ހުރްމުޒް ކަނޑުއޮޅީގައި ދެ ބޯޓަކަށް ހަމަލާދީފި، ސެންޓްކޮމުން އަދިވެސް ދައުވާކުރަނީ ކޮންޓްރޯލް އޮތީ އެމެރިކާއަށް ކަމަށް!
14 އޮކްޓޯބަރު 2026 | ބުދަ 05:43ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކޮންޓްރޯލާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައި، އެ ސަރަހައްދުން ދަތުރުކުރި ދެ އުޅަނދަކަށް ހަމަލާތަކެއް އަމާޒުވެއްޖެ. މި ހާދިސާތަކާ ގުޅިގެން އެމެރިކާގެ ސެންޓްކޮމުން ވަނީ ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާގެ ފައުޖުތަކަށް އޮތްކަމަށް ބުނެ އީރާނުގެ ދައުވާތައް ދޮގުކޮށްފައި. މި ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ މުހިންމު ސަޕްލައި ރޫޓެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަމާމެދު ވަނީ ކަންބޮޑުވުން އުފެދިފައި

ހުރްމުޒް ކަނޑުއޮޅި ހިރަސްކުރަން އުޅެނިކޮށް އައިއާރްޖީސީން ހަމަލާދިނުމާ ގުޅިގެން ރޯވެފައިވާ ކަމަށް ބުނާ އާގުބޯޓެއްގެ މަންޒަރުތައް | އެކްސް
ހުރްމުޒް ކަނޑުއޮޅީގައި އަންގާރަ ދުވަހު ހިނގި ވަކި ދެ ހާދިސާއެއްގައި ކޮންޓެއިނަރު އުފުލާ އާގުބޯޓަކަށާއި ތެޔޮ ޓޭންކަރަކަށް ހަމަލާދީފައިވާ ކަމަށް ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްއިން (ޔޫކޭއެމްޓީއޯ) ހާމަކޮށްފި އެވެ.
އޮކްޓޫބަރު 13 ވަނަ ދުވަހު އެ އިދާރާއިން ނެރުނު ވަކި ދެ އިންޒާރެއްގައި ބަޔާންކޮށްފައި ވަނީ، ކޮންމެ އުޅަނދަކަށް ވެސް ހަމަލާދީފައިވާ ކަން މަސްދަރުތަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ އުޅަނދުތަކަށް ހަމަލާދޭން ބޭނުންކޮށްފައި ވަނީ ކޮން ކަހަލަ ހަތިޔާރެއް ކަން ސާފު ނޫން ކަމަށް އެ އިދާރާއިން ބުންމެވެ. "ކަމާބެހޭ ފަރާތްތަކުން ދަނީ މި ކަން ތަހުގީގު ކުރަމުން،" ޔޫކޭއެމްޓީއޯއިން ބުންޏެވެ.
މި ހާދިސާގައި ހަމަލާ އަމާޒުވި އުޅަނދުތަކަކީ ކޮބައިކަން އެ އިދާރާއިން ހާމަކޮށްފައެއް ނުވެ އެވެ. އަދި, ލިބުނު ގެއްލުމާއި، މީހެއްގެ ފުރާނައަށް ނުރައްކާވި ކަމެއް ނުވަތަ މި ކަމުގެ ޒިންމާ ނަގަނީ ކޮން ބައެއް ކަމުގެ ތަފްސީލެއް ވެސް ދީފައެއް ނުވެ އެވެ. ދެ ހާދިސާ ހިނގާފައި ވަނީ ކޮން އިރަކުކަން ވެސް ކަށަވަރު ކޮށްދީފައެއް ނުވެ އެވެ. "އުޅަނދުތަކުން ސަމާލުވެގެން ދަތުރުކުރުމަށާއި، ޝައްކުކުރެވޭ ފަދަ ކަމެއް ފާހަގަވެއްޖެނަމަ ޔޫކޭއެމްޓީއޯއަށް ރިޕޯޓުކުރުމަށް އިރުޝާދު ދެން،" ޔޫކޭއެމްޓީއޯ އިން ބުންޏެވެ.
