ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!
12 އޮކްޓޯބަރު 2026 | ހޯމަ 18:20ރަސްމާލެ މަޝްރޫއުގެ ތަފްސީލުތައް ސިއްރުކޮށްފައިވާ ކަމަށް ބުނެ ކުރީގެ ވަޒީރު އަބްދުﷲ ޚަލީލް ކުރެއްވި ސުވާލުތަކާ ގުޅިގެން، އެ މަޝްރޫއަށް 700 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް މެންބަރު އަލީ އަޝްރަޤް ވިދާޅުވެއްޖެ


ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަޤް | ރާއްޖެއެމްވީ ގްރެފިކްސް
ރަސްމާލެ ހިއްކުމުގެ މަޝްރޫއަށް ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާކަމަށާއި، މި މަޝްރޫއު ފެށުނު އިރުވެސް ކެބިނެޓުގައި އިންނެވި ބޭފުޅަކަށް މިވަރު ނޭނގުމަކީ ދެރަ ކަމެއް ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަޤް ވިދާޅުވެއްޖެ އެވެ.
ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް އަށް 99 އަހަރަށް ދީފައިވާ މައްސަލަ އާއި ގުޅޭ ގޮތުން ރައީސް މުއިއްޒު ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޚަލީލް ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވާ އަޝްރަޤް ވިދާޅުވީ، ރަސްމާލެ ހިއްކަން ގާތްގަނޑަކަށް ޚަރަދުވާނީ 700 މިލިއަން ޑޮލަރު ކަމަށެވެ. އެއީ 10.7 ބިލިއަން ރުފިޔާ އެވެ. އަދި އެ މައުލޫމާތު ސަރުކާރުން އެތައް ފަހަރެއްގެ މަތިން އާންމުކޮށްފައިވާނެ ކަމަށެވެ.
ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުން ޚަރަދުކޮށްފައިވަނީ ކިހާ މިންވަރެއްތޯ އާއި، ރަސްމާލޭގެ ބިމާއި ވަށައިގެންވާ ފަޅުގެ އަގު ކަނޑައެޅިފައިވޭތޯ، އަދި އެއީ ކިހާވަރެއްތޯ ބެލުން މުހިންމު ކަމަށް ޚަލީލު ސުވާލު އުފައްދަވާފައިވެ އެވެ.
ކެބިނެޓުގައި އިންނެވި ބޭފުޅަކަށް މިވަރު ނޭނގުމަކީ ދެރަ ކަމެއް ކަމަށް މެންބަރު އަޝްރަޤް ވިދާޅުވުމުން، އެއަށް ރައްދު ދެއްވާ ޚަލީލު ވަނީ، އޭނާ ކެބިނެޓްގައި ހޭދަކުރެއްވި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައި ނުވާ ކަމަށާއި، މި މަޝްރޫއު "އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟ ވިދާޅުވެ، ސުވާލު އުފައްދަވާފަ އެވެ.
ރަސްމާލެ ހިއްކުމަށް މަދުވެގެން 700 މިލިޔަން ޑޮލަރު ނުވަތަ 10.7 ބިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ހައުސިންގ މިނިސްޓަރު މުއްތަލިބު ވިދާޅުވީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، ވިލިމާލެ މަގުތައް ހެދުމަށް ދިރާސާ ކުރުމަށާއި ނިލަންދޫ އެއާޕޯޓު އެޅުމަށް ބިން ހިއްކުމަށް ދިރާސާ ކުރުން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
މުއްތަލިބް އޭރު ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ފޮރުވާފައިނުވާ ކަމަށާއި، އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދު ނުކުރައްވާ ކަމަށެވެ. ފުށިދިއްގަރު ފަޅު ސަރަހައްދުގެ ގޮތުން ބަލާއިރު ބިން ހިއްކުމަކީ ވަރަށް އަގުބޮޑު މަޝްރޫއެއްކަން ފާހަގަކުރައްވައި، ބިން ހިއްކުމުގެ މަސައްކަތް ކުރުމަށްޓަކައި މަދުވެގެން 500 އާއި 700 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދަކަށް ފައިސާ ޚަރަދުވާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. ނަމަވެސް އެއީ އޭރުގެ އަންދާޒާ އެވެ.
