ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އާގުބޯޓަކަށް ހަމަލާދީ ފައްތާލައިފި، ސަރަހައްދީ ނުރައްކާ އިންތިހާއަށް!
15 އޮކްޓޯބަރު 2026 | ބުރާސްފަތި 08:03އެމެރިކާއިން އީރާނަށް ކުރިމަތިކުރި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅީގައި ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. މި ހަމަލާތަކުގައި ވިޔަފާރި އާގުބޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ބައެއް އުޅަނދުތައް އަޑިއަށް ގޮސްފައިވާއިރު، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ނުރައްކާތެރި އަމަލުތަކެއް ކަމަށް ކަނޑުދަތުރުފަތުރާ ބެހޭ އިދާރާތަކުން ބުނޭ


މައިނެއްގައި ޖެހި ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ 'ޖީއެފްއެސް ޕްރައިޑް' ނަން ކިޔާ އާގުބޯޓު ފެތެނީ | އާރުޓީ
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަކިވަކިން ހިނދި ދެ ހާދިސާއެއްގައި ކޮންޓޭނަރު އުފުލާ އާގުބޯޓަކާއި ބޯޓުދެލި ފަދަ މުދާ އުފުލާ އާގުބޯޓެއް ހުރްމުޒް ކަނޑުއޮޅި ކައިރިއަށް އަޑިއަށް ގޮސްފައިވާ ކަމަށް ކަނޑުދަތުރުފަތުރާ ބެހޭ އޮފިޝަލުން ބުދަ ދުވަހު ހާމަކުރައްވައިފި އެވެ.
ހުރްމުޒް ކަނޑުއޮޅީގެ ސަރަހައްދުގައި ދޭ ހަމަލާތައް ފާއިތުވި 10 ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އީރާނުގެ ބަނދަރުތައް އެމެރިކާއިން ހިސާރުކޮށް، މިދިޔަ މަހު ތަންފީޒުކުރި ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ހަމަލާތައް ވަރުގަދަކުރަމުންދާ ކަމަށް ތެހްރާނުން ވަނީ ބުނެފައެވެ.
ކަނޑުދަތުރުފަތުރުގެ ސަލާމަތީ މަސްދަރުތަކުން ބުނީ، ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންޓޭނަރު އުފުލާ އާގުބޯޓެއް ކަމަށްވާ 'ޖީއެފްއެސް ޕްރައިޑް' އަޑިއަށް ދިޔައީ އެ ކަނޑުއޮޅިން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. މި އުޅަނދު ފެތިފައި ވަނީ މައިނެއްގައި ޖެހި ލިބުނު ގެއްލުންތަކުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
"ޖީއެފްއެސް ޕްރައިޑަށް ގެއްލުންތަކެއް ލިބި އަލިފާނުގެ ހާދިސާއެއް ހިނގުމަށް ފަހު، މިހާރު ވަނީ އަޑިއަށް ގޮސްފައި. ފަޅުވެރިންގެ ގޮތުގައި ތިބި 21 މީހުން ވެސް ވަނީ ރައްކާތެރިކަމާއެކު ސަލާމަތްކުރެވިފައި. އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމަކަށް ރިޕޯޓުކޮށްފައެއް ނުވޭ،" އަންގާރަ ދުވަހު އެ ބޯޓު ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ ކަން ފާހަގަކޮށް، ސިންގަޕޫރުގެ މެރިޓައިމް އެންޑް ޕޯޓް އޮތޯރިޓީއިން (އެމްޕީއޭ) ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މައިނެއްގައި ޖެހި ފެތުނު 'ޖީއެފްއެސް ޕްރައިޑް' ގެ ނަން ދީފައިވާ އާގުބޯޓުގައި ހުރި ކޮންޓޭނަރުތައް އޮޔާދާ ކަމަށް ބުނާ މަންޒަރުތައް
އދ. ގެ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާ، އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަންގެ (އައިއެމްއޯ) ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދެވަނަ ހާދިސާގައި، ހުރްމުޒް ކަނޑުއޮޅި ކައިރިއަށް އަޑިއަށް ގޮސްފައި ވަނީ އެންޓީގާ އެންޑް ބާބިއުޑާގައި ރަޖިސްޓަރީ ކޮށްފައިވާ 'ކޭޕް ޑާއޯ' އެވެ. ހަމަލާއަށް ފަހު ވަގުތުން އެ ބޯޓުން ފަޅުވެރިން ބާލާފައިވީ ނަމަވެސް، ފަޅުވެރިއަކު މަރުވެފައިވާ ކަމަށް ކަނޑުދަތުރުފަތުރުގެ މަސްދަރުތަކުން ބުންޏެވެ. އެ އުޅަނޑަށް ހަމަލާދީފައި ވަނީ ސެޕްޓެންބަރު 23 ގަ އެވެ.
