އެއާޕޯޓުތަކަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވަނިކޮށް، ހޫޘީންގެ މިސައިލެއް ސައުދީން ދިފާއުކޮށްފި
12 އޮކްޓޯބަރު 2026 | ހޯމަ 05:23ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ހޫޘީން ދެމުންގެންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ރިޔާޟްގެ އެއާޕޯޓަށް ދިން ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. މި ހަމަލާތަކާ ގުޅިގެން ސައުދީ އިއްތިހާދުން ހޫޘީންނަށް ހަރުކަށި ރައްދެއް ދޭނެކަމުގެ އިންޒާރު ދީފައިވާއިރު، އެ ޤައުމުގެ ސިވިލް ޑިފެންސުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުން


ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި އޮންނަ ކިންގް ޚާލިފް އިންޓަނޭޝަނަލް އެއާޕޯޓު | ރިޔާޟު އެއާޕޯޓްސް
ސައުދީ އަރަބިއްޔާގެ ހުޅަނގު ދެކުނުގައި އޮންނަ ޚަމީސް މުޝައިޠަށް އަމާޒުކޮށް ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން ފޮނުވާލި ބެލިސްޓިކް މިސައިލެއް ހުއްޓުވައި، ދިފާއުކޮށްފައިވާނެ ކަމަށް ސައުދީ އަސްކަރީ އިއްތިހާދުން ހާމަކޮށްފި އެވެ. އެ އިއްތިހާދުގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ވަނީ މި ކަން ކަށަވަރު ކޮށްދެއްވާފަ އެވެ.
މީގެ ކުރިން، ސައުދީ އަރަބިއްޔާގެ ސިވިލް ޑިފެންސުން ވަނީ އެ ސަރަހައްދާ ކައިރީގައި އޮންނަ އަބްހާއަށް އިންޒާރެއް ނެރެފަ އެވެ. އަދި, އޭގެ ފަހުން ނުރައްކަލުގެ އިންޒާރު ކެންސަލްކޮށްފަ އެވެ. މި މިސައިލް ހުއްޓުވާފައި މި ވަނީ، އެއާޕޯޓުތަކަށް ދެމުންގެންދާ ހަމަލާތައް ހިމެނޭހެން، ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫޘީ ޖަމާއަތުން ދެމުންގެންދާ ހަމަލާތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން (ޖީއޭސީއޭ) ބުނީ، އާދީއްތަ ދުވަހު ވެރިރަށް ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއެއްގައި ޕާކިސްތާނުގެ ރައްޔިތަކު މަރުވެ، އިތުރު 11 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މި ހަމަލާ ދީފައި މި ވަނީ، ހަމަ އެ އެއާޕޯޓަށް އޭގެ ކުރީ ދުވަހު ދިން އެހެން ހަމަލާއެއްގައި 13 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައި ވަނިކޮށެވެ.
އޭގެ ކުރިން ދިން ހަމަލާގެ ތުހުމަތު ސައުދީ އަރަބިއްޔާ އިސްކޮށް އޮންނަ އިއްތިހާދުން ހޫޘީ ޖަމާއަތުގެ ކޮނޑުގައި އަޅުވާފައިވާއިރު، އެ ކަމަށް ހަރުކަށި ރައްދެއް ދޭނެކަމުގެ އިންޒާރު ވެސް ސައުދީ އިއްތިހާދުން ވަނީ ދީފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











