ހޫޘީން ދެމުންދާ ހަމަލާތަކާއެކު ސައުދީގެ ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް، މަދަރުސާތައް ވެސް ބަންދު!
12 އޮކްޓޯބަރު 2026 | ހޯމަ 09:01ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ އެކި އެއާޕޯޓުތަކަށް އަމާޒުކޮށް ދިން ސިލްސިލާ ހަމަލާތަކެއްގައި 20 މީހުން މަރުވެ، ގިނަ ބަޔަކަށް އަނިޔާވުމާ ގުޅިގެން އެ ޤައުމުގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރައިފި. މި ނުރައްކާތަކާ ގުޅިގެން ރިޔާޟްގެ މަދަރުސާތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަން ނިންމާފައިވާއިރު، ބޭރުގެ ގިނަ އެއާލައިންތަކަކުން ވަނީ ސައުދީއަށް ކުރާ ދަތުރުތައް މެދުކަނޑާލައި، އެކި ޤައުމުތަކުން އެ ޤައުމުތަކުގެ ރައްޔިތުންނަށް ސަލާމަތީ އިންޒާރުތައް ނެރެފައި


ސައުދީ އަރަބިއްޔާގެ އެއާޕޯޓެއްގައި ޖެއްސި މަތިންދާބޯޓެއް ގޭޓަށް ދަތުރުކުރުމަށް ގްރައުންޑް ކްރޫގެ މެންބަރެއް އިރުޝާދުދެނީ | އަނަދޮލު އޭޖެންސީ
ފާއިތުވި ހަފުތާގައި ސައުދީ އަރަބިއްޔާގެ ވައިގެ ބަނދަރުތަކަށް އަމާޒުކޮށް ދިން ސިލްސިލާ ހަމަލާތަކަކާ ގުޅިގެން، އެ ޤައުމުގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ. ރިޔާޟާއި ދަންމާމުގެ އެއާޕޯޓުތަކަށް އިތުރު ހަމަލާތަކެއް ދީފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާއިރު، މި ކަމުގެ ސަބަބުން ރިޔާޟްގެ މަދަރުސާތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ. އަދި، ބޭރު ޤައުމުތަކުން ވަނީ އެ ޤައުމުތަކުގެ ރައްޔިތުން ސަމާލުވުމަށް އަންގައި އިންޒާރުތައް ނެރެފަ އެވެ.
އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އޮކްޓޫބަރު 5 އިން 11 އާ ދެމެދު ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން ވަނީ ސައުދީ އަރަބިއްޔާގެ ފަސް އެއާޕޯޓަކަށް އަމާޒުކޮށް 10 ހަމަލާއެއް ދީފަ އެވެ. މި ހަމަލާތަކުގައި ގާތްގަނޑަކަށް 20 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ ތަނަށް ފަސް ހަމަލާއެއް ދީފައިވާއިރު، ދަންމާމުގައި ހުންނަ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓަށް ދެ ހަމަލާއެއް ވަނީ ދީފަ އެވެ. އަނެއް ތިން ހަމަލާ އަމާޒުކޮށްފައި ވަނީ އަބްހާ، ޖީޒާން އަދި ނަޖްރާންގެ އެއާޕޯޓުތަކަށެވެ.
ރިޔާޟާއި ދަންމާމަށް އަލުން ހަމަލާތަކެއް ދިނުން
ހޫޘީން އެންމެ ފަހުން ދިން ހަމަލާތަކުގައި ބަޔެއްގެ ފުރާނަ ގެއްލިފައިވާ ކަން ސައުދީ އަރަބިއްޔާގެ އިދާރާތަކުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އެ ޤައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން (ޖީއޭސީއޭ) ބުނީ، އާދީއްތަ ދުވަހު ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާގައި ޕާކިސްތާނުގެ ރައްޔިތަކު މަރުވެ 11 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި، އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހަސްފަތާލުތަކަށް ގެންގޮސްފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ހާމަކުރި އެވެ. މި ހަމަލާގެ ސަބަބުން މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެ ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެ ކުރިން ސައުދީ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ވިދާޅުވީ، ކާކުކަން ނޭނގޭ ފަރާތަކުން ފޮނުވާލި މިސައިލެއް ނުވަތަ ޑްރޯނެއް ޓާމިނަލް 4 އަށް އެރުމުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. މިއާއެކު، ވައިގެ ބަނދަރު ކައިރިން ކްރޫޒް މިސައިލެއް ވައިގެ ދިފާއީ ނިޒާމުން ގޮއްވާލާފައިވާ ކަމަށް ވެސް އިއްތިހާދުން އިއުލާންކުރި އެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ ކިންގް ޚާލިފް އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާ ދިން ވަގުތުގެ ސީސީޓީވީ ފުޓޭޖް | ރޮއިޓަރސް
އާދީއްތަ ދުވަހުގެ ފަހުގެ ވަގުތެއްގައި، ދަންމާމުގައި ހުންނަ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ހަމަލާއެއް ދީފައިވާ ކަމަށް ޖީއޭސީއޭއިން ރިޕޯޓުކުރި އެވެ. އަދި، ގެއްލުންތައް ވަޒަންކުރުމާއި ސަލާމަތީ ގޮތުން ކުރަންޖެހޭ ތަހުގީގުތައް ކުރިއަށްދާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. ނަމަވެސް، މި ހަމަލާގައި މީހެއްގެ ފުރާނައަށް ނުރައްކާވިކަމެއް ނުވަތަ ލިބުނު ގެއްލުމުގެ އެއްވެސް ތަފުސީލެއް އެ އޮތޯރިޓީން ނުދެ އެވެ.
