ސައުދީ އަރަބިއްޔާގެ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަށްފަހު ހޫޘީންގެ މިސައިލްތައް އަމާޒަށް ވާސިލްވަނީ ކީއްވެ؟
12 އޮކްޓޯބަރު 2026 | ހޯމަ 06:27ޔަމަނުގެ ހޫޘީން ސައުދީގެ ރިޔާޟް އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ދަތުރުފަތުރަށް ބުރޫއަރައި، ބޭރު ގައުމުތަކުން ވަނީ ސަލާމަތީ އިންޒާރު ނެރެފައި. ހޫޘީންގެ މިސައިލްތަކާއި ޑްރޯންތަކުގެ ގާބިލުކަން އިތުރުވެފައިވާއިރު، ސައުދީގެ ދިފާއީ ނިޒާމުތަކަށް މި ހަމަލާތައް ހުއްޓުވުމުގައި ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައި. އެހެންކަމުން، މިހާރު ހޫޘީން ބޮޑަށް އަމާޒުކުރަނީ ދިފާއީ ގޮތުން ބަލިކަށި މަދަނީ މަރުކަޒުތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތައް ދިނުމަށް


ސަންޢާގައި ހުރި މިސައިލެއްގެ ފޮޓޯއެއްގެ ކުރިމަތީގައި ސަލާމަތީ ބާރުގެ އޮފިސަރަކު ފޯރިމަރަނީ | އޭއެފްޕީ
އަންސާރުﷲ ގެ ނަމުން ވެސް މަޝްހޫރުވެފައިވާ ޔަމަނުގެ ހޫޘީ ހަނގުރާމަވެރި ޖަމާއަތުން ދަނީ ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލް އަދި ޑްރޯން ބޭނުންކޮށްގެން ސައުދީ އަރަބިއްޔާގެ އެތެރެވަރީގެ މުހިންމު ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ސެޕްޓެމްބަރު މަހު ސައުދީއާ ދެކޮޅަށް ހޫޘީން ފެށި އައު އަސްކަރީ ކެމްޕޭނާއެކު، ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް އެތައް ފަހަރަކު ވަނީ ހަމަލާދީފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު އެ އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ 309 މީހުން ޒަޚަމްވެފައިވާއިރު، މިއީ ފާއިތުވި ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ސައުދީއަށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ. މި ހަމަލާއާ ގުޅިގެން ސައުދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލައި، ހުރިހާ ފްލައިޓްތަކެއް އެހެން އެއާޕޯޓްތަކަށް ބަދަލުކުރަން މަޖުބޫރުވި އެވެ. ހަމައެއާއެކު، އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ އެ ގައުމުތަކުގެ ރައްޔިތުން ސައުދީއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އައު އިންޒާރުތަކެއް ނެރެފަ އެވެ.
މި ހަފުތާގެ ކުރީކޮޅު ވެސް އެ އެއާޕޯޓަށް ދިން ދެ ހަމަލާއެއްގެ ޒިންމާ ހޫޘީން އުފުލާފައިވާއިރު، ސައުދީގެ އެއާޕޯޓްތަކާ ދުރުހެލިވުމަށް އާދީއްތަ ދުވަހު އެ ޖަމާއަތުން ވަނީ އާންމުންނަށް އިންޒާރު ދީފަ އެވެ.

ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ރައްކާކުރާ ގުދަނުން ކަޅު ދުންގަނޑެއް އަރަމުންދާ މަންޒަރު | ރޮއިޓާސް
ހޫޘީންގެ ހަތިޔާރުގެ ގާބިލުކަން
ސެޕްޓެމްބަރު 2014 ގައި ޔަމަނުގެ ސަރުކާރު އަތުން ސަންޢާގެ ކޮންޓްރޯލް ހޫޘީން އަތުލި ފަހުން، އެ ޖަމާއަތުގެ ހަތިޔާރުގެ ގާބިލުކަން ވަނީ ވަރަށް ބޮޑަށް ކުރިއަރާފަ އެވެ.
އެ ޖަމާއަތުގެ ޑްރޯންތަކާއި މިސައިލްތައް އިސްރާއީލާ ހަމައަށް ފޯރާފައިވާއިރު، ސައުދީގެ އެއާޕޯޓްތަކާއި ތެޔޮ އުފައްދާ މަރުކަޒުތައް ފަދަ ވަކިވަކި އަމާޒުތަކަށް ސީދާ ހަމަލާދިނުމުގެ ގާބިލުކަން ހުރިކަން އެ ޖަމާއަތުން ވަނީ ސާބިތުކޮށްދީފަ އެވެ.

