ޓްރަމްޕްގެ ޣައިރުގާނޫނީ ހަނގުރާމައިގެ ގެއްލުމާއެކު މެދުއިރުމަތީގެ އިގުތިސާދު 2026 ގައި ވަރަށް ބޮޑަށް ދަށަށްދާނެ: އައިއެމްއެފް
13 އޮކްޓޯބަރު 2026 | އަންގާރަ 08:07މެދުއިރުމައްޗާއި މެދުތެރޭ އޭޝިޔާގެ އިގުތިސާދީ ކުރިއެރުން 2026 ވަނަ އަހަރު ދަށަށްދާނެ ކަމަށް އައިއެމްއެފުން ލަފާކޮށްފި. ހުރްމުޒް ކަނޑުއޮޅިން މުދާ އުފުލުމަށް ބުރޫއެރުމާ ގުޅިގެން ކުވައިތާއި، އިރާޤު އަދި ޤަތަރު ފަދަ ޤައުމުތަކުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށަށްދާނެ ކަމަށް ބެލެވޭ. ދުނިޔޭގެ އެހެން ސަރަހައްދުތަކުގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ޖިޔޯޕޮލިޓިކަލް ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ނުރައްކާ އެބައޮތް


އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން (އައިއެމްއެފް) ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރު މެދުއިރުމައްޗާއި އުތުރު އެފްރިކާ (މީނާ) ސަރަހައްދުގެ ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަން %0.3 އަށް ދަށަށް ދާނެ ކަމަށް މިހާރު ވަނީ ލަފާކުރެވިފައި | އޭޕީ
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ޣައިރުގާނޫނީ ހަނގުރާމައިގެ ސަބަބުން 2026 ވަނަ އަހަރު މެދުއިރުމައްޗާއި މެދުތެރޭ އޭޝިޔާގެ އިގުތިސާދު ދަށަށްދާނެ ކަމަށާއި، ކުވައިތާއި ޤަތަރު ފަދަ ޤައުމުތަކުގެ އިގުތިސާދަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން (އައިއެމްއެފް) އިންޒާރުކޮށްފި އެވެ.
އެޕްރީލް މަހު %1.9 ގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކޮށްފައި އޮތް ނަމަވެސް، މި އަހަރު އެ ސަރަހައްދުގެ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) %0.3 ދަށަށްދާނެ ކަމަށް ލަފާކުރެވޭ ކަމަށް، އަންގާރަ ދުވަހު ނެރުނު އެންމެ ފަހުގެ އިގުތިސާދީ ރިޕޯޓުގައި އައިއެމްއެފުން ބުންޏެވެ. އިގުތިސާދީ ލަފާކުރުންތައް ދަށަށް ގޮސްފައި މި ވަނީ، އާންމު ހާލަތްތަކުގައި ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅިން މުދާ އުފުލުމަށް ދިގު މުއްދަތަކަށް ބުރޫއަރާފައިވުމުގެ ސަބަބުން ކަމަށް އައިއެމްއެފުން ބުންޏެވެ.