އެހެންކަމުން 700 މިލިއަން ޚަރަދުވާނެ ކަމަށް މެންބަރު ވިދާޅުވި ނަަމަވެސް އެ އަދަދަކީ މިހާރަށް ބަލާއިރު ސައްޚަ އަދަދެއް ނޫން ކަމަށް ގިނަ ފަރާތްތަކުން ބުނެ އެވެ. ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް 8 މަސްދުވަސް ތެރޭގައި ނިންމުމަށް އަމާޒު ކަނޑައަޅާފައިވީ ނަމަވެސް، މިހާތަނަށް އެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، މިހާރު ރައްޔިތުން ދަނީ މި މަޝްރޫއަށް އަންދާޒާ ކުރެވުނު އަދަދަށްވުރެ ގިނަ ފައިސާ ޚަރަދުވާނެ ކަމަށް ބުނަމުންނެވެ.
މި މަޝްރޫއު ފުރަތަމަ ހަވާލުކުރެވުނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ. މި އެއްބަސްވުމުގެ ދަށުން ދައުލަތުގެ ބަޖެޓުން އެއްވެސް މާލީ ޚަރަދެއް ކުރުމަށް ނުވަތަ މާލީ އެހީއެއް ފޯރުކޮށްދިނުމަށް ކަނޑައެޅިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި، އެ ކުންފުންޏަށް ހުޅުމާލެއިން 10 ހެކްޓަރުގެ ބިމާއި ރަސްމާލެއިން 60 ހެކްޓަރުގެ ބިން ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް، މަޝްރޫއު ހިންގުމުގައި ދިމާވި ލަސްތަކާއި ހުރަސްތަކާ ގުޅިގެން، ފަހުން މި އެއްބަސްވުން ވަނީ ބާތިލްކުރެވިފަ އެވެ.
މި މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު ލޯނެއް ހޯދައި، ބިން ހިއްކުމުގެ މަސައްކަތް އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ)، ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ)، އަދި ސީއެޗްއީސީ ފަދަ ކުންފުނިތަކާ ހަވާލުކުރެވުނެވެ. ކުރިން އެޗްޑީސީގެ ދަށުން ހިންގަމުންދިޔަ މި މަޝްރޫއު، އަވަހަށް ނިންމުމުގެ މަގުސަދުގައި ސަރުކާރުން ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފަ އެވެ. އެމްއޭސީއެލް އިން ރަސްމާލޭގެ ސައިޓް އޭ ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ޑިސެމްބަރު 1، 2025 ގައެވެ.
ރަސްމާލެ މަޝްރޫއަކީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، އެންމެ އިސްކަމެއް ދީގެން 2023 ވަނަ އަހަރުގެ ޑިސެމްބަރު 18 ގައި ތަރައްޤީކުރަން ފެށުނު މަޝްރޫއެކެވެ. ރަސްމާލެ ތަރައްޤީ ކުރުމަށްޓަކައި، ފުށިދިއްގަރުފަޅުން ޖުމްލަ 1,153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމަވާފަ އެވެ. ރައީސް މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ބަޔާންކުރައްވާފައިވާ ގޮތުން، ރަސްމާލޭގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65,000 ހައުސިންގ ޔުނިޓު ގާއިމުކުރުމަށް ވަނީ ހަމަޖައްސަވާފަ އެވެ.
ރައްޔިތުންގެ މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އީގަލް ހިލްސް އަށް 99 އަހަރަށް ރަސްމާލޭގެ ބޮޑު ބައެއް ދިނުމެވެ. މި އަޑި ނޭނގޭ ޑީލްގެ މައުލޫމާތު ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ އަޑު ދަނީ ގަދަވަމުންނެވެ.











