ސައުދީ އަރަބިއްޔާގެ ވެރިރަށަށް ދިން ވަރުގަދަ ހަމަލާއެއްގައި އެކަކު މަރުވެ 11 މީހަކަށް އަނިޔާވެއްޖެ
12 އޮކްޓޯބަރު 2026 | ހޯމަ 03:02ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ މަރުކަޒުތަކަށް އަމާޒުކޮށް ޔަމަނުގެ ހޫޘީން ދިން ވަރުގަދަ ހަމަލާތަކެއްގައި ގިނަ ބަޔަކަށް އަނިޔާވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ. މި ހަމަލާތަކުގެ ޒިންމާ ހޫޘީން އުފުލާފައިވާއިރު، މިއީ ޔަމަނަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމެއް ކަމަށް އެ ޖަމާއަތުން ބުނޭ. ސައުދީ އިއްތިހާދުން ވަނީ މި އަމަލު ކުށްވެރިކޮށް، ހޫޘީންނަށް ހަރުކަށި ރައްދެއް ދޭނެކަމުގެ އިންޒާރު ދީފައި


ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާއަކާ ގުޅިގެން އެ ސަރަހައްދުން ދުން އަރަނީ | އަނަދޮލު އޭޖެންސީ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއެއްގައި އެކަކު މަރުވެ، 11 މީހަކަށް އަނިޔާވެއްޖެކަމަށް، އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހޯމަ ދުވަހުގެ ފަތިހު ހާމަކޮށްފި އެވެ.
މަރުވެފައިވަނީ ޕާކިސްތާނުގެ ރައްޔިތެއްކަން ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން (ޖީއޭސީއޭ) ކަށަވަރުކޮށްދީފައިވާއިރު، އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ވަނީ ހަސްފަތާލުތަކަށް ގެންގޮސްފަ އެވެ. އަދި, މި ހަމަލާގެ ސަބަބުން މާއްދީ ގެއްލުންތަކެއް ލިބިފައިވާއިރު، އެ ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މީގެ ކުރިން، ޔަމަނުގައި ހަރަކާތްތެރިވާ ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން ބުނީ، އާދީއްތަ ދުވަހުގެ މެންދުރުފަހު އެއާޕޯޓުގެ ޓާމިނަލް 4 އަށް ކޮން ބަޔެއްކަން ނޭނގޭ ފަރާތަކުން ދިން ހަމަލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. މި ހަމަލާދީފައި މި ވަނީ، ހަމަ އެ އެއާޕޯޓަށް ދިން އެހެން ހަމަލާއެއްގައި 12 މީހަކު މަރުވެ، 300 އަށްވުރެ ގިނަ މީހުންނަށް އަނިޔާވިތާ އެއް ދުވަސް ފަހުންނެވެ. ސައުދީ އަސްކަރީ އިއްތިހާދުން މި ހަމަލާގެ ތުހުމަތު ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނަށް އަމާޒުކޮށްފައިވާއިރު، މިއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނާ ޚިލާފު އަމަލެއްކަމަށް ސިފަކޮށް، މި އަށް ހަރުކަށި ރައްދެއް ދޭނެކަމަށް އެ އިއްތިހާދުން ވަނީ ވައުދުވެފަ އެވެ.
ހަމަމިއާއެކު، ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށާއި ތެލުގެ ބޮޑެތި މަރުކަޒުތަކަކަށް ހަމަލާދީފައިވާނެކަމަށް ޔަމަނުގެ ހޫޘީ ޖަމާއަތުން ބުނެފައިވާއިރު، އިރުމަތީ ސަހަރެއް ކަމަށްވާ ދައްމާމްގައި ހުންނަ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާއެއް އަމާޒުވެފައިވާކަމަށް ސައުދީ އަރަބިއްޔާ އިން އާދީއްތަ ދުވަހުގެ ރޭ ވަނީ ބުނެފަ އެވެ. ގުޅުންހުރި އިދާރާތަކާ ގުޅިގެން އެއާޕޯޓަށް ލިބުނު ގެއްލުންތައް ވަޒަންކުރުމާއި ސަލާމަތީ ގޮތުން ކުރަންޖެހޭ ތަހުގީގުތައް ކުރިއަށްދާކަމަށް ޖީއޭސީއޭއިން ބުންޏެވެ. މި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ މަދަނީ ވައިގެ އުދުހުންތަކާ މަރުކަޒުތަކަށް މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގެ ތެރެއިންކަމަށް ބުނި ނަމަވެސް، މީހަކަށް ލިބުނު ގެއްލުމެއް ނުވަތަ މާއްދީ ގެއްލުމުގެ އެއްވެސް ތަފްސީލެއް އެ އޮތޯރިޓީން ވަގުތުން ހާމަކޮށްފައެއް ނުވެ އެވެ.
![ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާއަކާ ގުޅިގެން އެ ތަނުގައި އަލިފާން ރޯވެ، ދުން އަރަނީ [ފައިލް]](https://dyncz33htw1ec.cloudfront.net/posts/750ebd11-378e-49e2-9d3c-93d97cae9d6d.webp)
ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާއަކާ ގުޅިގެން އެ ތަނުގައި އަލިފާން ރޯވެ، ދުން އަރަނީ [ފައިލް] | އަނަދޮލު އޭޖެންސީ
މި ގޮތުން، ސައުދީ އަރަބިއްޔާގެ އިރުމަތީގައި އޮތް މި ޕްރޮވިންސަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް ވައިގެ ދިފާއީ ނިޒާމުން ހުއްޓުވައި ނައްތާލާފައިވާކަމަށް ސައުދީ އަސްކަރީ އިއްތިހާދުން ބުންޏެވެ. އާދީއްތަ ދުވަހުގެ ކުރީކޮޅު، ވެރިރަށް ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރު ހަމަލާއެއް ދީފައިވާކަމަށް ޖީއޭސީއޭއިން ރިޕޯޓުކޮށްފައިވާއިރު، އަނިޔާވި މީހުންގެ އަދަދާއި ލިބުނު އަނިޔާގެ ތަފްސީލު ހާމަނުކޮށް، ބައެއް މީހުންނަށް އަނިޔާވެފައިވާކަމަށް ވަނީ ބުނެފަ އެވެ.
ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި، ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާގެ ޒިންމާ ނަގަމުން ހޫޘީ އަސްކަރިއްޔާގެ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުނީ، އެ ހަމަލާ ސީދާ އަމާޒަށް ވާސިލުވެ، ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައިވާ ކަމަށެވެ. ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި، ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި އަރަމްކޯގެ އަލް-ޝަދްޤަމް ގޭސް ޕްލާންޓަށާއި، އިރުމަތީ ޕްރޮވިންސްގައި ހުންނަ އެ ކުންފުނީގެ ތަނާޖީބް ތެޔޮ މަރުކަޒަށް ވެސް ހަމަލާދީފައިވާނެކަމަށް ސަރީޢު ބުންޏެވެ. މިއާއެކު، މި އޮޕަރޭޝަންތަކަކީ ޔަމަނަށް ސައުދީ އަރަބިއްޔާއިން ދެމުންދާ ވައިގެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ހިންގި އޮޕަރޭޝަންތަކެއްކަމަށް އޭނާ ބުނެފައިވާއިރު، އެ ޤައުމަށް އިތުރު ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދީފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











