ސައުދީ އަރަމްކޯ ތެޔޮ ކުންފުނީގެ މައި އިދާރާއަށް ނުރައްކާތެރި ހަމަލާއެއް، މަސްރަހު އިތުރަށް ގޯސްވަނީ!
14 އޮކްޓޯބަރު 2026 | ބުދަ 09:05ޔަމަނުގެ ހޫޘީން ސައުދީގެ އެކި ސަރަހައްދުތަކަށް ދެމުންދާ މިސައިލް ހަމަލާތަކާ ގުޅިގެން ރިޔާޟްގައި ހަތަރު މީހަކަށް އަނިޔާވެ، އާންމުންގެ ގެދޮރަށް ވަނީ ގެއްލުންތަކެއް ލިބިފައި. މި ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ސައުދީ އިއްތިހާދުން ޔަމަނުގެ ތެޔޮ ގުދަންތަކަށް ހަމަލާދެމުންދާއިރު، ހޫޘީން ވަނީ ސައުދީގެ ތެޔޮ ކުންފުނިތަކަށް އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދީފައި


ސައުދީ އަރަބިއްޔާގެ ލަހްރާންގައި ހުންނަ ސައުދީ އަރަމްކޯގެ މައި މަރުކަޒުގެ ބޭރުގައި ޖަހާފައިވާ އެ ކުންފުނީގެ ލޯގޯ | ރޮއިޓަރސް
ޔަމަނުގެ އަހުލީހަނގުރާމަ އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި، ސައުދީ އަރަބިއްޔާގެ އިރުމަތީ ރަށެއް ކަމަށްވާ ލަހްރާންގައި ހުންނަ ސައުދީ އަރަމްކޯ ތެޔޮ ކުންފުނީގެ މައި އިދާރާއަށް އަންގާރަ ދުވަހުގެ ރޭ ޔަމަނުގެ ހޫޘީ ޖަމާއަތުން ނުރައްކާތެރި ހަމަލާއެއްދީފި އެވެ. މި ހަމަލާގެ ސަބަބުން އެ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަން، ސައުދީ އަރަބިއްޔާގެ ހަކަތައާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ހާމަކުރި އެވެ.
އަންގާރަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަރަމްކޯގެ އިދާރީ އިމާރާތެއްގައި ހިނގި މި ހާދިސާއަށް ކަމާބެހޭ ފަރާތްތަކުން އިޖާބަދީ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި, މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެ ނުވަތަ ފުރާނައަށް ގެއްލުންވެފައި ނުވާކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
ލަހްރާންގައި ހުންނަ އަރަމްކޯގެ މައި އިދާރާއަށް ބެލިސްޓިކް މިސައިލެއް އަރާފައިވާކަމަށް ކުންފުނީގެ މަސްދަރަކުން ވެސް މީގެ ކުރިން މީޑިއާއަށް ކަށަވަރުކޮށްދީފައިވެ އެވެ. އެ ކޮމްޕްލެކްސްގައި ހުރި އޮފީސް އިމާރާތަކަށް ހަމަލާ އަމާޒުވެ، އޭގެ އެންމެ މަތީ ތިން ފަންގިފިލާއަށް ގެއްލުންވެފައިވާ ކަމަށް މަސްދަރުތަކުން ބުންޏެވެ. މި އިމާރާތުގައި އަލިފާން ރޯވެފައިވާ ކަމަށް އެ މަސްދަރާއި، މި ކަމުގެ މައުލޫމާތު އެނގޭ އިތުރު ދެ މީހަކު ކަށަވަރުކޮށްދިނެވެ.
މި ކޮމްޕްލެކްސްއަކީ އެއްގަމާއި ކަނޑުގައިވާ ތެޔޮ ނަގާ ރިގްތަކާއި، ހޮޅިތަކާއި، ރިފައިނަރީތަކުގެ އިތުރުން އެކްސްޕޯޓް ޓާމިނަލްތަކުގެ ބޮޑު ނެޓްވޯކެއް ބަލަހައްޓާ އަރަމްކޯގެ މައިގަނޑު އޮޕަރޭޝަން ސެންޓަރެއް ހިންގާ ތަނެކެވެ.
ޔަމަނުގައި އަލުން ފެށިފައިވާ ދާޚިލީ ހަނގުރާމައިގައި ސަރުކާރުގެ ފައުޖުތަކަށް ސައުދީން ތާއީދުކުރާތީ، އޭގެ ބަދަލުހިފުމުގެ ގޮތުން ހޫޘީން ދަނީ ފާއިތުވި ހަފުތާއެއްހާ ދުވަހު ސައުދީ އަރަބިއްޔާގެ މުހިންމު ތަންތަނަށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ. ރިޔާޟްގެ ބައިނަލްއަގުވާމީ އެއާޕޯޓަށް ހަތަރު ހަމަލާއެއް އަމާޒުވެފައިވާއިރު، ހޮނިހިރު ދުވަހު ދިން ހަމަލާއެއްގައި 13 މީހުން މަރުވި އެވެ.