ސަންޢާގައި ބޭއްވި އެއްވުމެއްގެ ހަރުކޮށްފައިވާ ބެނާއެއްގައި ވަނީ ސައުދީގެ ތެޔޮ އުފައްދާ ހުރިހާ މަރުކަޒުތަކަކީ ހޫޘީންގެ މިސައިލާއި ޑްރޯން ހަމަލާތަކުގެ އަމާޒުފަތްގަނޑުތަކެއް ކަމަށް ލިޔެފައި | އޭޕީ
ހޫޘީންގެ ހަތިޔާރު ކިހާ ނުރައްކާތެރިތަ؟
ރިޔާޟް އެއާޕޯޓަށް ހަމަލާދިނުމަށް ބޭނުންކުރީ ކޮން ބާވަތެއްގެ ހަތިޔާރެއްކަން ސީދާ އެނގެން ނެތް ނަމަވެސް، 2015 ވަނަ އަހަރު ސައުދީން ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ވަން ފަހުން ހޫޘީން ވަނީ ސައުދީއަށް އަމާޒުކޮށް އެތައް ސަތޭކަ ޑްރޯންއަކާއި މިސައިލެއް ފޮނުވާލާފަ އެވެ. އީރާނުގެ މަދަދުލިބޭ މި ޖަމާއަތުން ވަނީ އޮކްޓޯބަރު 2023 ގައި ޣައްޒާގައި ގަތުލުއާންމު ފެށުނު ފަހުން އިސްރާއީލަށާއި، އިސްރާއީލާ ގުޅުން ހުރި ކަމަށް ބުނާ އުޅަނދުފަހަރަށް ވެސް ހަމަލާދީފަ އެވެ.
ވައިގެ ދިފާއީ ނިޒާމުތައް އޮޅުވާލުމަށްޓަކައި، ތަފާތު ދުވެލިތަކުގައި ދަތުރުކުރާ ޑްރޯންތަކާއި މިސައިލްތައް އެއްފަހަރާ ބޭނުންކުރުމުގެ އުކުޅު އެ ޖަމާއަތުން ގެންގުޅެ އެވެ. މިދިޔަ މަހު ރަތްކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތައް ހޫޘީންގެ ބާރުގެ ދަށަށް ގެނައުމުގެ ކުރިން، އެތައް ހަފުތާއެއް ވަންދެން ސަރުކާރުގެ މަރުކަޒުތަކަށް ހަމަލާދިނުމުގައި ވެސް ބޭނުންކޮށްފައިވަނީ މި އުކުޅެވެ.
އެ ޖަމާއަތުގެ އެންމެ ކުރިއަރާފައިވާ ހަތިޔާރުތަކުގެ ތެރޭގައި 'ފަލަސްތީން-2' ފަދަ މެދު ރާސްތާގެ ބެލިސްޓިކް މިސައިލްތައް ހިމެނެ އެވެ. މިއީ 2،000 ކިލޯމީޓަރުގެ ރާސްތާއެއް ހުންނަ، އަޑަށްވުރެ ހަލުވިކޮށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ، ދެ މަރުހަލާއަކަށް ބެހިގެންވާ ސޮލިޑް ފިއުލް މިސައިލެކެވެ. މީގެ އިތުރުން، އީރާނުގެ 'ގަދަރު' މިސައިލާ އެއްގޮތްކަމެއް ހުންނަ، 1,350 އާއި 1,950 ކިލޯމީޓަރާ ދެމެދުގެ ރާސްތާއެއް ހުންނަ 'ތޫފާން' މިސައިލަކީ ވެސް އެމީހުންގެ އަތުގައި ހުރި ނުރައްކާތެރި ހަތިޔާރެކެވެ.
ކްލަސްޓާ ވޯހެޑް އުފުލުމުގެ ގާބިލުކަން ހުރި މި މިސައިލްތަކުގެ ސަބަބުން، ޔަމަނާ 2,000 ކިލޯމީޓަރު ދުރުގައި އޮތް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމުގެ ފުރުސަތު ވެސް ހޫޘީންނަށް ވަނީ ލިބިފަ އެވެ.

