ރިޔާޟަށް ދިން މިސައިލް ހަމަލާތަކެއް ދިފާޢުކުރުމުގެ ތެރޭގައި ހަތަރުު މީހުންނަށް އަނިޔާވެ، 15 ގެއަކަށް ގެއްލުންވެއްޖެ
14 އޮކްޓޯބަރު 2026 | ބުދަ 02:09ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި ގިނަ އަދަދެއްގެ މިސައިލާއި ޑްރޯންތަކެއް ސައުދީ އަސްކަރިއްޔާއިން ވައްޓާލައިފި. މި ހަމަލާތަކުގެ ތެރެއިން އަރަމްކޯ ތެޔޮ ކުންފުނީގެ އިމާރާތަކަށް ދިން ހަމަލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، ވައްޓާލި މިސައިލްތަކުގެ ބައިތައް މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ވެއްޓި ބައެއް ގެތަކަށް ވަނީ ގެއްލުން ލިބިފައި


ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން މިސައިލް ހަމަލާއެއް ދީފައިވާ ސަރަހައްދަކުން ދުން އަރަމުންދާ މަންޒަރު | އަލް ޖަޒީރާ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ހަނގުރާމަވެރިން ފޮނުވާލި ދެ ކްރޫޒް މިސައިލެއް ދިފާޢުކޮށް، ވައްޓާލުމާ ގުޅިގެން އޭގެ ބައިތައް ވެއްޓި ހަތަރު މީހަކަށް އަނިޔާވެ 15 ގެއަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ އިދާރާތަކުން ބުދަ ދުވަހު ހާމަކޮށްފި އެވެ.
ޔަމަނުގެ ހޫޘީ ޖަމާއަތުން ފޮނުވާލި މި މިސައިލްތައް އަންގާރަ ދުވަހު ވައްޓާލާފައިވާއިރު، މިސައިލްގެ ބައިތައް ވެއްޓި އަނިޔާވެފައި ވަނީ ދެ އަންހެނަކާއި ފިރިހެނެއްގެ އިތުރުން ކުޑަކުއްޖަކަށް ކަމަށް، ސައުދީ ސިވިލް ޑިފެންސުން ބުނެފައިވެ އެވެ. ހަމަމިއާއެކު، މި ހާދިސާއާ ގުޅިގެން ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އިޖުރާތުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް، އެ އިދާރާއިން ބުނެފައިވެ އެވެ.
ރިޔާޟްގެ އިރުދެކުނުން އޮންނަ އަލް-ޚަރްޖަށް އަމާޒުކޮށް ފޮނުވާލި އިތުރު ކްރޫޒް މިސައިލެއް ސައުދީ އަސްކަރީ އިއްތިހާދުން ދިފާޢުކޮށް ވައްޓާލާފައިވާ ކަމަށް، އެ އިއްތިހާދުގެ ތަރުޖަމާނު ތުރްކީ އަލް-މާލިކީ ވިދާޅުވި އެވެ.
މީގެ އިތުރުން، އިރުމަތީގެ ރަށެއް ކަމަށްވާ ލަހްރާންގައި ހުންނަ އަރަމްކޯ ތެޔޮ ކުންފުނީގެ އިދާރީ އިމާރާތަކަށް އަންގާރަ ދުވަހުގެ ހަވީރު ހަމަލާދީފައިވާ ކަމަށާއި، މި ހަމަލާގެ ސަބަބުން އެ ތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް، ސައުދީ ހަކަތައާ ބެހޭ ވުޒާރާއިން ބުނެފައިވެ އެވެ. ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން އެ ސަރަހައްދަށް ގޮސް ބޭނުންވާ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެ ނުވަތަ މަރުވެފައި ނުވާ ކަމަށް، އެ ވުޒާރާއިން ކަށަވަރުކޮށްދީފައިވެ އެވެ.
ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫޘީ ޖަމާއަތުން ފޮނުވާލި ހަ މިސައިލަކާއި ޑްރޯންތަކެއް ވައްޓާލައި ނައްތާލާފައިވާ ކަމަށް، އަންގާރަ ދުވަހުގެ ކުރީކޮޅު އަސްކަރީ އިއްތިހާދުން ބުނެފައިވެ އެވެ. ހަރަޟް އަދި ލަހްރާނަށް އަމާޒުކޮށް ފޮނުވާލި މިސައިލްތައް ވައްޓާލާފައިވާ ކަމަށް އަލް-މާލިކީ ވިދާޅުވިއިރު، ލަހްރާންގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް އޭގެ ބައިތައް ވެއްޓިފައިވާ ކަމަށް އިއްތިހާދުން ރިޕޯޓުކޮށްފައިވެ އެވެ. ރިޔާޟް ސަރަހައްދަށާއި ސައުދީ އަރަބިއްޔާގެ ދެކުނަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލްތަކަކާއި ޑްރޯންތަކެއް ވެސް ވައްޓާލާފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