ހޮނިހިރު ދުވަހު ރިޔާޟްގެ އެއާޕޯޓަށް ދިން ބެލިސްޓިކް މިސައިލް ހަމަލާއަކީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ދީފައިވާ އެންމެ ނުރައްކާތެރި ހަމަލާ އެވެ. މިއާއެކު، ދެވުނު އިތުރު ހަމަލާތަކާ ގުޅިގެން މުޅި ޤައުމުގައި ވައިގެ ދަތުރުފަތުރު ވަނީ މެދުކަނޑާލާފަ އެވެ.
އަރަމްކޯ ކޮމްޕްލެކްސް ކައިރިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުނުކަމަށް ހަ މަސްދަރަކުން މީގެ ކުރިން މީޑިއަށް ކަށަވަރުކޮށްދިނެވެ. ލަހްރާން މަތިން ހުއްޓުވައި ނައްތާލި މިސައިލެއްގެ ބައިތައް މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓިފައިވާ ކަމަށް ވެސް ސައުދީ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން ބުންޏެވެ. ނަމަވެސް މި ކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
ވެރިރަށް ރިޔާޟް އަދި އެ ޤައުމުގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކާއި މިސައިލްތަކެއް ވެސް ހުއްޓުވައި ނައްތާލާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ރިޕޯޓުކޮށްފައިވެ އެވެ. ހޫޘީން ފޮނުވާލި ދެ މިސައިލެއް ހުއްޓުވައި ނައްތާލުމުގެ ތެރޭގައި ފޭބި ބައިތަކެއްގެ ސަބަބުން ރިޔާޟްގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް ސައުދީ ސިވިލް ޑިފެންސުން ބުދަ ދުވަހު ބުންޏެވެ. މި ބައިތައް ވެއްޓުމުގެ ސަބަބުން ވެރިރަށުގެ 15 ގެއަކަށް ކޮންމެ ވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އަނިޔާވެފައި ވަނީ ދެ އަންހެނަކާއި، ފިރިހެނެއްގެ އިތުރުން ކުޑަކުއްޖަކަށް ކަމަށް ސިވިލް ޑިފެންސްގެ ތަރުޖަމާނު ވިދާޅުވި އެވެ.
"ޔަމަނުގެ ވެރިރަށް ޞަންޢާއަށް ސައުދީ އަސްކަރީ އިއްތިހާދުން ދިން ހަމަލާތަކަށް ދޭނީ ހަރުކަށި އަދި ވޭންދެނިވި ރައްދެއް،" ކަމަށް ބުނެ ހޫޘީން ވަނީ އާ އިންޒާރެއް ވެސް ދީފަ އެވެ. އަދި, ހަމަލާ އަމާޒުކުރާނެ ތަންތަނުގެ ތެރޭގައި ލަހްރާންގައި ހުންނަ ސައުދީ އަރަމްކޯގެ މައި އިދާރާއާއި ރިޔާޟްގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއެއް ހިމެނިދާނެ ކަމަށް ވެސް އެ ޖަމާއަތުގެ ތަރުޖަމާނު ޔަހްޔާ ސަރީޢު ވިދާޅުވި އެވެ. ހަމަލާ އަމާޒުވެދާނެ ކަމަށް ބެލެވޭ ތަންތަނާ ދުރުގައި ތިބުމަށް، ސައުދީ އަރަބިއްޔާގައި މަސައްކަތްކުރާ ތެޔޮ ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ޖަމާއަތުން ވަނީ އިންޒާރު ދީފަ އެވެ.
ސައުދީ އަރަބިއްޔާއިން ޞަންޢާއަށް ހަމަލާދެމުންދާ ކަމަށް އަންގާރަ ދުވަހުގެ ކުރީކޮޅު ހޫޘީން ބުނެފައިވާއިރު، އެ ރަށުގެ ބޭރުގައި ހުރި ތެޔޮ ރައްކާކުރާ ގުދަނަކާ ދުރުގައި ތިބުމަށް ސައުދީ އިސްވެ އޮންނަ އިއްތިހާދުން ވަނީ އާންމުންނަށް އިންޒާރު ދީފަ އެވެ. ޞަންޢާގެ ބޭރުގައި ހުންނަ ތެޔޮ ގުދަނެއް ކަމަށްވާ ޔަމަން ޕެޓްރޯލިޔަމް ކޮމްޕެނީގެ ސަބާ ސެންޓްރަލް ސްޓޭޝަނަށް ސައުދީ އިއްތިހާދުން ހަމަލާދީފައިވާ ކަމަށް، ހޫޘީން ހިންގާ އަލް-މަސީރާ ޓީވީން ރިޕޯޓުކޮށްފައިވެ އެވެ.