އައިއެމްއޯގެ ގެއްލުންތަކާ ބެހޭ ތަފާސްހިސާބުތަކުގެ އެނަލިސިސްއަކުން ދައްކާ ގޮތުގައި، ޖީއެފްއެސް ޕްރައިޑް އަދި ކޭޕް ޑާއޯ އަކީ ފެބުރުވަރީ 28 ގައި އެމެރިކާއާއި އީރާނުގެ ހަނގުރާމަ ފެށުނު ފަހުން އަޑިއަށް ދިޔަ ދެވަނަ އަދި ތިންވަނަ އުޅަނދެވެ. "ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އާގުބޯޓުތަކަށް މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކާމެދު އެމްޕީއޭއިން އިންތިހާއަށް ކަންބޮޑުވޭ،" ސިންގަޕޫރުގެ އިދާރާއިން ބުންޏެވެ. "މި ފަދަ ހަމަލާތަކަކީ އެއްވެސް އުދުވާނަކާ ނުލައި ދޭ، ދިފާޢު ނުކުރެވޭނެ އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް."
"ފަހުގެ މި ހާދިސާތަކުން ދައްކުވައިދެނީ ހުރްމުޒް ކަނޑުއޮޅި ހުރަސްކުރާ ވިޔަފާރި އާގުބޯޓުތަކަށް އޮތް ނުރައްކާ ދެމިއޮތް މިންވަރު،" ކަނޑުދަތުރުފަތުރުގެ ނުރައްކާތައް ވަޒަންކުރާ ކުންފުންޏެއް ކަމަށްވާ މެރިސްކްސްއިން ބުދަ ދުވަހު ބުންޏެވެ. "މި ނުރައްކާ ހަމައެކަނި ތެޔޮ ޓޭންކަރުތަކަށް އޮތް ނުރައްކަލެއް ނޫން. ކޮންޓޭނަރު އުފުލާ ބޯޓުތަކަށާއި ބަލްކް ކެރިއަރުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން،" މެރިސްކްސް އިން ބުންޏެވެ.
ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ބާރުގަދަކުރުން
ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ ވިޔަފާރީގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލަމުންދިޔަ ހުރްމުޒް ކަނޑުއޮޅީގައާއި އެ ސަރަހައްދުގެ ވަށައިގެން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް އޮތް ނުރައްކާ ކުއްލިއަކަށް އިތުރުވުން، އެ ކަނޑުއޮޅީގެ ސަލާމަތާ މެދު އޮތް ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ. ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށް ފަހު، ވޮޝިންގޓަންގެ މައްޗަށް ބާރު ފޯރުވުމުގެ ގޮތުން ދަތުރުފަތުރު ކޮންޓްރޯލްކޮށް، އެ ކަނޑުއޮޅީގެ މައްޗަށް އޮތް ބާރުގަދަކުރުމަށް ތެހެރާނުން ދަނީ މަސައްކަތްކުރަމުންނެވެ.
ތެލުގެ އަގު މަތީގައި ބެހެއްޓުމަށާއި އެމެރިކާގެ މިޑްޓާމް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންދާއިރު، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކާ ދެކޮޅަށް އީރާނުން އާ އުކުޅުތައް ބޭނުންކުރުން އިތުރުކުރަމުންދާ ކަމަށް އީރާނުގެ އިސް ދެ އޮފިޝަލަކު ދާދިފަހުން ވަނީ ހާމަކުރައްވާފަ އެވެ.
އީރާނާއި އެމެރިކާއިން ހަމަލާތައް މައިގަނޑު ގޮތެއްގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކުރި ނަމަވެސް، މުދާ އުފުލާ ކާގޯ އަދި ކޮންޓޭނަރު އުފުލާ އާގުބޯޓުފަހަރަށް ވެސް ހަމަލާދީ، ދަތުރުނުކުރެވޭ ގޮތް ހަދައި ނުވަތަ ވަނީ ފައްތާލާފައެވެ. މޯލްޓާގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންޓޭނަރު އުފުލާ ބޯޓެއް ކަމަށްވާ 'ސެފީން ޕްރެސްޓީޖް' އަށް މާރިޗު މަހު މިސައިލެއް އަރައި، އެ އުޅަނދު ވެސް ވަނީ ހުރްމުޒް ކަނޑުއޮޅީގެ އުތުރަށް ފެތިފަ އެވެ. އަދި, އެޕްރީލު މަހު އީރާނުގެ ރިވޮލޫޝަނަރީ ގާޑްސް ކޯއިން ވަނީ ކޮންޓޭނަރު އުފުލާ ބޯޓެއް ކަމަށްވާ 'އެމްއެސްސީ ފްރެންޗެސްކާ' އަށް ހަމަލާދީ އެ ބޯޓު ހިފަހައްޓާފައެވެ.
މަސްދަރު: ރޮއިޓަރސް











