Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ސެޕްޓެންބަރަށް ފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފުޅާވެގެން މި އުޅެނީ ކީއްވެ؟

9 އޮކްޓޯބަރު 2026 | ހުކުރު 08:51

ޔޫކްރެއިނާއި ރަޝިޔާގެ ހަމަލާތައް ވަރުގަދަވެ، ދެ ގައުމުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން. މި ނުތަނަވަސްކަމުގެ ތެރެއިން، ރަޝިޔާގެ ކަލިނިންގްރާދް ސަރަހައްދަށް ނޭޓޯއިން ނުފޫޒު ފޯރުވަން އުޅޭނަމަ ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެ ކަމުގެ އިންޒާރު މޮސްކޯއިން ވަނީ ދީފައި. ނޭޓޯއިން ވަނީ މި އިންޒާރުތައް ކުށްވެރިކޮށް، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 9 އޮކްޓޯބަރު 2026 | ހުކުރު 08:51

ރަޝިޔާގެ ހަކަތައާއި އުމްރާނީ ވަސީލަތްތަކަށް ޔޫކްރެއިނުން ދެމުންދާ ހަމަލާތަކުގައި ލިބިފައިވާ ގެއްލުންތައް ފެންނަ ވީޑިއޯއެއް ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީ އާންމުކުރައްވާފައި | އެކްސް/ޒެލެންސްކީ

ނިމިދިޔަ ސެޕްޓެންބަރު މަހުގެ ކުރީކޮޅުން ފެށިގެން ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމަ އިތުރަށް ހޫނުވެ، ދެފަރާތުން ދޭ ހަމަލާތަކުގެ އަދަދާއި ފުޅާމިން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ރޭލު ދަތުރުފަތުރުގެ ވިއުގައާއި، ބްރިޖުތަކާއި، ބަނދަރުތަކުގެ އުމްރާނީ ވަސީލަތްތަކުގެ އިތުރުން ކަރަންޓު ފޯރުކޮށްދޭ މަރުކަޒުތަކާއި ދަތުރުފަތުރުގެ ހަބުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުކޮށްފަ އެވެ. މީގެ ތެރޭގައި ޕޮލެންޑުގެ ބޯޑަރާ ކައިރީގައިވާ ސަރަހައްދުތަކާއި ވެރިރަށް ކީވްގައިވާ ތަންތަން ހިމެނެ އެވެ.

އަނެއްކޮޅުން ޔޫކްރެއިނުން ވެސް ވަނީ ރަޝިޔާގެ އެތެރެއަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފަ އެވެ. މީގެ ތެރޭގައި ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި، ތެލުގެ ވަސީލަތްތަކުގެ އިތުރުން އަސްކަރީ ވައިގެ މަރުކަޒުތަކާއި ވައިގެ ދިފާއީ ނިޒާމުތައް ހިމެނެ އެވެ. އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ގަސްދުގައި ހަމަލާދޭކަމަށް ދެ ޤައުމުން ވެސް އިންކާރުކުރެ އެވެ. ދެ ފަރާތުން ވެސް ބުނަމުން ދަނީ އެ ޤައުމުތަކުގެ ހަމަލާތައް އަމާޒުކުރަނީ އަސްކަރީ ތަންތަނަށް ނުވަތަ އަސްކަރީ ހަރަކާތްތަކާ ގުޅުންހުރި ވަސީލަތްތަކަށް ކަމަށެވެ.

Advertisement - worldAdvertisement

މި ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޚާއްސަކޮށް ބޮލްޓިކް ކަނޑުގެ ސަރަހައްދުގައި ރަޝިޔާއާއި ނޭޓޯއާ ދެމެދު އޮތް ނުތަނަވަސްކަން ވެސް ވަނީ ބޮޑުވެފަ އެވެ. ރަޝިޔާއާ ވަކިން ހުޅަނގުގައި އޮންނަ ކަލިނިންގްރާދް ސަރަހައްދު އެކަހެރިކޮށްލަން ނޭޓޯއިން މަސައްކަތްކޮށްފިނަމަ، ނިއުކްލިއާ ހަތިޔާރު ހިމެނޭ ގޮތަށް ރަޝިޔާގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް ބޭނުންކުރަން ތައްޔާރަށް އޮތްކަމުގެ އިންޒާރު މޮސްކޯއިން ވަނީ ނޭޓޯއަށް ދީފަ އެވެ.