ހޮނިހިރު ދުވަހުގެ ހަމަލާގައި އެކި ޤައުމުތަކުގެ މީހުންނަށް އަނިޔާވި
މި ފަހުގެ ހާދިސާތައް ހިނގާފައި ވަނީ ހޮނިހިރު ދުވަހު ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި 13 މީހުން މަރުވެ 309 މީހުންނަށް އަނިޔާވި އެވެ. ޖީއޭސީއޭއިން ފުރަތަމަ ރިޕޯޓުކުރީ 12 މީހުން މަރުވި ކަމަށެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިޞްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހުން ހިމެނެ އެވެ. ނަމަވެސް، ރިޔާޟްގައި ހުންނަ އިންޑިޔާގެ އެމްބަސީން އާދީއްތަ ދުވަހު އިއުލާންކުރި ގޮތުގައި، މި ހަމަލާގައި އަނިޔާވި އިންޑިޔާ ރައްޔިތަކު މަރުވުމާ ގުޅިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 13 އަށް އުފުލިފަ އެވެ.
އަނިޔާވި މީހުންނަށް އެކި ހަސްފަތާލުތަކުގައި ފަރުވާދެމުންދާ ކަމަށާއި، ބައެއް މީހުންގެ ހާލު ސީރިޔަސް ކަމަށް ޖީއޭސީއޭއިން ހާމަކުރި އެވެ. އަދި، އެއާޕޯޓަށް މާއްދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ހާމަކުރި އެވެ. މި ހަމަލާގެ ޒިންމާ ސައުދީ އިސްވެ އޮންނަ އިއްތިހާދުން އެޅުވީ ޔަމަނުގެ ހޫޘީ ޖަމާއަތުގެ ކޮންޑުގަ އެވެ. އަދި، މި ކަމަށް ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު ވެސް އެ އިއްތިހާދުން ވަނީ ދީފަ އެވެ.
މައްކާއާއި މަދީނާ ފިޔަވައި، ސައުދީ އަރަބިއްޔާގެ އެހެން ވައިގެ ބަނދަރުތައް ބޭނުންނުކުރުމަށް އެއާލައިންތަކަށާއި، ފަސިންޖަރުންނަށާއި އަދި ވައިގެ ބަނދަރުތަކުގެ މުވައްޒަފުންނަށް ހޫޘީން އާދީއްތަ ދުވަހު ވަނީ އަލުން އިންޒާރުދީފަ އެވެ.
ރިޔާޟް އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލުން
ހޮނިހިރު ދުވަހުގެ ހަމަލާއަށްފަހު، ލިބުނު ގެއްލުންތައް ވަޒަންކުރުމަށާއި އިމާރާތްތައް ބެލުމަށް ޓަކައި ޖީއޭސީއޭއިން ވަނީ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. ކަމާބެހޭ އިދާރާތަކާ ގުޅިގެން މި ކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. އާދީއްތަ ދުވަހުގެ ހަމަލާއަށްފަހު ވެސް ސަލާމަތީ އިންސްޕެކްޝަންތަކާއި ގެއްލުން ވަޒަންކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ރިޔާޟަށް ކުރަން އޮތް ދަތުރުތައް ކެންސަލްވެ ނުވަތަ ލަސްވެފައިވާ، ޤައުމުން ބޭރުގައި ތިބި ސައުދީ ރައްޔިތުން، އެހީތެރިކަން ހޯދުމަށް ސައުދީ ޑިޕްލޮމެޓިކް މިޝަންތަކާ ގުޅުމަށް ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ވަނީ އެދިފަ އެވެ.
