ސައުދީއަށް އަމާޒުކޮށް ފޮނުވާލި ޑްރޯނަކާއި މަދީނާ މަތިން ކްރޫޒް މިސައިލެއް ދިފާޢުކޮށް ވައްޓާލައިފި
16 އޮކްޓޯބަރު 2026 | ހުކުރު 10:07ސައުދީ އިއްތިހާދާއި ހޫޘީންނާ ދެމެދު އަސްކަރީ ހަމަނުޖެހުންތައް އިތުރުވަމުންދާއިރު، ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަކާއި ޑްރޯންތައް އެ ގައުމުން ވަނީ ހުއްޓުވާފައi. މި ހަމަލާތަކާ ގުޅިގެން ބައެއް މީހުންނަށް އަނިޔާވެ މުދަލަށް ގެއްލުން ލިބިފައިވާއިރު، މިއީ 2022 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުމަށްފަހު މަސްރަހު އަލުން ގޯސްވާން ފެށި ދަނޑިވަޅެއް


ސައުދީ އަރަބިއްޔާގެ މައްކާގެ ރަށްބޭރުގައި ގާއިމުކޮށްފައިވާ ވައިގެ ދިފާޢީ ނިޒާމެއް | އެސްޕީއޭ
ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް ހުއްޓުވައި ނައްތާލާފައިވާ ކަމަށް، ޔަމަނުގައި ހަރަކާތްތެރިވާ ސައުދީ އިސްކޮށް އޮންނަ އަސްކަރީ އިއްތިހާދުން ހުކުރު ދުވަހުގެ ފަތިހު ހާމަކޮށްފި އެވެ. އަދި, ޔަމަނުގެ އުތުރުން ބޯޑަރުގައި އޮންނަ ޞަޢުދާ ޕްރޮވިންސަށް އާޓިލަރީ ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށް ހޫޘީންނާ ގުޅުން ހުރި މީޑިއާތަކުން ރިޕޯޓުކުރި އެވެ.
މި ޑްރޯން ފޮނުވާލީ ކޮން ބައެއްކަން ނުވަތަ އޭގެ އަމާޒަކީ ކޮބައިކަން ހާމަނުކޮށް، އެ ޑްރޯން ހުއްޓުވާފައިވާ ކަމަށް އިއްތިހާދުން ނެރުނު ކުރު ބަޔާނެއްގައި ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނުވަތަ ގެއްލުމެއް ލިބުނު ކަމުގެ ތަފްސީލެއް މި ބަޔާނުގައި ދީފައެއް ނުވެ އެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ބޯޑަރު ކައިރީގައި އޮންނަ ޔަމަނުގެ ޞަޢުދާ ޕްރޮވިންސްގެ އަލް-ލާހިރު ޑިސްޓްރިކްޓުގެ ބައެއް ސަރަހައްދުތަކަށް އާޓިލަރީ ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށް، ހޫޘީންނާ ގުޅުން ހުރި އަލް-މަސީރާ ޓީވީ ޗެނަލުން ރިޕޯޓުކުރި އެވެ.
މި ރިޕޯޓުތައް އާންމުވެފައި މި ވަނީ، ސައުދީ އިއްތިހާދާއި ހޫޘީންނާ ދެމެދު އަސްކަރީ ގޮތުން ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. ސައުދީ އަރަބިއްޔާގެ ހުޅަނގުގައި އޮންނަ މަދީނާ ސަރަހައްދުގެ މަތިން ކްރޫޒް މިސައިލެއް ހުއްޓުވާފައިވާ ކަމަށް، ބުރާސްފަތި ދުވަހު އިއްތިހާދުން އިއުލާނުކުރި އެވެ. ސައުދީގެ ސަރަހައްދަށް އެ ދުވަހު އެއްވެސް ހަމަލާއެއް އެ ޖަމާއަތުން ދީފައި ނުވާނެ ކަމަށް ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީޢު ވިދާޅުވި އެވެ.
އޭގެ އެއް ދުވަސް ކުރިން، ވެރިރަށް ރިޔާޟަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ހުއްޓުވައި ނައްތާލާފައިވާ ކަމަށް އިއްތިހާދުން ބުންޏެވެ. އަދި, މި މިސައިލުގެ ބައިތައް ވެއްޓުމުގެ ސަބަބުން އެކަކަށް އަނިޔާވެ، މުދަލަށް ކުދިބޮޑު ގެއްލުންތަކެއް ލިބުނު ކަމަށް ވެސް އިއްތިހާދުން ބުންޏެވެ. މި ފަހުގެ މި ހާދިސާތައް ހިނގާފައި މި ވަނީ، ސައުދީގެ އެއާޕޯޓުތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގަ އެވެ.
ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް، ސައުދީ އަރަބިއްޔާއިން އިސްކޮށް އޮވެ އަސްކަރީ އިއްތިހާދެއް އުފައްދައި ހޫޘީންނާ ދެކޮޅަށް ހަރަކާތްތެރިވާން ފެށީ 2015 ވަނަ އަހަރު އެވެ. އެއީ، 2014 ވަނަ އަހަރުން ފެށިގެން ވެރިރަށް ޞަންޢާއާއި އެހެނިހެން ބައެއް ޕްރޮވިންސްތައް ހޫޘީންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމާ ގުޅިގެންނެވެ.
އދ. މެދުވެރިވެގެން 2022 ވަނަ އަހަރުގެ އެޕްރީލު މަހު ފެށި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ފަހު ހަމަހިމޭން ދުވަސްތަކެއް ހޭދަވުމަށްފަހު، މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ފެށުނީ ޖުލައި މަހު އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