ޔޫކްރެއިނަށް އަމާޒުކޮށް ރަޝިޔާއިން ދޭ ހަމަލާތައް އިތުރުވުން

ސެޕްޓެންބަރު މަހުގެ ކުރީކޮޅުން ފެށިގެން ރަޝިޔާއިން ޔޫކްރެއިނަށް ދިން ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ، ޒަޚަމްވެފައިވާ ކަމަށް ޔޫކްރެއިންގެ ސްޓޭޓް އިމަޖެންސީ ސާވިސް ހިމެނޭ ގޮތަށް އެކި ފަރާތްތަކުގެ ރިޕޯޓުތަކުން ބުނެ އެވެ. މި ހަމަލާތަކުގައި އެކި ސަރަހައްދުތަކުގެ އުމްރާނީ ވަސީލަތްތަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ހަމަލާތަކުގެ އަމާޒުތަކުގެ ތެރޭގައި، ސެޕްޓެންބަރު 6 ވަނަ ދުވަހު ރުމޭނިޔާއާ ގުޅޭ ބޯޑަރު ޗެކްޕޮއިންޓަކަށް ދިން ހަމަލާއާއި، ސެޕްޓެންބަރު 8 ވަނަ ދުވަހު ޔޫކްރެއިންގެ 'ޔުނައިޓެޑް ނިއުސް' ޓެލެތޯންގެ ބައެއް ކަމަށްވާ މައި-ޔޫކްރެއިނާ ޓީވީ ޗެނަލްގެ އިމާރާތަށް ދިން ހަމަލާ ހިމެނެ އެވެ. އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނާ ކީވްއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅާ ދިމާކޮށް، ވެރިރަށާ ކައިރީގައިވާ އެއާޕޯޓުތަކަށް ރަޝިޔާއިން "ދެއްކުންތެރިކަމުގެ ހަމަލާތަކެއް" ދީފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮދޮމީރް ޒެލެންސްކީ ވަނީ ތުހުމަތުކުރައްވާފަ އެވެ.

ސެޕްޓެންބަރު 6 ވަނަ ދުވަހު ވިޓްކޮފް އަދި ކުޝްނާ ކުރެއްވި ދަތުރުފުޅަކީ، އެމެރިކާ މެދުވެރިއަކަށް ވެގެން މޮސްކޯއާއި ކީވްއާ ދެމެދު ސުލްހައިގެ މަޝްވަރާތައް ފެށި ފަހުން އެ ބޭފުޅުން ޔޫކްރެއިނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ކީވްގެ އިތުރުން ޔޫކްރެއިންގެ އެހެން ސަރަހައްދުތަކަށް ވެސް ރަޝިޔާއިން ވަނީ ވައިގެ ހަމަލާތައް ދީފަ އެވެ. މި ގޮތުން، ދެކުނުގެ އޮދެއްސާ ސަރަހައްދުގެ އުމްރާނީ ވަސީލަތްތަކަށާއި ޔޫކްރެއިންގެ ބަނދަރުތަކާ ކައިރިކުރަމުންދިޔަ އުޅަނދުތަކަށް ވަނީ ހަމަލާދީފަ އެވެ.

ސެޕްޓެންބަރު 12 ވަނަ ދުވަހު އޮދެއްސާ ސަރަހައްދަށް ރަޝިޔާއިން ދިން ހަމަލާތަކާ ގުޅިގެން ގާތްގަނޑަކަށް 48 މީހުން ޒަޚަމްވެފައިވާ ކަމަށް ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. ޒެލެންސްކީ ވިދާޅުވީ، ޗޮރްނޮމޮރްސްކް ބަނދަރުމަތީ ރަށުގައި ހުރި ހޮޓަލަކަށް ވެސް ހަމަލާތައް އަމާޒުވި ކަމަށެވެ.

