ރަސްމާލެ މަޝްރޫޢު: "ރައީސް މުއިއްޒާއި އޭނާގެ ވަޒީރު މުއްތަލިބުގެ އަމިއްލަ ޒާތީ މުއްސަނދިކަން އިތުރުކުރަން، ދިވެހި ދައުލަތް ޒައިނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭތަން ބަލަން ރުހިގެން ނުތިބޭނަން"
12 އޮކްޓޯބަރު 2026 | ހޯމަ 07:30ރަސްމާލެ މަޝްރޫއުގެ ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަށް ނިންމުމާ ގުޅިގެން، ގައުމީ ސަލާމަތާއި ސިޔާދަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މި މަޝްރޫއަކީ ގައުމަށް ފައިދާހުރި ކަމެއް ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ބިން ދާއިމީކޮށް ބޭރުގެ ބަޔަކަށް މިލްކުވެދާނެ ކަމުގެ ބިރު އޮތުމުން އެކަމުގެ ހަގީގަތް ހާމަކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުން


ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ | މަޖިލިސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އާއި އޭނާގެ ވަޒީރު މުއްތަލިބުގެ އަމިއްލަ ޒާތީ މުއްސަނދިކަން އިތުރުކުރަން، ދިވެހި ބިމާއި ކަނޑުފަޅާއި މުޅި ދިވެހި ދައުލަތް ޒައިނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭތަން ބަލަން ރުހިގެން ދިވެހީން ނުތިބޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށާއި، އިޤްތިސާދީ އައު ފުރުސަތުތައް ފަހިކޮށްދެއްވުމަށްޓަކައި ފަށްޓަވާފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ބުނަމުން އައި ރަސްމާލެ މަޝްރޫއާ ގުޅިގެން މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން އެތައް ބައެއްގެ ކަންބޮޑުވުންތައް ދަނީ އެކި ގޮތް ގޮތުން ހިއްސާ ކުރަމުންނެވެ.
އިމްރާން، އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ތުހުމަތު ކުރައްވާފައިވަނީ، މި މަޝްރޫއަކީ ރައީސް މުއިއްޒާއި، އެމަނިކުފާނުގެ ވަޒީރު މުއްތަލިބުގެ ޒާތީ މުއްސަނދިކަން އިތުރުކުރުމުގެ ބޭނުމަށް، ދިވެހިރާއްޖޭގެ ބިމާއި ކަނޑުފަޅާއި މުޅި ދިވެހި ދައުލަތް ޒަޔަނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދިނުމަށް މަގުފަހިކޮށްދޭނެ މަޝްރޫއެއް ގޮތަށެވެ.
މާތް اللهގެ ވާގިފުޅާއެކު އަޅުގަނޑުމެން މި ދިވެހި އުންމަތް ސަލާމަތްކުރާނަން! ރައީސް މުއިއްޒާއި އޭނާގެ ވަޒީރު މުއްތަލިބުގެ އަމިއްލަ ޒާތީ މުއްސަނދިކަން އިތުރުކުރަން، ދިވެހި ބިމާއި ކަނޑުފަޅާއި މުޅި ދިވެހި ދައުލަތް ޒައިނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭތަން ބަލަން ރުހިގެން ދިވެހީން ނުތިބޭނެ!އިމްރާން އަބްދުﷲ
ރަސްމާލޭގެ ޕްރޮޖެކްޓާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކުރައްވަމުން އިމްރާން ވިދާޅުވެފައިވަނީ، ދީނާއި ގައުމަށް ޣައްދާރުވެރިވުމުގެ ނަތީޖާ ޚުދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ވެސް ވަރަށް ހިތިވާނެ ކަމަށެވެ.
އެގޮތުން ނިއުޅެމުންދާ އަޑިނޭނގޭ ކަންކަމަށް ބަލާއިރު، ދިވެހި ޤައުމުގެ ހިމާޔަތުގައި ސިޔާސީ ފިކުރުތައް އެއްކިބާކޮށް ދިވެހި ރައްޔިތުން ތެދުވަންވީ ވަގުތު އަނެއްކާވެސް ޖެހިއްޖެ ކަމަށާއި، ދިވެހިރާއްޖޭގެ ވޭތުވެދިޔަ ދިގު ތާރީޚުގައި ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލަށް ގޮންޖެހުންތައް ކުރިމަތިވި ކޮންމެ ހިނދެއްގައިވެސް ދިވެހި ރައްޔިތުން ވަނީ އެކަންކަމާ ދެކޮޅަށް ތެދުވެ ގައުމު ހިމާޔަތްކޮށްފައިވާ ކަން އިމްރާން ފާހަގަކުރެއްވާފައިވެ އެވެ.
ކުއްލިއަކަށް ފެނިގެންދިއައީ ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް އީގަލް ހިލްސް އަށް 99 އަހަރަށް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރިތަނެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އެއީ ޤައުމަށް ފައިދާއެއް ވާން އުޅޭ ކޮންމެ ފަހަރަކު ހުރަސްއެޅުމުގެ ގޮތުން ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި މި މަޝްރޫއު ހުއްޓުވަން ކުރިމަތިކުރާ އެއްވެސް ހުރަހަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ބިން އެއްވެސް ފަރާތަކަށް މިލްކުވާކަށް ހަމަ ގައިމު ވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.
ނަމަވެސް، އިދިކޮޅު ފަރާތްތަކާއި އާންމުންގެ ކަންބޮޑުވުމަކީ އީގަލް ހިލްސްއަށް ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތަށް ކަމަށްވެފައި، މިފަދަ އެއްބަސްވުންތަކުގައި، އެ ބިން ވިއްކާލާއިރު ނުވަތަ ވާރުތަވާ ހާލަތްތަކުގައި، 99 އަހަރުގެ މުއްދަތު އަލުން އިއާދަވެގެންދިއުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މިއީ ނިމުމެއް ނެތް ދާއިމީ މުއްދަތަކަށް ބަދަލުވެގެންދާނެ ކަމަށް ބެލެވެ އެވެ. އޭރުން ދިވެހިރާއްޖޭގެ ބިމުން 5.2 މިލިއަން އަކަމީޓަރުގެ ބޮޑު ސަރަހައްދެއް، ބޭރުގެ ފަރާތަކަށް ދާއިމީ ގޮތެއްގައި މިލްކުވެގެން ދާނެ ކަމުގެ ބިރު އޮތުމެވެ. މިކަމަކީ ދިވެހި ޤައުމީ ސަލާމަތާއި ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މި އަޑި ނޭނގޭ ޑީލްގެ މައުލޫމާތު ހިއްސާ ކުރުމަށް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.










