ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!
9 އޮކްޓޯބަރު 2026 | ހުކުރު 04:14ތުރުކުމެނިސްތާނުގައި ރަޝިޔާގެ ރައީސް ޕުޓިންއާ ބައްދަލުކުރައްވައި، އިގުތިސާދީ އަދި އިސްތިރާޖީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އީރާނުގެ ރައީސް ޕީޒިޝްކިއާން މަޝްވަރާކުރައްވައިފި. މި ބައްދަލުވުމުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމަށް އެއްބަސްވިއިރު، އެމެރިކާއާއެކު ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާތައް ހުއްޓާނުލާނެ ކަމަށް އީރާނުން ވަނީ ހާމަކޮށްފައި


އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިއާން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ބައްދަލުކުރައްވަނީ | ގެޓީ އިމޭޖަސް
ހަނގުރާމަ ނިމުމަކަށް ގެނެސް، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އަމާޒުކޮށް އީރާނާއި އެމެރިކާއިން އާ ހުށަހެޅުންތަކެއް ބަދަލުކޮށްފައިވާ ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިއާން ހާމަކުރައްވައިފި އެވެ. އޭނާ މި ކަން ހާމަކުރެއްވީ، އީރާނާއި ރަޝިޔާއާ ދެމެދުގައި އިގުތިސާދީ އަދި އިސްތިރާޖީ ގުޅުން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބުރާސްފަތި ދުވަހު ތުރުކުމެނިސްތާނުގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ ކޮމަންވެލްތު އޮފް އިންޑިޕެންޑެންޓް ސްޓޭޓްސްގެ (ސީއައިއެސް) ލީޑަރުންގެ ސަމިޓާއި ކެސްޕިއަން ކަނޑުގެ ތިމާވެށީގެ ސަމިޓުގެ ހަވާސާގައެވެ.
މި ދެ ލީޑަރުން ވަނީ ދެ ޤައުމުގެ ގުޅުމަށް އައިސްފައިވާ ކުރިއެރުންތައް މުރާޖާކުރައްވައި، ހަކަތައާއި، ދަނޑުވެރިކަމާއި، ދަތުރުފަތުރު އަދި ވިޔަފާރި ފަދަ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާކުރައްވާފަ އެވެ. ހަމަމިއާއެކު، ގުޅިގެން ހިންގާ މަޝްރޫއުތައް ނިންމުން އަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ޤައުމީ މަސްލަހަތާއި ސަރަހައްދީ ހަމަޖެހުމާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ އެއްބާރުލުން ފުޅާކުރުމަށް ދެ ބޭފުޅުން ވަނީ އަލުން ކަށަވަރުކޮށްދެއްވާފަ އެވެ.
ހަނގުރާމަ ހިނގަމުންދިޔަ ނަމަވެސް، އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތައް އީރާނުން ދޫކޮށްނުލާނެ ކަމަށް ޕީޒިޝްކިއާން ވިދާޅުވީ އީރާނިއަން ސްޓޫޑެންޓްސް ނޫސް އޭޖެންސީން (އިސްނާ) އަށް ދެއްވި އިންޓަވިއުއެއްގަ އެވެ. "އަޅުގަނޑުމެން މި ތިބީ މަޝްވަރާތަކުގައި، ނަމަވެސް ކޮންމެ ފަހަރަކު އެމެރިކާއާ ވާހަކަދެއްކުމުން، އެ މީހުން އަނެއްކާވެސް ހަމަލާދޭ،" އޭނާ ވިދާޅުވި އެވެ. "ނަމަވެސް، މަޝްވަރާގެ މޭޒާއި ވާހަކަދެއްކުންތައް އަޅުގަނޑުމެން ދޫކޮށްނުލާނަން."
ތަހެރާނުން ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށާއި، ވޮޝިންގޓަނުން ވެސް އާ ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށް ޕީޒިޝްކިއާން ވިދާޅުވި އެވެ. "މި ހުށަހެޅުންތަކަށް އަޅުގަނޑުމެން ގެންނަންޖެހޭ ބަދަލުތައް ގެނެސްފިން. އެ ކަންކަން ނިމުމުން، މިހާރު ތިބި މެދުވެރިން މެދުވެރިކޮށް އަޅުގަނޑުމެން އިށީނދެ އެ ކަންކަން އެއްކުރަން ހަމަޖެހިފައިވޭ،" އޭނާ ވިދާޅުވި އެވެ.