އަނެއްކޮޅުން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ރޭގަނޑު ދިން ހަމަލާތަކުގައި ޗޮރްނޮމޮރްސްކް ބަނދަރުގައި "އަސްކަރީ ސާމާނު ބޭލުމަށާއި ރައްކާކުރުމަށް ބޭނުންކުރާ" އުމްރާނީ ވަސީލަތްތަކަށާއި، މުދާ އުފުލާ ދެ އުޅަނދަކަށާއި ކަނޑުގައި ދުއްވާ ޓަގު ބޯޓަކަށް ހަމަލާދީފައިވާ ކަމަށެވެ. ރަޝިޔާގެ ހަމަލާތައް ރޭލު ދަތުރުފަތުރުގެ އުމްރާނީ ވަސީލަތްތަކަށް ވެސް އަމާޒުކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާ ހިނގާފައި ވަނީ ސެޕްޓެންބަރު 14 ވަނަ ދުވަހު އެވެ. އެ ދުވަހު ވޯސޯއަށް ދަތުރުކުރަމުންދިޔަ ރޭލަކަށް ޔޫކްރެއިނާއި ޕޮލެންޑު ގުޅޭ ބޯޑަރު ކައިރިން ވޮލީން ސަރަހައްދުގައި ވަނީ ޑްރޯން ހަމަލާއެއް ދީފަ އެވެ.

ޔޫކްރެއިނުން ބުނީ ރަޝިޔާގެ ޑްރޯން ހަމަލާ އަމާޒުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އަދި ވިލާތުގެ އެހެނިހެން އޮފިޝަލުން ދަތުރުކުރެއްވި ޑިޕްލޮމެޓިކް ރޭލަކަށް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް، ހަމަލާ ދިނުމުގެ ކުރިން އެ ރޭލު ވަނީ ސްޓޭޝަނުން ފުރާފަ އެވެ. އެ ދުވަހު މޮސްކޯއިން ބުނީ، "ވިލާތުގެ ޤައުމުތަކުން އަސްކަރީ މުދާ އުފުލުމަށް ބޭނުންކުރާ" ޔޫކްރެއިންގެ ހުޅަނގުގެ ރޭލްވޭ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުން ކުރިއަށްގެންދާ ކަމަށެވެ.

ހުޅަނގުގެ އެހީއާއެކު ރަޝިޔާގެ ރަށްތަކަށް ޔޫކްރެއިނުން ދެމުންދާ ހަމަލާތައް

މި މުއްދަތުގެ ތެރޭގައި ޔޫކްރެއިނުން ރަޝިޔާއަށް، ޚާއްސަކޮށް ހަކަތައިގެ ދާއިރާއަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށް ރަޝިޔާއިން ވަނީ ރިޕޯޓުކޮށްފަ އެވެ. ރަޝިޔާގެ ލޮޖިސްޓިކްސް މަރުކަޒުތަކަށް މެދުކެނޑުމެއްނެތި ހަމަލާތައް އަމާޒުކުރަމުންދާ ކަމަށް ސަރަހައްދީ އިދާރާތަކުން ރިޕޯޓުކޮށްފައިވެ އެވެ. މީގެ ތެރޭގައި ސެޕްޓެންބަރު 11 ވަނަ ދުވަހު އޮންލައިން ވިޔަފާރި ކުންފުނި އޮޒޯންގެ އިމާރާތްތަކަށް ދިން ޑްރޯން ހަމަލާއެއް ހިމެނެ އެވެ.

ޖުލައި މަހުގެ މެދުތެރޭގައި ފެށި އަސްކަރީ ކެމްޕޭނެއްގެ ދަށުން، ޔޫކްރެއިނުން ވަނީ ރަޝިޔާގެ ލޮޖިސްޓިކްސް މަރުކަޒުތަކަށް ދޭ ޑްރޯން ހަމަލާތައް ވަރުގަދަކޮށްފަ އެވެ. މި ހަމަލާތައް މިހާރު ވަނީ ރަޝިޔާގެ އެކި ސަރަހައްދުތަކަށް ފުޅާކޮށްފަ އެވެ. ޖުލައި މަހުން ފެށިގެން، ޔޫކްރެއިނުން ވަނީ ޑްރޯން ބޭނުންކޮށްގެން ރަޝިޔާގެ އެންމެ ބޮޑު އީ-ކޮމާސް ކުންފުނި ކަމަށްވާ ވައިލްޑްބެރީސްގެ އެކި ސަރަހައްދުތަކުގައިވާ ލޮޖިސްޓިކްސް މަރުކަޒުތަކަށް ހަމަލާތައް އަމާޒުކޮށްފަ އެވެ. އަދި، އޮގަސްޓު މަހުން ފެށިގެން މި ހަމަލާތައް ވަނީ އޮޒޯން ކުންފުނީގެ މަރުކަޒުތަކަށް ވެސް ފުޅާކޮށްފަ އެވެ.