އެއާލައިންތަކުން ދަތުރުތައް ކެންސަލްކުރުން
ސަރަހައްދީ ހަލަބޮލިކަމާ ގުޅިގެން، އިއްތިހާދު އެއާވޭސްއިން ވަނީ އޮކްޓޫބަރު 11 އިން 13 އަށް އަބޫދާބީއާއި ރިޔާޟް، ދަންމާމް އަދި ޖިއްދާއާ ދެމެދު ކުރަން ހަމަޖެހިފައިވާ ބައެއް ދަތުރުތައް ކެންސަލްކޮށްފަ އެވެ. އެ ކުންފުނީގެ ޝެޑިއުލްގައިވާ ގޮތުން އާދީއްތަ ދުވަހު ފަސް ދަތުރެއް، ހޯމަ ދުވަހު 10 ދަތުރެއް އަދި އަންގާރަ ދުވަހު ހަތް ދަތުރެއް ވަނީ ކެންސަލްކޮށްފަ އެވެ. މި ކަމުގެ އަސަރު ސައުދީގެ މި ތިން މަންޒިލަކަށް ވެސް ކުރާނެ އެވެ. ދަތުރުތަކަށް އިތުރު ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް އިންޒާރުދީ، ފަސިންޖަރުންގެ ފްލައިޓް ސްޓޭޓަސް ޗެކްކުރުމަށް އެއާލައިނުން ވަނީ އެދިފަ އެވެ. އަދި، ދަތުރުތަކަށް ބުރޫއަރާފައިވާ ފަރާތްތަކަށް އެހީތެރިވަމުންދާ ކަމަށް ވެސް އެއާލައިންތަކުން ބުންޏެވެ.
ސަލާމަތީ ކަންބޮޑުވުންތަކާއި، ސަލާމަތީ ގޮތުން ކުރަމުންދާ އެސެސްމަންޓްތަކާ ގުޅިގެން ސްރީލަންކަން އެއާލައިންސުން ވަނީ އޮކްޓޫބަރު 18 ވަނަ ދުވަހުގެ ނިޔަލަށް ރިޔާޟަށް ކުރާ ހުރިހާ ދަތުރުތަކެއް މެދުކަނޑާލާފަ އެވެ. ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި އެ އެއާލައިނުން ބުނީ، ވިޔަފާރި ދަތުރުތައް ކުރުމަށް އެކަށީގެންވާ މާހައުލެއް ޤާއިމުވުމުން އަލުން ދަތުރުތައް ފަށާނެ ކަމަށެވެ.
ރިޔާޟްގެ މަދަރުސާތަކުގައި ކިޔަވައިދިނުން އެއް ހަފުތާއަށް އޮންލައިންކުރުން
މީގެ އިތުރުން، އޮކްޓޫބަރު 11 ވީ އާދީއްތަ ދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ރިޔާޟްގެ މަދަރުސާތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި، މި ކަމާ ގުޅޭ އީމެއިލެއް ހުރިހާ ބެލެނިވެރިންނަށް ފޮނުވާފައިވާ ކަމަށް ގަލްފް ނޫހުން ރިޕޯޓުކުރި އެވެ.
![ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާއަކާ ގުޅިގެން އެ ތަނުގައި އަލިފާން ރޯވެ، ދުން އަރަނީ [ފައިލް]](https://dyncz33htw1ec.cloudfront.net/posts/750ebd11-378e-49e2-9d3c-93d97cae9d6d.webp)
ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާއަކާ ގުޅިގެން އެ ތަނުގައި އަލިފާން ރޯވެ، ދުން އަރަނީ [ފައިލް] | އަނަދޮލު އޭޖެންސީ
އެ އީމެއިލްގައިވާ ގޮތުން މި ނިންމުން ނިންމާފައި ވަނީ ސައުދީ އަރަބިއްޔާގެ ތައުލީމާ ބެހޭ ވުޒާރާގެ އެންގުމެއްގެ ދަށުންނެވެ. "ރިޔާޟްގެ ހުރިހާ މަދަރުސާއެއްގައި ވެސް މުޅި މި ހަފުތާގައި ކިޔަވައިދިނުން ކުރިއަށްދާނީ އޮންލައިންކޮށް،" ކަމަށް އެ އީމެއިލްގައި ބުނެފައިވެ އެވެ. މި ބަދަލަކީ މަހެއްހާ ދުވަހުގެ ތެރޭގައި ވެރިރަށުގެ މަދަރުސާތަކުގެ ކިޔެވުން އޮންލައިންކުރި ދެވަނަ ފަހަރެވެ.
