ޔޫކްރެއިންގެ އާންމުންނަށް ދެމުންދާ ހަމަލާތައް އިތުރުވާތީ އދ. އިން ކަންބޮޑުވެއްޖެ
10 އޮކްޓޯބަރު 2026 | ހޮނިހިރު 08:49ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް "ބިރުވެރި އާ މިންވަރަކަށް" އިތުރުވެފައިވާތީ، އާންމުންނާއި އުމްރާނީ ވަސީލަތްތަކަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އދ. އިން ގޮވާލައިފި. މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލި، ސަރަހައްދީ ސަލާމަތަށް ނުރައްކާވަމުންދާތީ، މަޝްވަރާގެ މަގު އިސްކޮށް ހަނގުރާމަ ނިމުމަކަށް ގެނައުމަށް އދ. އިން ވަނީ ބާރުއަޅާފައި

ޔޫކްރެއިންގެ ޕްރީލުކީއަށް ރަޝިޔާއިން ދިން ޑްރޯން ހަމަލާތަކެއްގައިި ގެއްލުންވި އިމާރާތެއްގައި ތާށިވިކަމަށް ބެލެވޭ މީހުން ހޯދުމަށް މަސައްކަތް ކުރަނީ | އެކްސް/ޒެލެންސްކީ
ރަޝިޔާއިން ޔޫކްރެއިންގެ އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށާއި، ބަސްތަކަށް އަދި މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ފާއިތުވި ހަފްތާގައި ދިން ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން މަރުވެ، 429 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުކޮށް، ހަމަލާތައް އިތުރުވަމުންދާ ދިއުން އދ. އިން ހުކުރު ދުވަހު ކުށްވެރިކޮށްފި އެވެ.
ސެޕްޓެންބަރު 23 ގައި ބޭއްވި ބައްދަލުވުމަށްފަހު ރަޝިޔާއިން ދެމުންދާ ހަމަލާތައް "ބިރުވެރި އާ މިންވަރަކަށް" ގޮސްފައިވާ ކަމަށް، މެދުއިރުމައްޗާއި، އޭޝިޔާ އަދި ޕެސިފިކް ސަރަހައްދާ ބެހޭ އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޚާލިދު އަލް-ޚިޔާރީ އދ.ގެ ސަލާމަތީ މަޖިލީހުގައި ވިދާޅުވި އެވެ. "އާންމުންނާ ދެކޮޅަށް ދޭ ހުރިހާ ހަމަލާތަކެއް އަޅުގަނޑުމެން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އަލް-ޚިޔާރީ ވިދާޅުވި އެވެ.
މި ހަމަލާތަކުގެ ސަބަބުން މި އަހަރު އާންމުންނަށް ލިބުނު ގެއްލުންތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، ފާއިތުވި ތިން އަހަރުގެ ކޮންމެ މަހަކާ އަޅާބަލާއިރު މި އަހަރުގެ ކޮންމެ މަހަކު ވެސް ގެއްލުން ލިބުނު މީހުންގެ އަދަދު އިތުރުކަމަށް އޭނާ ވިދާޅުވި އެވެ. ފުރާނަ ގެއްލުމުގެ އިތުރުން، ޔޫކްރެއިންގެ ސަހަރުތަކަށާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް ތަކުރާރުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެތައް މިލިޔަން ބައެއްގެ ދިރިއުޅުމަށް ބުރޫއަރަމުންދާ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
މުވާސަލާތީ ވިއުގަތަކަށާއި، ރީޓެއިލް ވިޔަފާރިތަކަށާއި، ކާބޯތަކެތި ފޯރުކޮށްދޭ ފަރާތްތަކަށް އަދި ލޮޖިސްޓިކްސް ކުންފުނިތަކަށް އަމާޒުކޮށް ދެމުންދާ ކަމަށް ރިޕޯޓުކުރެވޭ ހަމަލާތަކާމެދު ވެސް އެ އޮފިޝަލް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. "ހަކަތައިގެ ވަސީލަތްތަކަށާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ދޭ ހުރިހާ ހަމަލާތަކެއް ވަގުތުން ހުއްޓާލަން ޖެހޭނެ،" ފިނި މޫސުން ފެށުމުގެ ކުރިން ނާޒުކު ހާލަތުގައި ތިބި އާންމުން ހިމާޔަތްކުރުމުގެ މުހިންމު ކަން ފާހަގަކުރައްވަމުން އަލް-ޚިޔާރީ ވިދާޅުވި އެވެ.