ކީވްއިން ތުހުމަތުކުރާ ގޮތުގައި މި ދެ ކުންފުންޏަކީ ވެސް ރަޝިޔާގެ އަސްކަރީ ސަޕްލައި ޗެއިންގައި ދައުރެއް އަދާކުރާ ދެ ކުންފުންޏެވެ. ނަމަވެސް މޮސްކޯއާއި އެ ދެ ކުންފުނިން ބުނަމުން ދަނީ އެއީ ހަމައެކަނި ވިޔަފާރީގެ ބޭނުމަށް ހުރި ތަންތަން ކަމަށެވެ. ޔޫކްރެއިންގެ ހަމަލާތައް ރަޝިޔާގެ އެކި ސަރަހައްދުތަކުގައިވާ ހަކަތަ އުފައްދާ މަރުކަޒުތަކަށް ވެސް ދަނީ އަމާޒުކުރަމުންނެވެ. މީގެ ތެރޭގައި ދެކުނުގެ ކްރަސްނޮދަރް ސަރަހައްދުގައިވާ ނޮވޮރޮސިސްކް ތެޔޮ ޓާމިނަލާއި ހުޅަނގު އުތުރު ލިނިންގްރާދް ސަރަހައްދުގެ އުސްތު-ލޫގާ ބަނދަރުގައިވާ ވަސީލަތްތައް ހިމެނެ އެވެ.

މެދުކެނޑުމެއްނެތި ދެމުންދާ މި ހަމަލާތަކުގެ ސަބަބުން، ތެޔޮ ސާފުކުރާ ކާރުޚާނާތައް ހިންގުމަށް ރަޝިޔާއަށް އޮތް ގާބިލުކަމަށް ވަނީ ހުރަސްއެޅިފަ އެވެ. މިއަށް ރައްދު ދިނުމުގެ ގޮތުން ރަޝިޔާއިން ވަނީ ޖުލައި މަހު ޑީސަލް އެކްސްޕޯޓުކުރުން ކޮންޓްރޯލްކޮށް، އެ ފިޔަވަޅު ސެޕްޓެންބަރު މަހުގެ ނިޔަލަށް ދަމަހައްޓާފަ އެވެ. މި އޮޕަރޭޝަންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެޔޮ މަދުވުމުގެ މައްސަލަ ކުރިމަތިވަމުންދާ ކަމަށް އިންޒާރުދެއްވަމުން، ރަޝިޔާގެ ޑީސަލް ސާފުކުރާ ކާރުޚާނާތަކަށް ދޭ އަސްކަރީ ހަމަލާތައް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސެޕްޓެންބަރު މަހުގެ މެދުތެރޭގައި ޒެލެންސްކީއަށް ގޮވާލައްވާފަ އެވެ.

މީގެ އިތުރުން، ސެޕްޓެންބަރު 18 އިން 20 އަށް ރަޝިޔާގައި ބޭއްވި އެ ޤައުމުގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބަށް ހުރަސްއެޅުމަށް ޔޫކްރެއިނުން މަސައްކަތްކުރި ކަމަށް ވެސް ރަޝިޔާއިން ވަނީ ތުހުމަތުކޮށްފަ އެވެ. ރަޝިޔާއިން ބުނީ ވޯޓުލާ މަރުކަޒުތައް ހިމެނޭ ގޮތަށް އެ ސަރަހައްދުތަކުގެ އުމްރާނީ ވަސީލަތްތަކަށް ކީވްއިން ހަމަލާދިން ކަމަށެވެ. މި ތުހުމަތާ ގުޅިގެން ޔޫކްރެއިނުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކަލިނިންގްރާދްއާ ގުޅޭ ނުތަނަވަސްކަން