އެ ސްޓޭޝަނަށާއި އެހެނިހެން ތަންތަނަށް ހަމަލާދީފައި ވަނީ ސައުދީ އަރަބިއްޔާއާއި، ޔަމަނާއި ބައިނަލްއަގުވާމީ ކަނޑުއޮޅިތަކަށް ނުރައްކާކުރުމަށް އޮތް ބާރުތައް ކަނޑުވާލުމަށް ޓަކައި ހިންގި އޮޕަރޭޝަނެއްގެ ދަށުން ކަމަށާއި، އޭގެ މަގުސަދަކީ "ހޫޘީންގެ ގާބިލުކަން ނައްތާލުން،" ކަމަށް އަންގާރަ ދުވަހުގެ ހަވީރު އެ އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުންޏެވެ. ސައުދީ އަރަމްކޯއަށް ހަމަލާދިނުމުގެ ކުރިން އަންގާރަ ދުވަހު، ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ރިޔާސަތު ބެލެހެއްޓެވި ސައުދީ ކެބިނެޓުން ނެރުނު ބަޔާނެއްގައި، އެ ޤައުމަށް އަމާޒުކޮށް ހޫޘީން ތަކުރާރުކޮށް ދެމުންދާ ހަމަލާތަކުގެ ނަތީޖާއާ ކުރިމަތިލާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އަލުން ފެށިފައިވާ ޔަމަނުގެ އަހުލީހަނގުރާމަ
ރަތް ކަނޑުގެ އައްސޭރިފަށުން ފެށިގެން ގޮސް މުހިންމު ބާބުލް-މަންދަބް ކަނޑުއޮޅިއާ ހަމައަށް މިދިޔަ މަހު ހޫޘީން ކުއްލި ގޮތަކަށް ހޯދި ކުރިއެރުންތައް އަނބުރާ އަތުލުމުގެ މަގުސަދުގައި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް ސައުދީ އަރަބިއްޔާއިން ވަނީ އެ ޤައުމުގެ އަސްކަރީ ކެމްޕޭން އަލުން ފަށާފަ އެވެ. ރަތް ކަނޑުގެ ދެކުނު ދޮރޯށި ކަމުގައިވާ މި ކަނޑުއޮޅިއަކީ، ފެބުރުވަރީ މަހު އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުގާނޫނީ ހަނގުރާމައާ ގުޅިގެން ގަލްފުން ފެށިގެން އިންޑިޔާ ކަނޑާ ހަމައަށް އޮންނަ ހުރްމުޒް ކަނޑުއޮޅި ތެހެރާނުން ބަންދުކުރުމާ ގުޅިގެން، ސައުދީ އަދި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ހަކަތަ ފޯރުކޮށްދިނުމަށް ވަރަށް މުހިންމު މަގަކަށް ވަނީ ވެފަ އެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސަރުކާރުގެ ފައުޖުތަކުން ފެށި އޮޕަރޭޝަނެއްގައި، ކަނޑުއޮޅިއާ އެންމެ ކައިރީގައިވާ ސަރަހައްދުން ހޫޘީން ފަހަތަށް ޖައްސާފައިވީ ނަމަވެސް، އެ ޖަމާއަތުގެ ހަނގުރާމަވެރިން އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދެ އެވެ. އަދި, މި މަހުގެ ތެރޭގައި ތަޢިއްޒު ސަހަރުގެ ވަށައިގެންވާ ސަރަހައްދުތަކުން އެ ޖަމާއަތުން ވަނީ ކުރިއެރުންތަކެއް ހޯދާފަ އެވެ.
ހޫޘީންނާ ދެކޮޅަށް ސައުދީން ކުރިއަށްގެންދާ ކެމްޕޭނަށާއި، އަދި އެ ޖަމާއަތުން ދެމުންދާ މިސައިލާއި ޑްރޯން ހަމަލާތަކުން ސަލާމަތްވުމަށް އެކުވެރި ޤައުމުތަކުގެ ފުޅާ ތާއީދެއް ހޯދުމަށް ސައުދީ އަރަބިއްޔާއިން ދަނީ މަސައްކަތްކުރަމުންނެވެ. ސައުދީ އަރަބިއްޔާގެ އެންމެ ގާތް އެކުވެރިޔާ އަދި ޒަމާނުއްސުރެ ސަލާމަތީ ކަންކަން ކަށަވަރުކޮށްދޭ ވޮޝިންގޓަނުން ވަނީ، ހޫޘީންނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ސީދާ ގޮތެއްގައި އެމެރިކާ ވެއްދުމަށް ސައުދީން ކުރަމުންދާ މަސައްކަތްތަކަށް މިހާތަނަށް ދެކޮޅުހަދާފަ އެވެ.
ޔަމަނުގެ މައްސަލަ އަލުން ހޫނުވެފައި މި ވަނީ، ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާއާއެކު ފެށުނު އެމެރިކާ-އީރާން ހަނގުރާމައިގެ ނޭދެވޭ އަސަރުތަކުގެ ތެރެއިންނެވެ. ސައުދީ އަރަބިއްޔާއާއި ހޫޘީންނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމަށް، ސަރަހައްދީ ގޮތުން ސައުދީގެ ޒަމާންވީ ވާދަވެރިޔާ އީރާނުން ހުށަހަޅާފައިވާ ކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢިރާޤިޗީ އާދީއްތަ ދުވަހު ވިދާޅުވި އެވެ. އަދި, ހޯމަ ދުވަހު އެ ވުޒާރާއިން ވަނީ މި ކަން ތަކުރާރުކޮށްފަ އެވެ.
މަސްދަރު: ރޮއިޓަރސް