އެމެރިކާގެ ޣައިރުގާނޫނީ ހަނގުރާމައާ ގުޅިގެން އެޕްރީލް މަހުން ފެށިގެން އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. މި ގޮތުން، ދަތުރުކުރުމަށް ވަކި މަގުތަކެއް ކަނޑައެޅުމާއި، އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯގެ (އައިއާރުޖީސީ) ކަނޑުގެ ސިފައިންނާ ކުރިން ގުޅައިގެން ހުއްދަ ހޯދުމަށް ވަނީ އަންގާފަ އެވެ. މެއި 30 ވަނަ ދުވަހު ތެހެރާނުން އިއުލާންކުރި ގޮތުގައި، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން އައިއާރުޖީސީގެ ކަނޑުގެ ސިފައިންގެ ހުއްދަ ކުރިން ހޯދަން ޖެހޭނެ އެވެ. އަދި, ހުއްދަ ނުހޯދައި ދަތުރުކުރުމަކީ "ސަލާމަތީ ނުރައްކަލެއް" ކަމަށް ބެލެވޭނެ ކަމަށް އިންޒާރު ދީފައިވެ އެވެ.
މި ހާދިސާތައް ހިނގާފައި ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައާއި މުދާ ސަޕްލައިކުރުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް މަގު ކަމަށްވާއިރު، މިއީ މި ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ އެންމެ މުހިންމު އެއް މައްސަލަ އެވެ.
ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާއެކު ފެށުނު ހަނގުރާމަ އެޕްރީލް މަހު ހިނގި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް ވަނީ މަޑުޖެހިފަ އެވެ. ނަމަވެސް، ޖޫން މަހު ދެ ފަރާތުން އޮނިގަނޑު އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، މަޝްވަރާތައް މަޑުޖެހުމާ ގުޅިގެން ވޮޝިންގޓަނާއި ތެހެރާނާ ދެމެދު އަނެއްކާ ވެސް ވަނީ ކުރިމަތިލުންތައް ފެށިފަ އެވެ.
އީރާނުގެ ދައުވާތައް އެމެރިކާއިން ދޮގުކުރުން
ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރަނީ އީރާނުން ކަމަށާއި، އެ ސަރަހައްދަށް ކައިރިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ ކޮންމެ މަނަވަރެއް ފައްތާލާނެ ކަމަށް އީރާނުގެ އައިއާރުޖީސީއިން ކުރާ ދައުވާތައް އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) އަންގާރަ ދުވަހު ވަނީ ދޮގުކޮށްފަ އެވެ.
"އައިއާރުޖީސީގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރުގެ އެއްވެސް ކަނޑުގެ ލަޝްކަރެއް ނެތް. އެމެރިކާގެ ފައުޖުތަކާއި ސަރަހައްދީ ބައިވެރިންގެ ފުރިހަމަ ކޮންޓްރޯލް ހުރްމުޒް ކަނޑުއޮޅީގައި އެބައޮތް،" އެކްސްގައި ސެންޓްކޮމުން ޕޯސްޓުކުރި ބަޔާނެއްގައި ބުންޏެވެ.
އިސްތިރާޖީ ގޮތުން މުހިންމު މި ކަނޑުއޮޅި ކޮންޓްރޯލް ކުރަނީ ތެހެރާނުން ކަމަށް އީރާނުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރަކު ވިދާޅުވި ވިދާޅުވުމަށް އެމެރިކާއިން ވަނީ ރައްދުދީފަ އެވެ. ހޯމަ ދުވަހު ގަލްފުގެ ބައިވެރިންނަށް 19 މިލިޔަނަށްވުރެ ގިނަ ފީފާގެ ސާފުނުކުރާ ތެޔޮ މި ކަނޑުއޮޅިން ރައްކާތެރިކަމާއެކު ބޭރުކުރުމަށް އެމެރިކާގެ ފައުޖުތަކުން އެހީތެރިވެދީފައިވާ ކަމަށް ވެސް ސެންޓްކޮމުން ހާމަކުރި އެވެ.
މި ބަޔާން ނެރެފައި ވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް އެންމެ މުހިންމު އެއް މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަމާ އަދި ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