ސަރަހައްދީ މައްސަލަތަކާއި އދ. ގައި ރަޝިޔާއިން ގެންގުޅޭ ވިސްނުންތަކަށް ޕީޒިޝްކިއާން ޝުކުރު އަދާކުރައްވައި ވިދާޅުވީ، އެއް ފަރާތަކަށް ޖެހިގެން ކަންކަން ކުރުމާ ދެކޮޅަށް މަސައްކަތްކުރުމަށް މޮސްކޯއިން އެހީތެރިވެދީފައިވާ ކަމަށެވެ. އަދި, ތަހެރާނާއި މޮސްކޯއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، "ބާރުމިނާއި ވަރުގަދަކަމާއެކު" ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ގޮތުން، މިހާރު އޮތް ހާލަތަކީ އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އީރާނުގެ ރައްޔިތުންގެ ހައްގުތަކަށް އިހްތިރާމްކުރާކަން ކަށަވަރުކުރުމާއެކު، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ތަހެރާނުން މަސައްކަތްކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ދެ ލީޑަރުން އެންމެ ފަހުން ބައްދަލުކުރައްވާފައި ވަނީ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު ކިރްގިސްތާނުގެ ބިޝްކެކްގައި އޮތް ޝަންގހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ހަވާސާގަ އެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުމާއި އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ. އެ ބައްދަލުކުރެއްވުމުގައި، އެމެރިކާއާއި އީރާނުގެ ހަނގުރާމަ މެދުކަނޑާލުމަކީ "ބިނާކުރަނިވި ކަމެއް ނޫން އަދި މާ ނާޒުކު" ކަމެއް ކަމަށް ޕުޓިން ސިފަކުރައްވައި، ތަހެރާނަށް ދެމުންދާ އެހީތެރިކަން ކުރިއަށް ގެންދާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.
އޭގެ ފަހުން، އީރާނާއި އެމެރިކާގެ މަޝްވަރާތަކާ ގުޅޭގޮތުން ޕީޒިޝްކިއާންއާއި ޕުޓިން ވަނީ ބުދަ ދުވަހު ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފަ އެވެ. މި ފޯނު ކޯލުގައި ރަޝިޔާގެ ރައީސް ވަނީ ހަމަނުޖެހުންތައް ހައްލުކުރުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކަށް އެހީތެރިވުމަށް މޮސްކޯއިން ތައްޔާރަށް އޮތްކަން ހާމަކުރައްވާފަ އެވެ.
ސީއައިއެސް ލީޑަރުންގެ ސަމިޓާއި ކެސްޕިއަން ކަނޑުގެ އައްސޭރީގައި އޮންނަ އަވާޒާ ނެޝަނަލް ޓޫރިސްޓް ޒޯންގައި ބާއްވާ ކެސްޕިއަން ސީ އެންވަޔަރަންމަންޓަލް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދެ ދުވަހުގެ ދަތުރުފުޅެއްގައި ޕުޓިން ބުރާސްފަތި ދުވަހު ވަނީ ތުރުކުމެނިސްތާނަށް ވަޑައިގަންނަވާފަ އެވެ.
ސީއައިއެސް ސަމިޓުގައި މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް ބެލެވެ އެވެ. ކެސްޕިއަން ސަމިޓުގައި އެ ސަރަހަދުގެ ފަސް ޤައުމު ކަމަށްވާ އަޒަރްބައިޖާން، އީރާން، ކަޒަކިސްތާން، ރަޝިޔާ އަދި ތުރުކުމެނިސްތާނުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި, މި ސަމިޓުގެ އެޖެންޑާގައި ކެސްޕިއަން ކަނޑުގެ ސަރަހައްދުގެ ތިމާވެއްޓާ ގުޅޭ ގޮތުން އެއްބާރުލުން ދިނުން ހިމެނެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











