ޗެޓްޖީޕީޓީގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވޭ، އޯޕަންއޭއައިއާ ދެކޮޅަށް އެމެރިކާގެ އަށް ސްޓޭޓަކުން ކޯޓަށް!
15 އޮކްޓޯބަރު 2026 | ބުރާސްފަތި 02:56ޗެޓްޖީޕީޓީއަކީ ކުޑަކުދިންނަށް ރައްކާތެރި އެއްޗެއް ކަމަށް ބުނެ އޯޕަންއޭއައިއިން އޮޅުވާލަމުންދާ ކަމަށް އެމެރިކާގެ އަށް ސްޓޭޓަކުން ވަނީ ތުހުމަތުކޮށްފައި. މި ޗެޓްބޮޓުން އަމިއްލައަށް މަރުވުމާއި އަނިޔާވެރިކަމަށް ހިތްވަރުދޭ ނުރައްކާތެރި އިރުޝާދުތައް ލިބޭތީ، ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް އެ ކުންފުނި ޖަވާބުދާރީ ކުރުވުމަށް ސްޓޭޓްތަކުގެ އެޓަރނީ ޖެނެރަލުން ވަނީ ގޮވާލައްވާފައި

![ކުޑަކުއްޖަކު ޓެބްލެޓެއް ފަދަ ވަސީލަތެއް ބޭނުންކުރަނީ [ފައިލް]](https://dyncz33htw1ec.cloudfront.net/posts/3f9bcfc7-bd3a-4b26-9584-33e72d6c8c26.webp)
ކުޑަކުއްޖަކު ޓެބްލެޓެއް ފަދަ ވަސީލަތެއް ބޭނުންކުރަނީ [ފައިލް] | ގެޓީ އިމޭޖަސް
އޯޕަންއޭއައި ކުންފުނިން އުފައްދާފައިވާ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް، ޗެޓްޖީޕީޓީގެ ސަބަބުން ކުޑަކުދިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާއި، އެ ކުދިންގެ ރައްކާތެރިކަމާމެދު ބެލެނިވެރިންނަށް އޮޅުވާލަމުންދާ ކަމަށް ތުހުމަތުކޮށް، އޯޕަންއޭއައިއާ ދެކޮޅަށް އެމެރިކާގެ އަށް ސްޓޭޓަކުން ބުދަ ދުވަހު ދައުވާ އުފުލައިފި އެވެ.
މި މައްސަލައިގައި އަޅާފައިވާ ފިޔަވަޅުތައް އަޔޯވާ، ކެންސަސް، ނެބްރާސްކާ އަދި ހުޅަނގު ވަރޖީނިޔާއިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވާއިރު، އާކެންސޯ، އެރިޒޯނާ، އައިޑަހޯ އަދި މޮންޓާނާއިން ވަނީ އެ ސްޓޭޓްތަކުގެ ކޯޓުތަކަށް ވަކިވަކިން މައްސަލަތައް ހުށަހަޅާފަ އެވެ.
"އޯޕަންއޭއައިއިން ދަނީ ކުޑަކުދިންނަށް ގެއްލުންދެމުން، އަދި އެ މީހުން ދަނީ އަޔޯވާގެ ރައްޔިތުންނަށް ދޮގުހަދަމުން،" އަޔޯވާ ސްޓޭޓްގެ އެޓަރނީ ޖެނެރަލް ބްރެންޑާ ބަރޑް ވިދާޅުވި އެވެ.
"އޯޕަންއޭއައިއިން ޗެޓްޖީޕީޓީއަކީ ރައްކާތެރި އެއްޗެއް ކަމަށް ދައުވާކުރާއިރު، އޭގެ ސަބަބުން ނުރައްކާތެރި ސިއްހީ އިރުޝާދުތައް ދިނުމާއި، އެހެން މީހުންނަށް އަނިޔާދިނުމަށް ހިތްވަރު ދިނުމާއި، އަދި އަމިއްލައަށް މަރުވުމަށް މީހުންނަށް މަގުދައްކައިދެމުންދޭ... މި ހުރިހާ ކަމެއް ކުރަމުން ދަނީ އެ ކުދިންގެ ރަހުމަތްތެރިއަކަށް ހެދިގެން،" ބަރޑް ވިދާޅުވި އެވެ. މި ދައުވާގެ މަގުސަދަކީ "އަޅުގަނޑުމެންގެ ކުދިން ރައްކާތެރިކުރުމާއި އަޅުގަނޑުމެންގެ ސްޓޭޓްގެ ގާނޫނުގެ ދަށުން އޯޕަންއޭއައި ޖަވާބުދާރީ ކުރުވުން،" ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އޯޕަންއޭއައި ކުންފުނިން ކުޑަކުދިން ނުރައްކަލަށް ހުށަހަޅައި، ބެލެނިވެރިންނަށް އޮޅުވާލައި، އަދި ސްޓޭޓްގެ ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނުތަކާ ޚިލާފުވަމުންދާ ކަމަށް ހުޅަނގު ވަރޖީނިޔާގެ އެޓަރނީ ޖެނެރަލް ޖޭބީ މެކްކަސްކީ ވެސް ވިދާޅުވި އެވެ. "ކުދިން ރައްކާތެރިކުރުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭ،" އަމިއްލައަށް މަރުވުމާއި، ސްކޫލްތަކުގައި ބަޑިޖެހުމާއި، އަދި އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ ވާހަކަތަކުގައި މި ޗެޓްބޮޓްގައި އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނެތްކަން ފާހަގަކުރައްވަމުން މެކްކަސްކީ ވިދާޅުވި އެވެ.
އަމިއްލައަށް މަރުވުމާއި، އަނިޔާވެރިކަމާއި، އަދި އެހެނިހެން ގެއްލުންތަކަށް މަގުފަހިކުރުމުގެ ސީރިޔަސް މައްސަލަތަކެއް ހުރި ނަމަވެސް، އޯޕަންއޭއައިއިން ޗެޓްޖީޕީޓީ އިޝްތިހާރުކުރަނީ ޅަފުރައިގެ ކުދިންނަށް ރައްކާތެރި އެއްޗެއްގެ ގޮތުގައި ކަމަށް ބުނެ ކަމަށް ނެބްރާސްކާގެ އެޓަރނީ ޖެނެރަލް މައިކް ހިލްގާސް ވިދާޅުވި އެވެ. "މި ދައުވާއަކީ އެހެން ކޮންމެ ކުންފުންޏެކޭ ވެސް އެއްފަދައިން ނެބްރާސްކާގެ ގާނޫނުގެ ދަށުން އޯޕަންއޭއައި ހަމަ އެ މިންގަނޑުތަކަށް ފެއްތުމަށް ކުރެވޭ ކަމެއް،" އެކްސްގައި ޝާއިއުކުރެއްވި ބަޔާނެއްގައި ހިލްގާސް ވިދާޅުވި އެވެ.
މި ދައުވާތަކުގެ ބޭނުމަކީ ސްޓޭޓްގެ ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނުތަކަށް އޯޕަންއޭއައި ތަބާކުރުވުމާއި، އެޓަރނީ ޖެނެރަލުން ސިފަކުރައްވާ ގޮތުގައި ނުރައްކާތެރި އަދި ގާނޫނާ ޚިލާފު އަމަލުތައް ހުއްޓުވުމެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











