޮނިގަނޑުގެ ތެރެއިން މި އެއްބަސްވުން ކުރިއަށްދާނެ ކަމަށާއި، އެކަން އެހެން ނުވާނެ ކަމަށް ކޮންގްރެސްގެ އެއްވެސް ބޭފުޅަކު ވިދާޅުވާނަމަ އެއީ ކުށްހީއެއް ކަމަށެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އެލެސްކާއަށް ވަޑައިގަންނަވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވަނީ (ފައިލް) | ގެޓީ އިމޭޖަސް
ފެބުރުވަރީ މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް އެމެރިކާ އަދި އިސްރާއީލުން ފެށި ޣައިރުގާނޫނީ ހަނގުރާމައާއެކު، ޕެޓްރޯލާއި ޑީސަލް އުފެއްދުމަށް ބޭނުންވާ މައިގަނޑު މާއްދާ ކަމަށްވާ ސާފުނުކުރާ ތެޔޮ ފޯރުކޮށްދިނުމަށް ބޮޑެތި ބުރޫތަކެއް އަރައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފަ އެވެ. ކޮންގްރެސްގެ ކޮންޓްރޯލް ރިޕަބްލިކަން ޕާޓީއަށް ދެމެހެއްޓޭނެތޯ ކަނޑައަޅާ އަންނަ މަހުގެ މިޑްޓާމް އިންތިޚާބު ކުރިމަތީގައި އޮތްއިރު، އަގުތައް އުފުލުމުގެ މައްސަލައަކީ އެމެރިކާގެ ރައްޔިތުންގެ މެދުގައި މައިގަނޑު ކަންބޮޑުވުމަކަށް ވަނީ ވެފަ އެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އެމެރިކާގެ ގިނަ ރައްޔިތުން އިގުތިސާދު ބަލަހައްޓާ ގޮތަށާއި އީރާނުގެ ހަނގުރާމަ މެނޭޖްކުރާ ގޮތަށް ރުހުމެއް ނުދެ އެވެ. އަދި، ޓްރަމްޕް ދަނީ އޭނާގެ ޕާޓީއަށް ކުރިމަތިވެފައިވާ ސިޔާސީ ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތައް ހޯއްދަވަމުންނެވެ. މި ހަނގުރާމައިގެ ސަބަބުން ލިބޭ ގެއްލުން އެންމެ ބޮޑަށް އިހުސާސްކުރެވެނީ ދަނޑުވެރިކަމުގެ މެޝިނަރީތައް ހިންގުމަށާއި އުފެއްދުންތައް ބާޒާރަށް ގެންދިއުމަށް ޑީސަލަށް ވަރަށް ބޮޑަށް ބަރޯސާވާ އެމެރިކާގެ ދަނޑުވެރި ސްޓޭޓްތަކަށެވެ.
އޭއޭއޭއިން ބުނި ގޮތުގައި، ސެޕްޓެންބަރު މަހުގެ ނިޔަލަށް ޑީސަލް ގެލަނެއްގެ އަގު ވަނީ 6.53 އެެމެރިކާ ޑޮލަރަށް އުފުލިފަ އެވެ. ނަމަވެސް، މިހާރު އަގު ވަނީ ގެލަނެއް 6.28 ޑޮލަރަށް ތިރިވެފަ އެވެ. ނަމަވެސް، އެ މިންވަރަށް ޑީސަލް ފޯރުކޮށްދިނުމުގެ ގާބިލުކަން ރަޝިޔާގެ ކިބައިގައި ހުރިތޯއާއި، އެ ކަމުގެ ސަބަބުން އެމެރިކާގެ ކޮންސިއުމަރުންނަށް އަގުތައް ހެޔޮވާނީ ކިހާ މިންވަރަކަށްތޯ ދާރިސުން ވަނީ ސުވާލު އުފައްދަވާފަ އެވެ. އެމެރިކާގައި ދުވާލަކު ގާތްގަނޑަކަށް 3.6 މިލިޔަން ފީފާގެ ޑީސަލް ބޭނުންކުރާއިރު، މި މަހު ރަޝިޔާއިން ވައުދުވި 300،000 ޓަނު ދިން ނަމަވެސް، އެއީ އެމެރިކާގައި ދުވާލަކު ބޭނުންކުރާ މިންވަރުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ.
ރަޝިޔާއާއެކު ހަދާފައިވާ ޑީސަލް އެއްބަސްވުމާ ގުޅިގެން ޓްރަމްޕަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ކުރިމަތިވަމުން ދަނީ ހަމައެކަނި އެތެރޭގެ ބާޒާރުންނެއް ނޫނެވެ. ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީއާއި އިނގިރޭސިވިލާތުގެ ދިފާޢީ ވަޒީރު ވެސް ސްޓްރީޓިންގ ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ގިނަ ލީޑަރުން ވަނީ މިކަމަށް ފާޑުވިދާޅުވެފަ އެވެ. އެ ބޭފުޅުން ވިދާޅުވީ، ހަނގުރާމަ ހުއްޓުވުމަށް ޓަކައި އެމެރިކާއާއި ޔޫކްރެއިންގެ އެހެން ބައިވެރިން ވެސް އިސްކަންދޭންވީ ރަޝިޔާއަށް ކުރާ ފިއްތުންތައް އިތުރުކުރުމަށް ކަމަށެވެ.
މިއާއެކު، ރަޝިޔާއާއި ޔޫކްރެއިނުން "ހަކަތައިގެ ހަނގުރާމަ ހުއްޓާލުމަކަށް" އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް އާދީއްތަ ދުވަހު އިއުލާނުކުރެއްވި ނަމަވެސް، އިތުރު ތަފުސީލެއް ނުދެއްވަ އެވެ. މި ނިންމުމަށް ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީ މަރުހަބާ ވިދާޅުވި ނަމަވެސް، މޮސްކޯއިން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
މަސްދަރު: ބީބީސީ










