ރިޔާޟު އެއާޕޯޓަށް ނުރައްކާ ބޮޑުވެ އަރަބި އެއާލައިންތަކުން ސައުދީއަށް ކުރާ ގިނަ ދަތުރުތަކެއް މެދުކަނޑާލައިފި
13 އޮކްޓޯބަރު 2026 | އަންގާރަ 02:38ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ އެއާޕޯޓުތަކަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ، ރިޔާޟުގެ ކިންގް ޚާލިދު އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ މެދުކަނޑާލާފައި. މި ހާލަތާ ގުޅިގެން ސަރަހައްދީ ބޮޑެތި އެއާލައިންތަކުން ސައުދީގެ އެކި ސިޓީތަކަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައިވާއިރު، މިއީ ދެ ފަރާތުގެ މެދުގައި އަސްކަރީ ކުރިމަތިލުންތައް ވަރުގަދަވެފައިވާ ދަނޑިވަޅެއް


ހޫޘީންގެ ހަމަލާތައް އިތުރުވުމުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާާޟަށް ކުރާ ދަތުރުތައް އަރަބި އެއާލައިންތަކުން މެދުކަނޑާލާފައި | ރޮއިޓަރސް
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން ދިން ނުރައްކާތެރި ހަމަލާތަކަކާ ގުޅިގެން އެ ތަނުގެ އޮޕަރޭޝަންތަކަށް ބުރޫއެރުމުން، އަރަބި ސަރަހައްދުގެ ބައެއް އެއާލައިންތަކުން އެ އެއާޕޯޓަށް ކުރާ ދަތުރުތައް މެދުކަނޑާލައި ނުވަތަ ކެންސަލްކޮށްފި އެވެ.
ޖިއްދާއަށް ފަހު ސައުދީ އަރަބިއްޔާގެ ދެވަނައަށް އެންމެ ބާރުބޮޑު އެއާޕޯޓުގެ އޮޕަރޭޝަންތައް ހޮނިހިރު ދުވަހު ވަގުތީ ގޮތުން މެދުކަނޑާލީ، ހުޘީން ދިން ހަމަލާއެއްގައި 13 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވުމާ ގުޅިގެންނެވެ. އަދި, އާދީއްތަ ދުވަހު ދިން އިތުރު ހަމަލާއެއްގައި އެކަކު މަރުވެ 10 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ.
ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލާފައި އޮތް އޮތުން ވަކި ގޮތެއް އަންގަންދެން އިތުރުކޮށްފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހޯމަ ދުވަހުގެ ކުރީކޮޅު ވަނީ އިއުލާންކޮށްފަ އެވެ. ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެއާޕޯޓުގެ ވަސީލަތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ޗެކްތައް ފުރިހަމަކުރުމަށް މި މުއްދަތު އިތުރުކުރަން ޖެހުނީ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އޮކްޓޫބަރު 12 އިން 17 އަށް ރިޔާޟަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައިވާ ކަމަށް ބަހްރެއިންގެ ގަލްފް އެއާއިން ހޯމަ ދުވަހު އިއުލާންކުރިއިރު، މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން ރިޔާޟާއި ދަންމާމަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް ޤަތަރު އެއާވޭސްއިން ވެސް ހޯމަ ދުވަހު ވަނީ އިއުލާންކޮށްފަ އެވެ. އަބޫދާބީއާއި ރިޔާޟާ ދެމެދު ކުރާ ހުރިހާ ދަތުރުތަކެއް އޮކްޓޫބަރު 19 ވަނަ ދުވަހުގެ ނިޔަލަށް ކެންސަލްކޮށްފައިވާ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިއްތިހާދު އެއާވޭސްއިން ވަނީ ބުނެފަ އެވެ. އަންގާރަ އަދި ބުދަ ދުވަހު އަބޫދާބީއާއި ދަންމާމާ ދެމެދު ކުރަން ހަމަޖެހިފައިވާ ހުރިހާ ދަތުރުތަކަކާއި، ބުރާސްފަތި ދުވަހުގެ ނިޔަލަށް އަބޫދާބީއާއި ޖިއްދާއާ ދެމެދު ކުރަން ހަމަޖެހިފައިވާ ބައެއް ދަތުރުތައް ވެސް އެ އެއާލައިނުން ވަނީ ކެންސަލްކޮށްފަ އެވެ.
އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރުމާ ގުޅިގެން، ރިޔާޟަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައިވާ ކަމަށް ކުވައިތު އެއާވޭސްއިން ހޮނިހިރު އަދި އާދީއްތަ ދުވަހު ނެރުނު ބަޔާންތަކެއްގައި އިއުލާންކުރިއިރު، މިހާރުގެ ހާލަތާ ގުޅިގެން ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާތީ އޮޕަރޭޝަންތައް އަލުން ފެށެންދެން ޤާހިރާއާއި އިސްކަންދަރިއްޔާއިން ރިޔާޟަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށް އިޖިޕްޓްއެއާއިން ހޮނިހިރު ދުވަހު ވަނީ ބުނެފަ އެވެ.
އޮކްޓޫބަރު 5 ވަނަ ދުވަހުން ފެށިގެން ސައުދީ އަރަބިއްޔާގެ ފަސް އެއާޕޯޓަކަށް އަމާޒުކޮށް ހޫޘީން 10 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 20 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ހަމަލާތަކުގެ ސަބަބުން މާއްދީ ގެއްލުންތަކެއް ލިބި، ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރާފަ އެވެ. މި ހަމަލާތައް ދީފައި ވަނީ، ޖުލައި މަހުން ފެށިގެން ސައުދީ އަރަބިއްޔާއާއި ހޫޘީންނާ ދެމެދު އަސްކަރީ ގޮތުން ކުރިމަތިލުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާގެ މަދަނީ ވައިދު އުދުހުންތަކުގެ ވަސީލަތްތަކަށާއި ހަކަތައިގެ މަރުކަޒުތަކަށް ދީފައިވާ ހަމަލާތައް ހިމެނެ އެވެ. ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް، ހޫޘީންނާ ދެކޮޅަށް 2015 ވަނަ އަހަރުން ފެށިގެން ސައުދީ އަރަބިއްޔާއިން ދަނީ އަސްކަރީ އިއްތިހާދެއް އުފައްދައި، އޭގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ. 2014 ވަނަ އަހަރުން ފެށިގެން ޞަންޢާއާއި އިތުރު އެތައް ޕްރޮވިންސެއްގެ ކޮންޓްރޯލް އޮތީ ހޫޘީންގެ އަތްދަށުގަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