ބޭރު ޤައުމުތަކުން އެ ޤައުމުތަކުގެ ރައްޔިތުންނަށް އިންޒާރުދިނުން
އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ ބިރަށާއި ދަތުރުފަތުރަށް ބުރޫއަރާފައިވާތީ، ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ނުވަތަ އެ ޤައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ޤައުމުތަކަކުން ވަނީ ސަލާމަތީ އިންޒާރުތައް ނެރެ ނުވަތަ އައުކޮށްފަ އެވެ. އިނގިރޭސިވިލާތުން ވަނީ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓު ސަލާމަތީ ގޮތުން ރައްކާތެރިކަން ކަށަވަރުވަންދެން އެ ތަނަށް ދަތުރުނުކުރުމަށް އެ ޤައުމުގެ ރައްޔިތުންނަށް އަންގާފަ އެވެ. އަދި، އިތުރު ހަމަލާތަކެއް ދީ، ދަތުރުތައް ކެންސަލްވެ، ވައިގެ ސަރަހައްދުތައް ބަންދުކޮށްފާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.
އޮސްޓްރޭލިޔާއިން ވެސް ވަނީ ރިޔާޟްގެ ވައިގެ ބަނދަރަށް ދަތުރުނުކުރުމަށް އެ ޤައުމުގެ ރައްޔިތުންނަށް އަންގާފަ އެވެ. އަދި، ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމާމެދު އަލުން ވިސްނުމަށާއި، ފްލައިޓްތައް ކަށަވަރުކުރުމަށާއި، ވައިގެ ބަނދަރުތަކުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް އެ ޤައުމުގެ ރައްޔިތުންނަށް ވަނީ ގޮވާލާފަ އެވެ. ފަރަންސޭސިވިލާތުން ވަނީ އާދަޔާ ޚިލާފަށް ސަމާލުވުމަށް ގޮވާލައި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ރިޔާޟަށް ދަތުރުނުކުރުމަށް އިރުޝާދުދީފަ އެވެ. އަދި، ރިޔާޟް ނުވަތަ ޖިއްދާގެ ވައިގެ ބަނދަރުތަކަށް ދިއުމުގެ ކުރިން ފްލައިޓްތައް ޗެކްކުރުމަށާއި، ސަލާމަތީ ގޮތުން އަންގާ އެންގުންތަކަށް ތަބާވުމަށް ވަނީ އެދިފަ އެވެ.
އެމެރިކާއިން ވެސް ވަނީ ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމާމެދު އަލުން ވިސްނުމަށް އެ ޤައުމުގެ ރައްޔިތުންނަށް ގޮވާލާފަ އެވެ. އަދި، ރިޔާޟް އެއާޕޯޓު ބޭނުންކުރުމަށް ޚާއްސަ ހުއްދައެއް ބޭނުންވާ އެމެރިކާ ސަރުކާރުގެ މުވައްޒަފުންނަށް ކަނޑައަޅާފައިވާ ފަދަ ސަލާމަތީ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އަންގާފަ އެވެ. ވިލާތުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީން (އީއޭއެސްއޭ) ވަނީ ސައުދީ ވައިގެ ސަރަހައްދުގެ ވަކި ހިސާބުތަކަކަށް ދަތުރުނުކުރުމަށާއި، ޖިއްދާގެ ފްލައިޓް އިންފޮމޭޝަން ރީޖަންގެ އެހެން ސަރަހައްދުތަކުގައި ސަމާލުވުމަށް އެއާލައިންތަކަށް އިރުޝާދުދީފަ އެވެ. އަދި، ހަމަލާތަކާއި، މަތިންދާބޯޓުތައް ހުއްޓުވުމާއި، އޮޅިގެން ހަމަލާދިނުމާއި، މަތިން ވެއްޓޭ ތަކެތީގެ ސަބަބުން މަތިންދާބޯޓުތަކަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
ޔަމަނުގެ އަހުލީހަނގުރާމަ އިތުރަށް ފުޅާވުން
މި ހަމަލާތައް ދީފައި މި ވަނީ، 2022 ވަނަ އަހަރުގެ އެޕްރީލް މަހު އދ. އިން މެދުވެރިވެގެން ސޮއިކުރި ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކަށްފަހު، ޖުލައި މަހުން ފެށިގެން ޔަމަނުގެ ހަމަނުޖެހުންތައް ފުޅާވެފައިވާ ދަނޑިވަޅެއްގަ އެވެ. ސެޕްޓެންބަރު މަހު ހޫޘީން ޔަމަނުގެ ހުޅަނގުގެ މުހިންމު ސަރަހައްދުތަކެއް ހިފުމާ ގުޅިގެން ހަމަނުޖެހުންތައް ވަނީ އިތުރަށް ގޯސްވެފަ އެވެ. އޭގެ ތެރޭގައި ބާބު އަލް-މަންދަބް ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތައް ވެސް ހިމެނެ އެވެ. މި ކަމާ ގުޅިގެން ސައުދީ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން ވަނީ އަސްކަރީ އޮޕަރޭޝަންތަކެއް ފަށާފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