އިގުތިސާދަށް އެންމެ ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ލަފާކުރެވެނީ ކުވައިތާއި، އިރާޤު އަދި ޤަތަރަށެވެ. މީގެ ތެރެއިން ކުވައިތުގެ ޖީޑީޕީ %16.7 ދަށަށްދާނެ ކަމަށް ލަފާކުރެވޭއިރު، އިރާޤުގެ ޖީޑީޕީ %16 އަދި ޤަތަރުގެ ޖީޑީޕީ %15.6 އިންސައްތަ ދަށަށްދާނެ ކަމަށް ލަފާކުރެވެ އެވެ. ބަހްރެއިންގެ ޖީޑީޕީ %11.3 ދަށަށްދާނެ ކަމަށް ލަފާކުރެވޭއިރު، އީރާނުގެ އިގުތިސާދު %7.6 ދަށަށްދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
'އީސްޓް-ވެސްޓް' ހޮޅިލައިން މެދުވެރިކޮށް ތެޔޮ ބޭރުކުރާ މިންވަރު އިތުރުކޮށް، ހަކަތައިގެ ދާއިރާއަށް ލިބުނު ގެއްލުން ކޮންމެވެސް ވަރަކަށް ކުޑަކޮށްފައިވާ ސައުދީ އަރަބިއްޔާގެ އިގުތިސާދީ ކުރިއެރުން %3.3 ދަށަށްދާނެ ކަމަށް ލަފާކުރެވެ އެވެ. މި ސަރަހައްދުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާނެ ކަމަށް ލަފާކުރެވެނީ ކިރްގިސްތާނުންނެވެ. އެ ޤައުމުގެ ޖީޑީޕީ %9 ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
2026 ވަނަ އަހަރު އިގުތިސާދީ ކުރިއެރުން ދަށަށްދާނެ ކަމަށް ލަފާކުރެވޭ ހަމައެކަނި ސަރަހައްދަކީ މެދުއިރުމައްޗާއި މެދުތެރޭ އޭޝިޔާ އެވެ. އަދި, އޭޝިޔާގެ ކުރިއަރަމުން އަންނަ ޤައުމުތަކުގެ ޖީޑީޕީ %5.1 ކުރިއަރާނެ ކަމަށް ލަފާކުރެވޭއިރު، ސަބް-ސަހާރާ އެފްރިކާގެ އިގުތިސާދުތައް %4.5 އަދި ލެޓިން އެމެރިކާއާއި ކެރީބިޔަން ސަރަހައްދުގެ އިގުތިސާދުތައް %2.3 ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ. ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސާދު ކަމަށްވާ އެމެރިކާގެ އިގުތިސާދު %2.3 އަދި ޗައިނާގެ އިގުތިސާދު %4.5 ކުރިއަރާނެ ކަމަށް ލަފާކުރެވޭއިރު، ޔޫރޯޒޯނުގެ ޖީޑީޕީ %1.1 ކުރިއަރާނެ ކަމަށް ވެސް އައިއެމްއެފުން ވަނީ އަންދާޒާކޮށްފަ އެވެ.
ކުރިން ލަފާކުރި %3 ގެ ބަދަލުގައި، މުޅި ދުނިޔޭގެ ޖީޑީޕީ މިހާރު %3.1 ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އައިއެމްއެފުން ބުންޏެވެ. މި އަހަރުގެ އިގުތިސާދީ ހަރަކާތްތައް ރަނގަޅުވި ނަމަވެސް، ދުނިޔޭގެ އިގުތިސާދަށް ގިނަ ނުރައްކާތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވޮޝިންގޓަނުގައި މައި އޮފީސް ހުންނަ އައިއެމްއެފުން ބުންޏެވެ.
"ހަމަނުޖެހުންތައް އިތުރަށް ގޯސްވުމާއި، އާޓިފިޝަލް އިންޓެލިޖެންސްއާ (އޭއައި) ގުޅޭ އުންމީދުތައް އަލުން ވަޒަންކުރުމާއި، ވިޔަފާރީގެ މައްސަލަތައް އަލުން އުފެދުމުގެ އިތުރުން މާލީ ނާޒުކުކަމުގެ ސަބަބުން އިގުތިސާދީ ކުރިއެރުން ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެއް،" އައިއެމްއެފުން ބުންޏެވެ.
"ރަނގަޅު ކަންކަމަށް ބަލާއިރު، އޭއައި އިންވެސްޓްމަންޓްތައް އިތުރުވުމާއި އޭއައިގެ ސަބަބުން އުފެއްދުންތެރިކަން އިތުރުވުން ނުވަތަ ޖިޔޯޕޮލިޓިކަލް އަދި ވިޔަފާރީގެ މައްސަލަތަކަށް ދާއިމީ ލުޔެއް ލިބުމަކީ އިގުތިސާދީ ކުރިއެރުން އިތުރުވެދާނެ ކަންކަން،" އައިއެމްއެފުން ބުންޏެވެ.
މަސްދަރު: އަލް ޖަޒީރާ