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އުފެދިފައިވާ ނުތަނަވަސްކަން، ރަޝިޔާގެ ކަލިނިންގްރާދް ސަރަހައްދާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާއެކު ހަނގުރާމައިގެ މައިދާނުން ބޭރުން ވެސް ދަނީ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަމުންނެވެ. އުތުރާއި އިރުމަތިން ލިތުއޭނިޔާ، ދެކުނުން ޕޮލެންޑް، އަދި ހުޅަނގާއި ހުޅަނގު އުތުރުން ބޮލްޓިކް ކަނޑާ ގުޅިފައިވާ ރަޝިޔާގެ ވަކިން އޮންނަ ސަރަހައްދެއް ކަމަށްވާ ކަލިނިންގްރާދްއަށް މީޑިއާގެ ސަމާލުކަން ހުއްޓިފައި ވަނީ، އެ ސަރަހައްދު ދިފާއުކުރުމަށް ޓަކައި ނިއުކްލިއާ ހަތިޔާރު ހިމެނޭ ގޮތަށް ރަޝިޔާގެ އަތުގައި ހުރި "ހުރިހާ ހަތިޔާރެއް" ބޭނުންކުރާނެ ކަމަށް ވިލާތުގައި ހުރި ރަޝިޔާގެ ބައެއް ޑިޕްލޮމެޓިކް މިޝަންތަކުން އިންޒާރު ދިނުމާ ގުޅިގެންނެވެ.

"ކަލިނިންގްރާދް ބަންދުކުރުމަށް ނުވަތަ ހަމަލާދިނުމަށް ވަކާލާތުކުރާ ފަރާތްތަކުން، އޭގެ ނަތީޖާއާ މެދު އެއްވެސް އޮޅުމެއް ބާއްވައިގެން ނުވާނެ. ރަޝިޔާގެ ސަރަހައްދަކާ ދެކޮޅަށް އިނގިރޭސިވިލާތުން ނުވަތަ ނޭޓޯއިން ހިންގާ ކޮންމެ އަސްކަރީ ހަރަކާތަކަށް، ނިއުކްލިއާ ހަތިޔާރު ހިމެނޭ ގޮތަށް ރަޝިޔާގެ އަތުގައި ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ރައްދުދެވޭނެ،" ސެޕްޓެންބަރު 29 ވަނަ ދުވަހު އިނގިރޭސިވިލާތުގައި ހުންނަ ރަޝިޔާގެ އެމްބަސީން ބުންޏެވެ.

ހުސްވި ހަފުތާގައި މޮސްކޯގައި ބޭއްވި ވަލްދާއީ ޑިސްކަޝަން ކްލަބްގެ ބައްދަލުވުމެއްގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވެސް ވިދާޅުވީ، ރަޝިޔާއަށް ސީދާ ހަމަލާއެއް ދީފިނަމަ ނުވަތަ އެކަހެރިކޮށް އޮންނަ އެ ސަރަހައްދު ހިފަން އުޅެފިނަމަ، "މޮސްކޯގެ އަތުގައި ހުރި ހުރިހާ ހަތިޔާރަކާއި ވަސީލަތެއް" ބޭނުންކުރުމުގެ މައްސަލަ ޔަގީނުން ވެސް ފެންމަތިވާނެ ކަމަށެވެ. ޕުޓިން މިހެން ވިދާޅުވީ، ކަލިނިންގްރާދް ސަރަހައްދާ ގުޅޭގޮތުން މޮސްކޯގެ ސްޓޭންޑް ތަކުރާރުކޮށް ނޭޓޯއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުތޭ އެ ސިޓީގެ ތަފުސީލުތައް ހާމަނުކުރެއްވި ނަމަވެސް، ސެޕްޓެންބަރު 30 ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އެ އިއްތިހާދުން ރަޝިޔާގެ ސިޓީއަށް ޖަވާބުދީފައިވާނެ ކަމަށެވެ. "އަޅުގަނޑުމެންނަކީ ދިފާއީ އިއްތިހާދެއް،" ރަޝިޔާއިން ދެމުންދާ "ނިއުކްލިއާ އިންޒާރުތައް ހުއްޓާލުމަށާއި"، އަދި "ޔޫކްރެއިންގެ ހަނގުރާމަ ހުއްޓާލުމަށް" ގޮވާލައްވަމުން އޭނާ ވިދާޅުވި އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ރަޝިޔާ-ޔޫކްރެއިންވުލެޑިމިއަރ ޒެލެންސްކީވްލަޑިމިއަރ ޕުޓިން

