ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު
12 އޮކްޓޯބަރު 2026 | ހޯމަ 11:01ރަސްމާލެ މަޝްރޫއުގެ މައުލޫމާތުތައް ސަރުކާރުން ހާމަކުރަންޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލު ފާޑުވިދާޅުވުމުން، އެކްސްގައި އާންމު ފަރާތަކުން ވަނީ ޚަލީލަށް ރައްދު ދެއްވާފަ. ނަމަވެސް ޚަލީލު ވަނީ އޭނާ ކެބިނެޓުގައި ހުންނެވިއިރުވެސް އެ މަޝްރޫއުގެ އެއްވެސް ތަފްސީލެއް ހިއްސާކޮށްފައި ނުވާކަމަށް ވިދާޅުވެ، އެކަމުގެ ސިއްރިޔާތާ މެދު ސުވާލު އުފައްދަވާފައި


ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު | ރާއްޖެ އެމްވީ
އޭނާ ކެބިނެޓްގައި ހޭދަކުރެއްވި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައި ނުވާ ކަމަށާއި، މި މަޝްރޫއު "އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟ ވިދާޅުވެ، ކުރީގެ ފޮރިންގ މިނިސްޓަރ އަބްދުﷲ ޚަލީލު ސުވާލު އުފައްދަވައިފި އެވެ.
ޚަލީލު މިހެން ވިދާޅުވީ، ރަސްމާލޭ މަޝްރޫއާ ގުޅޭގޮތުން އޭނާ ކުރިން ހިއްސާކުރި މައުލޫމާތަކަށް އެކްސްގައި މީހަކު ހިއްސާކުރި މައުލޫމާތުތަކަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން އަޝްރަޤް ނަމަކަށް ކިޔާ އެކްސް އެކައުންޓަކުން، ޚަލީލުގެ ކުރީގެ ޕޯސްޓަށް ރައްދުދީ ބުނެފައިވަނީ، ރަސްމާލެ ހިއްކުމަށް ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ހަރަދުވާކަމަށާއި، މި މަޝްރޫއު ފެށި އިރުވެސް ކެބިނެޓުގައި އިންނެވި ބޭފުޅަކަށް މިވަރު ނޭނގުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި މި މައުލޫމާތު ސަރުކާރުން އެތައް ފަހަރެއްގެ މަތިން އާންމުކޮށްފައިވާކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
އަދި، ރާއްޖޭގެ އެއްވެސް ފަޅެއް، ނޫނީ ރަށެއް ވަކިން އަގުމަގެއް ނުކުރާ ކަމަށާއި، ފަތުރުވެރިކަމާ ބެހޭ ޤާނޫނާއި ގަވާއިދުތަކުން، ރާއްޖޭގެ އެކި ހިސާބުތައް ފަތުރުވެރިކަމަށް ދޫކުރާ އަގުތަކެއް ކަނޑައެޅިފައިވާ ކަމަށްވެސް އެ ފަރާތުން ބުންޏެވެ. ސަރުކާރުން ރަށްތަކާއި ފަޅުތައް ދޫކުރަނީ މި ރޭޓުތަކުގައި ކަމަށްވެސް އެ ފަރާތުން ބުނެފައިވެ އެވެ.
އިންވެސްޓްމަންޓްތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެ ފަރާތުން ފާހަގަކުރީ ކޮންމެ އިންވެސްޓްމަންޓަކުން އަޕްފްރޮންޓް ޕޭއިމަންޓެއް ލިބޭކަށް ނުޖެހޭ ކަމަށާއި، އެކި އިންވެސްޓްމަންޓްތަކުގެ ނަފާ ކުރާނީ އެކި ގޮތަށް ކަމަށެވެ. މި މަޝްރޫއުގައި ދައުލަތަށް، ރައްޔިތުންނަށް، ވަގުތުން ވަގުތަށް ލިބޭނެ އެންމެ ބޮޑު މަންފާއަކީ 5000 ހައުސިން ޔުނިޓު ކަމަށާއި، އެއީ 500 މިލިއަނެއްހާ ޑޮލަރަށް އަރާނެ އަދަދެއް ކަމަށް އެ ފަރާތުން ބުންޏެވެ. މި ދަނޑިވަޅުގައި ސޯޝަލް ހައުސިންއަށް ބޭރުގެ އެއްވެސް ފަރާތަކުން ލޯނު ނުލިބޭއިރު 5000 ހައުސިން އަކީ މިފަދަ މަޝްރޫއެއްގެ "އަޕްފްރޮންޓް" ޕޭއިމަންޓަކަށް ކުޑަ އަދަދެއް ނޫން ކަމަށާއި، މީގެ އިތުރުން ހައުސިން ސްޓޮކް އިތުރުވުމުން ލިބޭނެ އިޤްތިސާދީ މަންފާ އަދި މިއަށްވުރެވެސް އިތުރުވާނެ ކަމަށް އެ ފަރާތުން ފާހަގަކުރި އެވެ.
ރާއްޖޭގެ ޤާނޫނުތައް އޮންނަ ގޮތުން ބިމުގެ މިލްކުވެރިކަން ދާއިމަށް ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫންކަން ބުނެ އެ ފަރާތުން ޚަލީލަށް ރައްދުދީ ލިޔެފައިވަނީ، ޚަލީލު މަޖިލީސް މެމްބަރަކަށް ހުންނެވިއިރު، އޭނާ ނިސްބަތްވާ އަތޮޅު، ފާފުއަތޮޅުގެ މިލްކުވެރިކަން ބޭރު ބަޔަކަށް ދޭން އޭނާގެ ވޯޓާއެކު ފާސްކުރި ޤާނޫނު މިހާރު ވަނީ އުވާލާފައި ކަމަށެވެ. އަދި ޤައުމަށް ފައިދާހުރި މަޝްރޫއުތަކަށް ސަރުކާރުގައި ހުއްޓަސް ނެތަސް ތާއީދުކުރަންވާނެ ކަމަށާއި، ކުރިން ހުންނެވި މަގާމުގައި ހުންނެވި ނަމަ އޭނާ މި މޭރުމުން ވާހަކަ ނުދައްކަވާނެކަން ޔަގީން ކަމަށްވެސް އެ ފަރާތުން ވަނީ ބުނެފަ އެވެ.
މި ރައްދަށް ޖަވާބު ދެއްވަމުން ޚަލީލު ވިދާޅުވީ، "އެކުވެރިޔާގެ މަޢުލޫމާތު ރަނގަޅުކޮށްލައްވާ! އަޅުގަނޑު ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު މި ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާ ކޮށްފައެއް ނެތް. އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟" މިހެންނެވެ.
އަދި އޭނާ ފާހަގަކޮށްފައިވާ ވާހަކަ އޮޅުވާ ނުލެއްވުމަށް އެދިވަޑައިގަންނަވަމުން ޚަލީލު ވިދާޅުވީ، އޭނާ ފާހަގަކޮށްފައި އެވަނީ ބޮޑެތި އިންވެސްޓްމަންޓްތައް ގެންނަން ޖެހޭ ވާހަކަ ކަމަށާއި، ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބު ދޭންޖެހޭ ވާހަކަ ކަމަށެވެ.
"ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދޭން ސަރުކާރުގެ ވެރިން އަނެއްކާ ދެކޮޅު ހައްދަވަނީތޯ؟" ޚަލީލު ސުވާލު އުފެއްދެވި އެވެ.
ޚަލީލް ކުރިން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ރަސްމާލޭގެ އިންވެސްޓްމަންޓްއާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި އަދި ހައްސާސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ގައުމާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދޭން އައްޔަންކޮށްފައި ތިބި ވެރިންގެ ހައިސިއްޔަތުން ސަރުކާރުން ކުރަންވީ ކަމަކީ، އެ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބޭނެފަދަ ޖަވާބުތަކެއް ރައްޔިތުންނަށް ދިނުން ކަމަށް ޚަލީލް ވަނީ ހާމަކުރައްވާފަ އެވެ.











