ސައުދީގެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތަކަށްފަހު އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު ހާލަތަށް
10 އޮކްޓޯބަރު 2026 | ހޮނިހިރު 07:11ސައުދީގެ ކިންގް ޚާލިދު އެއާޕޯޓަށާއި ސައުދީ އެއާލައިންސްގެ ބޯޓަކަށް އަމާޒުކޮށް ހޫޘީން ދިން މިސައިލް ހަމަލާތަކެއްގައި ތިން މީހުން މަރުވެ، ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާވެއްޖެ. މި ހަމަލާތަކުގައި އެއާޕޯޓުގެ ވަސީލަތްތަކަށް ގެއްލުން ލިބުނު ނަމަވެސް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އެއާޕޯޓުގެ އޮޕަރޭޝަންތައް މިހާރު ވަނީ އާންމު ހާލަތަށް ގެނެސްފައި


ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ ކިންގް ޚާލިފް އެއާޕޯޓަށް ހޫޘީން ހަމަލާތަކެއް ދިން ކަމަށް ބުނާ ސަރަހައްދުގައި އަލިފާން ރޯވެ، އަނދަމުންދާ މަންޒަރު | ރޮއިޓަރސް
ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުގެ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ދެ ހަމަލާއެއްގައި ސައުދީގެ ތިން ރައްޔިތަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށާއި، ނަމަވެސް ހުކުރު ދުވަހު އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު ހާލަތަށް ރުޖޫއަވެފައިވާކަމަށް ސައުދީގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ. އެއާޕޯޓުގެ އޮޕަރޭޝަނަލް ޚިދުމަތްތައް އަލުން ފެށި، ވައިގެ ދަތުރުފަތުރު އާންމު ހާލަތަށް އައިސްފައިވާ ކަމަށާއި، ފަސިންޖަރުންގެ ހަރަކާތްތައް "އޮމާންކަމާއެކު ކުރިއަށްދާ" ކަމަށް ދައުލަތުގެ ޓީވީ ސްޓޭޝަން އަލް-އިޚްބާރިއްޔާއިން ރިޕޯޓުކުރި އެވެ.
ފަސިންޖަރުންނާއި މުވައްޒަފުންގެ ސަލާމަތަށް އިސްކަންދީގެން، އާދަޔާޚިލާފު ހާލަތްތަކާ ކުރިމަތިލުމާއި އޭގެ އަސަރު ކުޑަކުރުމުގައި ސައުދީ އަރަބިއްޔާގެ ސިވިލް އޭވިއޭޝަން ނިޒާމުގެ ފްލެކްސިބިލިޓީއާއި އެއާޕޯޓުގެ އުމްރާނީ ތަރައްޤީގެ ތައްޔާރީތައް، އަވަސް މިނެއްގައި ފްލައިޓްތައް އިއާދަކުރުމުން ދައްކުވައިދޭ ކަމަށް އެ ބްރޯޑްކާސްޓަރު ހާމަކުރި އެވެ. އަންގާރަ ދުވަހުން ފެށިގެން އެ ޤައުމުގެ މަދަނީ އެއާޕޯޓުތަކަށް އަމާޒުކޮށް ހޫޘީން ހަމަލާތައް ދެމުން އަންނައިރު، މިއީ މި ހަފްތާގައި އެއާޕޯޓަށް ދިން ފުރަތަމަ ހަމަލާ ނޫންކަން ވެސް ފާހަގަކުރި އެވެ.
ދެ ހަމަލާއެއްގައި އާންމުންގެ ތިން މީހުން މަރުވި
ބުރާސްފަތި ދުވަހު އެއާޕޯޓުގެ ވަސީލަތްތަކަށާއި ސައުދީ އަރަބިއަން އެއާލައިންސްގެ ބޯޓަކަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި ތިން ރައްޔިތަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާކަން ހުކުރު ދުވަހު ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން ބަޔާންކުރި އެވެ. އެއް ހަމަލާ އަމާޒުކޮށްފައި ވަނީ އެއާޕޯޓުގެ ވަސީލަތްތަކަށް ކަމަށާއި، ދެވަނަ ހަމަލާ އެރީ ސައުދީ އެއަރލައިންސްގެ ބޯޓަކަށް ކަމަށް އެ އިދާރާއިން ހާމަކުރި އެވެ. މި ހަމަލާތަކުގައި އެކި ޤައުމުތަކަށް ނިސްބަތްވާ ރައްޔިތުންނާއި ރެސިޑެންޓުންނަށް އަނިޔާވެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ލިބުނު އަނިޔާތަކުގެ ތެރޭގައި ކުދި އަނިޔާތަކުން ފެށިގެން ސީރިއަސް އަނިޔާތައް ހިމެނޭއިރު، ޒަޚަމްވި މީހުން ވަނީ ފަރުވާ ދިނުމަށް ހަސްފަތާލުތަކަށް ގެންގޮސްފައި އެވެ. އަދި، ހަމަލާތަކުގެ ސަބަބުން މުދަލަށް ގެއްލުންތަކެއް ލިބުނުކަމަށް ރިޕޯޓުކޮށްފައިވީ ނަމަވެސް، ލިބުނު ގެއްލުމުގެ މިންވަރު ސާފުކޮށްދީފައި ނުވެ އެވެ. ނަމަވެސް، އެއް ސައުދިޔާ އެއާލައިންސްގެ މަތިންދާބޯޓެއްގައި ރޯވެ، އެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ހަމަލާތަކުގެ ޒިންމާ އުފުލަންޖެހޭނީ ހޫޘީން ކަމަށް އެ އެޖެންސީން ހާމަކޮށްފައި ނުވި ނަމަވެސް، ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި، ދެކުނުގައި އޮންނަ ނަޖްރާން އެއާޕޯޓަށާއި، އަދި ހުޅަނގު ދެކުނުގައި އޮންނަ ޚަމީސް މުޝައިޠުގައި ހުންނަ ވައިގެ މަރުކަޒަށް އަމާޒުކޮށް ބެލިސްޓިކް އަދި ކްރޫޒް މިސައިލް ހަމަލާތަކެއް ދީފައިވާނެކަމަށް ބުރާސްފަތި ދުވަހު ހޫޘީން ވަނީ ބުނެފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