އެންމެ ހިނގާ

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2026

އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން

09 އޮކްޓޯބަރު 2026
އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން
09 އޮކްޓޯބަރު 2026

ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!

09 އޮކްޓޯބަރު 2026
ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!
08 އޮކްޓޯބަރު 2026

އެއްކޮޅުން ޔޫކްރެއިނަށް ހަތިޔާރު ވިއްކަނީ، އަނެއްކޮޅުން ރަޝިޔާއާއެކު ގޭސް ޑީލެއް ހަދަން މަޝްވަރާކުރަނީ!

08 އޮކްޓޯބަރު 2026
އެއްކޮޅުން ޔޫކްރެއިނަށް ހަތިޔާރު ވިއްކަނީ، އަނެއްކޮޅުން ރަޝިޔާއާއެކު ގޭސް ޑީލެއް ހަދަން މަޝްވަރާކުރަނީ!
07 އޮކްޓޯބަރު 2026

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށަށް ވަރުގަދަ ހަމަލާތަކެއް، އަށް މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް

07 އޮކްޓޯބަރު 2026
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށަށް ވަރުގަދަ ހަމަލާތަކެއް، އަށް މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް
06 އޮކްޓޯބަރު 2026

ޓްރަމްޕް ވިދާޅުވީ ތެލުގެ އަގު ބޮޑުވަނީ ޑިމޮކްރެޓުންނާއި ޔޫކްރެއިނުގެ ސަބަބުން ކަމަށް!

06 އޮކްޓޯބަރު 2026
ޓްރަމްޕް ވިދާޅުވީ ތެލުގެ އަގު ބޮޑުވަނީ ޑިމޮކްރެޓުންނާއި ޔޫކްރެއިނުގެ ސަބަބުން ކަމަށް!
05 އޮކްޓޯބަރު 2026

ރަޝިޔާއާއި އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާން ޔޫކްރެއިނުން އެއްބަސްވެއްޖެ

05 އޮކްޓޯބަރު 2026
ރަޝިޔާއާއި އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާން ޔޫކްރެއިނުން އެއްބަސްވެއްޖެ
04 އޮކްޓޯބަރު 2026

ވަރުގަދަ ހަމަލާތަކަކަށް ތައްޔާރުވަމުންދާތީ، ކީވްއިން ފޭބުމަށް ބޭރުގެ ޑިޕްލޮމެޓުންނަށް ރަޝިޔާއިން ގޮވާލައިފި

04 އޮކްޓޯބަރު 2026
ވަރުގަދަ ހަމަލާތަކަކަށް ތައްޔާރުވަމުންދާތީ، ކީވްއިން ފޭބުމަށް ބޭރުގެ ޑިޕްލޮމެޓުންނަށް ރަޝިޔާއިން ގޮވާލައިފި
24 ސެޕްޓެމްބަރު 2026

ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި

24 ސެޕްޓެމްބަރު 2026
ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި
21 ސެޕްޓެމްބަރު 2026

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

21 ސެޕްޓެމްބަރު 2026
ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'
19 ސެޕްޓެމްބަރު 2026

ޔޫކްރެއިނުން ދަނީ ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއަޅައި އިންތިޚާބަށް ނުފޫޒު ފޯރުވަމުން: ޕުޓިން

19 ސެޕްޓެމްބަރު 2026
ޔޫކްރެއިނުން ދަނީ ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއަޅައި އިންތިޚާބަށް ނުފޫޒު ފޯރުވަމުން: ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް