ދިވެހިރާއްޖޭގެ ތަރައްގީއަށް ފޮރިން އިންވެސްޓްމަންޓްތައް ބޭނުންވޭ، ނަމަވެސް އިންވެސްޓްމަންޓުގެ ފައިދާ ކުރަން ޖެހޭނީ ހަމައެކަނި އިންވެސްޓަރަކަށް ނޫން: މެންބަރު ކުޑޫ
12 އޮކްޓޯބަރު 2026 | ހޯމަ 13:11ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރީ ދެފުށް ފެންނަ އުސޫލަކުން ނޫން ކަމަށް ވިދާޅުވެ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކަންބޮޑުވުން ފާޅުކުރައްވައިފި. ފަލަސްތީނާ ދެކޮޅު ވިސްނުމެއް ގެންގުޅުއްވާ ބޭފުޅަކަށް ރާއްޖޭގެ އެންމެ ބޮޑު ބިން 99 އަހަރަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ ބޮޑެތި މަޝްރޫއުތަކުގެ އެއްބަސްވުންތައް ރައްޔިތުންނަށް ހާމަކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި


ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) | ރާއްޖެ އެމްވީ
ދިވެހިރާއްޖޭގެ ތަރައްގީއަށް ފޮރިން އިންވެސްޓްމަންޓްތައް ބޭނުންވާ ކަމަށާއި، ނަމަވެސް އިންވެސްޓްމަންޓުގެ ފައިދާ ކުރަން ޖެހޭނީ ހަމައެކަނި އިންވެސްޓަރަކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގޮލަޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީން ގެނެސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަދައްކަވަމުން މެންބަރު ކުޑޫ ވިދާޅުވީ، ރަސްމާލެ ތަރައްގީ ކުރަން އީގަލް ހިލްސް އާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ނުދައްކާހާ ހިނދަކު ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ދެއްކޭނެ ކަމަށެވެ.
އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ފަލަސްތީނުގެ ރައްޔިތުންނަށް ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކަށް އަލިއަޅުއްވާލަމުން މެންބަރު ކުޑޫ ވިދާޅުވީ އެންމެ ކުރީއްސުރެ ވެސް ދިވެހީންނަކީ ފަލަސްތީނުގެ ކަންކަމުގައި އަޑު އުފުލާ އުޅުނު ބައެއް ކަމަށެވެ. އަދި ދިވެހިރައްޔިތުންގެ އަތުގައި އޮތް އެއްޗެއް ފަލަސްތީނުގެ ރައްޔިތުންނަށް ދީގެން އުޅުނު ބައެއްކަން މެންބަރު ކުޑޫ ފާހަގަކުރެއްވި އެވެ.
ހިތާ ހިތުގެ ގުޅުމެއް އޮންނަ ބައެއް އެއީ ފަލަސްތީނުގެ ރައްޔިތުންނަކީ އެ ފަރާތްތަކާއި މެދުގައި އިހާނެތި ބަސް ވިދާޅުވެފައި ހުރި ބޭފުޅަކު މިއަދު އައިސް ދިވެހިރާއްޖޭގައި ރަސްމާލެ ހިއްކާފައި އޮތް 500 ހެކްޓަރުގެ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ބިން އެ ނަގަނީ 99 އަހަރަށް. މީގައި އަޅުގަނޑުމެންގެ ކަންބޮޑުވުމެއް ނެތިއްޔާ އަޅުގަނޑުމެން ގައިގައި މި ހަނގަނީ ދިވެހި ލެޔެއް ނޫންމުހައްމަދު އިބްރާހީމް (ކުޑޫ)
މެންބަރު ކުޑޫ ވަނީ އިންވެސްޓަރު ހޮވީ ކޮން އުސޫލަކުންތޯ، އާންމުކޮށް ބިޑުކޮށްގެން ކުރި ކަމެއްތޯ، އެހެން އިންވެސްޓަރުންނަށް މި ފުރުސަތު ދެވުނުތޯ، މިއަށް ވުރެ ރަނގަޅު ހުށަހެޅުމެއް އެހެން އިންވެސްޓަރެއްގެ ފަރާތުން ނުލިބޭކަން ކަށަވަރު ކުރިންތޯ އަދި އަލައްބާރަކީ ކިހާވަރެއްގެ ކާކުތޯ ބެލިންތޯ، މިއީ ރައްޔިތުން އަދި މަޖިލިސް މެންބަރުން ކުރަން ބޭނުންވާ ވަރަށް ބައިވަރު ސުވާލުކަމަށް ވިދާޅުވެފަ އެވެ. އަދި އެންމެ ރަނގަޅު ޕްރޮޕޯސަލްއަކީ މީކަން އެނގޭނީ އާންމުކޮށް ހުޅުވާލައިގެން ބިޑްކޮށްގެން ކުރީމަ ކަމަށް މެންބަރު ކުޑޫ ވިދާޅުވި އެވެ.
މީގެ އިތުރުން މެންބަރު ކުޑޫ ވިދާޅުވީ، ރަސްމާލެ މަޝްރޫއު ވެސް އީގަލް ހިލްސްއަށް ދީފައިވަނީ މި ސަރުކާރުން އާންމު ކޮށް ކަންތައް ކުރާ އުސޫލުން ބިޑް ނުކޮށް ވަކި ބަޔަކަށް ކަމަށެވެ. އަދި މިސަރުކާރުން ކުރާ ކޮންމެ ކަމެއް ވެސް ކުރަނީ ވާނުވާ ނޭނގޭ އެއްބަސްވުމެއްގައި ސޮއިކޮށްގެން ކަމަށް މެންބަރު ކުޑޫ ވިދާޅުވި އެވެ.
ހަމައެއާއެކު ކުޑޫ ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ފޮރިން އިންވެސްޓްމަންޓްތައް ބޭނުންވާ ކަމަށާއި، މިހާރު ވެސް ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓްތައް މަދު ނޫން ކަމަށެވެ. ނަމަވެސް މިފަދަ އިންވެސްޓްމަންޓްތަކުގެ ފައިދާ ކުރަން ޖެހެނީ ހަމައެކަނި އިންވެސްޓަރަކަށް ނޫން ކަމަށާއި، މީގެ ފައިދާ ދިވެހި ރައްޔިތުންނަށް ވެސް ކުރަން ޖެހޭ ކަމަށް މެންބަރު ކުޑޫ ވިދާޅުވި އެވެ.











