އިންތިޚާބުތަކުގެ ކުރިން އީރާނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށަން ޓްރަމްޕާއި ނަތަންޔާހޫ ރާވައިފި
14 އޮކްޓޯބަރު 2026 | ބުދަ 03:06އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބާރުއަޅަމުން ގެންދާތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި. ނަމަވެސް، ވައިޓް ހައުސްއިން މި ކަން ދޮގުކުރާއިރު، މި ފަދަ އޮޕަރޭޝަނެއްގެ ސަބަބުން ސަރަހައްދީ މަސްރަހު ގޯސްވެ، އިސްރާއީލުގެ އިންތިޚާބަށް ބުރޫއަރާފާނެ ކަމުގެ ބިރު އޮތްކަން އަސްކަރީ މާހިރުން ފާހަގަކުރޭ

![އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވަނީ [ފައިލް]](https://dyncz33htw1ec.cloudfront.net/posts/149bd07a-0da6-4fac-a7e1-0c46818649ff.webp)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވަނީ [ފައިލް] | އަނަދޮލު އޭޖެންސީ
ކުރިއަށް އޮތް އެމެރިކާގެ މިޑްޓާމް އިންތިޚާބާއި، ޔަހޫދީ އިސްރާއީލުގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ ކުރިން އީރާނާ ދެކޮޅަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފަށައި، އެ ޤައުމަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރާވާފައިވާ ކަން ހާމަވެއްޖެ އެވެ. މި ކަމުގެ މައުލޫމާތު އިނގޭ މަސްދަރުތަކާ ހަވާލާދީ، މި ކަން އެންމެ ފުރަތަމަ ރިޕޯޓުކޮަށްފައި ވަނީ އެމެރިކާގެ ނޫހެއް ކަމަށްވާ އެކްސިޔޮސްއިންނެވެ.
މަސްދަރުތަކުން ބުނީ، ޓްރަމްޕާއި ނަތަންޔާހޫ މި ކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވަނީ، މިޑްޓާމް އިންތިޚާބުގެ ކުރިން އީރާނަށް އަލުން ހަމަލާނުދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އާންމުކޮށް އިއުލާނު ކުރެއްވުމުގެ ކުރިން ކަމަށެވެ. އެކްސިޔޮސްއަށް މި މައުލޫމާތު ދީފައި ވަނީ، އެމެރިކާ ސަރުކާރުގެ ދެ އިސް އޮފިޝަލަކާއި ތިންވަނަ މަސްދަރަކުންނެވެ.
އީރާނާ އަލުން ހަމަލާދޭން ފެށުމަށް ބާރުއަޅަމުން ދަނީ ހައްދުފަހަނައެޅި ޔަހޫދީއެއް ކަމަށްވާ ނަތަންޔާހޫ ކަމަށް މަސްރަހުގެ ދާރިސުން ވިދާޅުވެ އެވެ. މި ގޮތުން، އީރާނުން އަނެއްކާ ވެސް ނިއުކްލިއާ ޕްރޮގްރާމް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް ޕިކްއެކްސް ފަރުބަދައިގައި ހުންނަ މަރުކަރުގައި ފަށާފައިވާ ކަމަށް ނަތަންޔާހޫ ޓްރަމްޕް ކައިރީ ބުނި ކަމަށް މަސްދަރުތަކުން ހާމަކުރި އެވެ.
ނޮވެންބަރުގައި އެމެރިކާގައި ބާއްވާ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގެ ކުރިން އީރާނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފެށުމަށް ޓްރަމްޕް ރާއްވަވައި، ނަތަންޔާހޫއާއެކު އެ ކަމާގުޅޭ މަޝްވަރާ ކުރައްވާފައިވާ ކަމުގެ ރިޕޯޓު ވައިޓް ހައުސްއިން ވަނީ ދޮގުކޮށްފަ އެވެ. ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ، އެއީ 'ފޯލްސް' ނުވަތަ ތެދު ނޫން ދައުވާއެއް ކަމަށެވެ.
އީރާނަށް ހަމަލާ ދިނުމަށް ތައްޔާރުވުމަށް ޓްރަމްޕް ނަތަންޔާހޫއަށް އެންގެވި ކަމަށާއި، ނަމަވެސް އެމެރިކާއިން އެއްވެސް ހަމަލާއެއްގައި މި ވަގުތު ބައިވެރިވާނެ ކަމުގެ ޔަގީން ކަން ޓްރަމްޕް ދެއްވާފައި ނުވާ ކަމަށް ވެސް އެކްސިޔޮސްއިން ރިޕޯޓުކޮށްފައިވެ އެވެ.
މަސްދަރުތަކުން ބުނީ، ޓްރަމްޕްގެ ގިނަ މުޝީރުުންގެ ލަފަޔަކީ، އީރާނާ ދެކޮޅަށް އަޅާފައިވާ އިގުތިސާދީ ދަތިކުރުމުގެ ފިއްތުންތައް އިތުރަށް ހަރުކަށި ކުރުން ކަމަށެވެ. ނަމަވެސް، އީރާނުން އަލުން ހަމަލާދޭން ފެށުމަށް އެންމެ ބޮޑަށް ބާރުއަޅުއްވަމުން ގެންދަވަނީ އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތުގެ އިތުރުން ސެންޓްރަލް ކޮމާންޑުގެ އިސްވެރިން ކަމަށް ވެސް އެކްސިޔޮސްގެ ރިޕޯޓުގައި ހާމަކޮށްފައިވެ އެވެ.
ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި އީރާނާ ދެކޮޅަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފަށައިފި ނަމަ، އީރާނުން ރައްދުދޭނެ ކަމަށާއި، އޭގެ ސަބަބުން އޮކްޓޫބަރު 27 އަށް ތާވަލުކޮށްފައި އޮތް އިސްރާއީލުގެ ޤާނޫނުހަދާ މަޖިލީހުުގެ އިންތިޚާބު ފަސްކުރަން މަޖުބޫރުވާނެ ކަމަށް، އިސްރާއީލުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު ބުނެފައިވާ ކަމަށް އެކްސިޔޮސްއިން ރިޕޯޓުކުރެ އެވެ.
ފެބުރުވަރީ 28 ގައި ޞިހްޔޫނީން ރުއްސުމަށް އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ވޮޝިންގޓަނާއި ތެހްރާނާ ދެމެދު މިހާރު ވެސް ދަނީ މެސެޖުތައް ބަދަލުކޮށް، ނުރަސްމީ މަޝްވަރާތައް ބާއްވަމުންނެވެ. އެމެރިކާއިން އެންމެ ފުރަތަމަ އީރާނަށް ހަމަލާދީފައި ވަނީ، އީރާނުން އިސްރާއީލާއި މެދުއިރުމަތީގެ ޤައުމުތަކަށް އިސްވެ ހަމަލާދޭން އުޅޭ ކަމަށް ތުހުމަތުކޮށެވެ. އީރާނާ ހަމަލާ ދިނުމަށް ޓްރަމްޕަށް މަޖުބޫރު ކުރުވީ ޔަހޫދީންގެ ނިރުބަވެރި ނަތަންޔާހޫ ކަމަށް މަސްރަހުގެ ދާރިސުން އެއްބަސްވެވަޑައިގަންނަވަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