ކަޅު ކަނޑުގެ ހަމަލާތަކުގެ ސަބަބުން ކަނޑުދަތުރުފަތުރަށް ނުރައްކާ
ރަޝިޔާގެ އެތެރެއަށް ޔޫކްރެއިންގެ ސިފައިން ދެމުންދާ ހަމަލާތައް ވަރުގަދަވުމުގެ ސަބަބުން އާންމުން މަރުވެ އަދި ޒަޚަމްވަމުންދާތީ އެކަމާމެދު ވެސް އަލް-ޚިޔާރީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ޖަނަވަރީ މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރެއިންގެ 3،890 އާންމުންނަށް ގެއްލުން ލިބިފައިވާ ކަމަށް އދ. ގެ ހިއުމަން ރައިޓްސް އޮފީހަށް (އޯއެޗްސީއެޗްއާރު) ރިޕޯޓުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި 496 މީހުން މަރުވެ އަދި 3،394 މީހުން ޒަޚަމްވެފައިވާ ކަމަށް އަލް-ޚިޔާރީ ވިދާޅުވި އެވެ.
"އާންމުންނަށާއި އާންމުންގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާއަކީ، އެ ހަމަލާއެއް ދިން ތަނަކަށް ބެލުމެއް ނެތި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ހިލާފު ކަމެއް، އަދި އެ ކަން ވަގުތުން ހުއްޓާލަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ. ހަނގުރާމައިގެ ނޭދެވޭ އަސަރުތައް ޔޫކްރެއިން އަދި ރަޝިޔާއިން ބޭރަށް ފެތުރެމުންދާ ކަމަށާއި، މީގެ ސަބަބުން ސަރަހައްދީ ސަލާމަތަށާއި ބައިނަލްއަގުވާމީ ވިޔަފާރިއަށް ނުރައްކާވަމުންދާ ކަމުގެ އިންޒާރު ވެސް އަލް-ޚިޔާރީ ދެއްވި އެވެ. "ޚާއްސަކޮށް ކަޅު ކަނޑުގައި، އާންމުންގެ އުޅަނދުތަކަށް ދޭ ހަމަލާތައް ގިނަވެ، އެ ހަމަލާތައް ދޭ ސަރަހައްދު ވަނީ ފުޅާވެފައި،" އޭނާ ފާހަގަކުރެއްވި އެވެ.
މަސްރަހު ފިނިކުރުމަށާއި ކަޅު ކަނޑުގައި އާންމުންގެ ދަތުރުފަތުރުގެ ރައްކާތެރި ކަން ކަށަވަރުކުރުމަށް ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް މަރުހަބާ ވިދާޅުވެ، އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ހަމަޖެއްސުމަށް ދެ ފަރާތުން ވެސް މަޝްވަރާކުރުމަށް އޭނާ ގޮވާލެއްވި އެވެ. ބަނދަރުތަކަށާއި، ދަތުރުފަތުރުގެ ވިއުގަތަކަށާއި، ގޮވާމުގެ ރައްކާތެރި ކަން އަދި ދަނޑުވެރިކަމުގެ އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލެމުންދާ ކަމުގެ އިންޒާރު ވެސް އަލް-ޚިޔާރީ ދެއްވި އެވެ.
އާންމުންނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ޑިޕްލޮމެޓިކް މަސައްކަތްތައް އަލުން ފެށުމަށް އޭނާ ރަޝިޔާ އަދި ޔޫކްރެއިނަށް ގޮވާލެއްވި އެވެ. "އާންމުންނަށް ދެމުންދާ ހަމަލާތަކުގެ މި އޮއިވަރު، އާންމުންނަށް ލިބޭ ގެއްލުން އާ، ހިތާމަވެރި މިންވަރަކަށް ދިއުމުގެ ކުރިން ވަގުތުން ހުއްޓާލަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ. ޑިޕްލޮމަސީއާއި މަޝްވަރާތައް އިސްކުރަން ޖެހޭނެ ކަމަށާއި، އެ ކަން ކާމިޔާބު ކުރުމަށް ހަގީގީ ފުރުސަތެއް ދޭން ޖެހޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. "މިއީ މި ހަނގުރާމަ ނިމުމަކަށް ގެންނަންވީ ވަގުތު،" އަލް-ޚިޔާރީ ވިދާޅުވި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