އިސްރާއީލުގެ ބެން ގުރިއަން އެއާޕޯޓަށް ހޫޘީން ދިން ހަމަލާ | ގެޓީ އިމޭޖަސް
ސައުދީގެ ދިފާއީ ނިޒާމުތަކަށް މި ހަމަލާތައް ހުއްޓުވަން އުނދަގޫވަނީ ކީއްވެ؟
ކިންގްސް ކޮލެޖްގެ ހަނގުރާމައާ ބެހޭ ދިރާސާތައް ކުރާ ޑިޕާޓްމަންޓުގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ނަވާފް އޮބައިދު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ބޮޑުމިނަށާއި ޔަމަނާ ހިއްސާކުރާ ބޯޑަރުގެ ދިގުމިނަށް ބަލާއިރު، ބައެއް ފަހަރު ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަކީ ވެދާނެ ކަމެއް ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ.
މީގެއިތުރުން ސެކިއުރިޓީ ޕޮލިސީ އެނަލިސްޓެއް ކަމަށްވާ ވުލްފްގޭންގް ޕުސްޓައި އަލްޖަޒީރާއަށް ވިދާޅުވީ، ސައުދީގެ ބެލިސްޓިކް މިސައިލް ދިފާއީ ނިޒާމު މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ އީރާނުން ކުރިމަތިވެދާނެ ނުރައްކާތަކަށް ހުރަސް އެޅުމަށް ކަމަށެވެ.
އަދި ހަމަލާތައް ހުއްޓުވުމަށް ބޭނުންކުރާ އިންޓަސެޕްޓަރ މިސައިލްތައް ހުސްވުމުގެ މައްސަލަ ވެސް ވަނީ ކުރިމަތިވެފަ އެވެ. އެމެރިކާގެ އެހެން ބައެއް ބައިވެރިންނެކޭ އެއްފަދައިން، ސައުދީއަށް ވެސް ވަނީ ޕެޓްރިއަޓް އަދި 'ތާޑް' ނިޒާމުގެ ވަޒަންތައް މަދުވުމުގެ ދަތިކަން ކުރިމަތިވެފަ އެވެ. އީރާނާއެކު ހިނގި ހަނގުރާމައިގެ ކުރީކޮޅު އެމެރިކާއާއި އޭގެ ބައިވެރިން ވަނީ މިފަދަ ގިނަ އަދަދެއްގެ ވަޒަން ބޭނުންކޮށްފަ އެވެ.

ރިޔާޟުގެ ކިންގް ޚާލިފް އެއާޕޯޓަށް ހޫޘީން ދިން ހަމަލާއެއް | ރޮއިޓަރސް
ހުރަސްތައް
މިހުރިހާ ކަމަކާއެކު ވެސް، ހޫޘީންނަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެ ޖަމާއަތާ ދެކޮޅަށް އދ. އިން ހަތިޔާރުގެ އެމްބާގޯއެއް ހިންގާފައިވާއިރު، ސައުދީން ވަނީ އެތައް އަހަރެއް ވަންދެން އެ ގައުމު ބަންދުކޮށްފަ އެވެ. އަދި ޔަމަނުގެ އެކި ސަރަހައްދުތަކުގައި އެ ޖަމާއަތުން ދަނީ އެކި ފަރާތްތަކާ ހަނގުރާމަކުރަމުންނެވެ.
އޮބައިދު ވިދާޅުވި ގޮތުގައި ސައުދީން ޔަމަނުގައި ހިންގާ ވައިގެ އޮޕަރޭޝަންތަކުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ހޫޘީންގެ މިސައިލް ގުދަންތަކަށާއި، ބިމުގެ އަޑީގައި ހަދާފައިވާ މަރުކަޒުތަކަށާއި ޑްރޯން އުފައްދާ ކާރުޚާނާތަކަށެވެ. މި ހަމަލާތަކުގެ ސަބަބުން ހޫޘީންގެ އަސްކަރީ ގާބިލުކަމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕުސްޓައި އަލްޖަޒީރާއަށް ވިދާޅުވީ، ހޫޘީންގެ އަތުގައި މިހާރު ބާކީ ހުރީ ކުރު ރާސްތާގެ މަދު ބެލިސްޓިކް މިސައިލްކޮޅެއް ކަމަށް ބެލެވޭ ކަމަށެވެ.
މީގެ މާނައަކީ، ސައުދީ ފަދަ ގައުމުތަކުގެ އަމާޒުތަކަށް އެއްފަހަރާ ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ފޮނުވާލައިގެން ދޭ ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ގާބިލުކަން އެމީހުންގެ ކިބައިގައި މިހާރު ނެތުމެވެ.
އޭގެ ބަދަލުގައި، އެމީހުން މިހާރު އިސްކަންދެނީ ދިފާއީ ގޮތުން ބަލިކަށި މަދަނީ އަމާޒުތަކަށް ވަކިވަކި މިސައިލް ހަމަލާތައް ދިނުމަށެވެ. މީގެ ބޭނުމަކީ މިފަދަ ހަމަލާތަކުން ކުރާ އަސަރު ބޮޑުކުރުމެވެ. އަދި އެފަދަ މިސާލެއްގެ ގޮތަށް އެއާޕޯޓުތަކަށް ހަމަލާދިނުން އޭނާ ފާހަގަކުރެއްވި އެވެ.
މަސްދަރު: އަލްޖަޒީރާ



