ހޫޘީންގެ ތިން މިސައިލް ޕްލެޓްފޯމެއް ސައުދީ އިއްތިހާދުން ނައްތާލައިފި
9 އޮކްޓޯބަރު 2026 | ހުކުރު 09:46ޔަމަނުގެ ސަރުކާރަށް ތާއީދުކުރާ ސައުދީ އިއްތިހާދުން ހޫޘީންގެ ހަމަލާތަކަށް ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައިވާއިރު، 2022 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުމަށްފަހު އަލުން ވަނީ ހަމަނުޖެހުންތައް ބޮޑުވެފައި. މި ހަނގުރާމައިގައި ހޫޘީން ސައުދީގެ ސަރަހައްދުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންދާތީ، ހޫޘީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް މިނިވަންކުރުމަށް 'ޑޯން އޮފް ޔަމަން' ގެ ނަމުގައި ސަރުކާރު ފައުޖުތަކުން މިހާރު ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައި


ސައުދީ އަރަބިއްޔާ އިސްވެ އޮންނަ ކޯލިޝަން ފައުޖުތަކުން ދިން ވައިގެ ހަމަލާތަކާ ގުޅިގެން، ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ ސަރަހައްދަކުން ދުން އަރަމުންދަނީ | އަނަދޮލު އޭޖެންސީ
ސަރަހައްދީ ސަލާމަތަށް ނުރައްކާކުރުމަށް ހޫޘީ ޖަމާއަތުން ބޭނުންކުރާ ތިން މިސައިލް ލޯންޗް ޕްލެޓްފޯމެއް ނައްތާލާފައިވާނެ ކަމަށް، ޔަމަނުގައި ހަރަކާތްތެރިވާ ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން ހުކުރު ދުވަހު ބުނެފި އެވެ.
"އާންމުންނާއި އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ހޫޘީން ދޭ ހަމަލާތަކަށް ހަރުކަށި ރައްދެއް ދެވޭނެ،" ހޫޘީންނަށް އިންޒާރު ދެއްވަމުން އިއްތިހާދުގެ ތަރުޖަމާނު ތުރްކީ އަލް-މާލިކީ ވިދާޅުވި އެވެ. 2014 ވަނަ އަހަރު ހޫޘީން ޔަމަނުގެ ވެރިރަށް ޞަންޢާއާއި ބައެއް ޕްރޮވިންސްތައް ހިފުމާ ގުޅިގެން އެ ޤައުމު ވަނީ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފަ އެވެ. އަދި, މިއާއެކު ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރަށް ތާއީދުކުރުމުގެ ގޮތުން 2015 ވަނަ އަހަރު ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އިއްތިހާދުން ވަނީ ޔަމަނުގެ މަސްރަހުގެ ތެރެއަށް ވަދެފަ އެވެ.
2022 ވަނަ އަހަރު ވެވުނު އެއްބަސްވުމަށްފަހު ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށްފަހު، މިދިޔަ ޖުލައި މަހު އަލުން ހަނގުރާމަ ވަނީ ފެށިފަ އެވެ. މި ގޮތުން، މި ހަމަނުޖެހުންތަކުގެ އަސަރު އަވައްޓެރި ސައުދީ އަރަބިއްޔާއަށް ފޯރާފައިވާއިރު، ހޫޘީން ވަނީ ސައުދީ އަރަބިއްޔާގެ ސަރަހައްދުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފަ އެވެ.
ހޫޘީންގެ ބާރުގެ ދަށުގައިވާ ހުރިހާ ސަރަހައްދެއް އަނބުރާ ހޯދުމަށް 'ޑޯން އޮފް ޔަމަން' ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފެށިކަން ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން މި ހަފުތާގައި ވަނީ އިއުލާނުކޮށްފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











