މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"
11 އޮކްޓޯބަރު 2026 | އާދީއްތަ 09:50ރަސްމާލެ މަޝްރޫއު ބޭރުގެ ކުންފުންޏަކަށް ދިނުމަށްޓަކައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކަށް މި ލިޔުމުގައި ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ. މި މަޝްރޫއާ ގުޅިގެން ދީނީ އިލްމުވެރިންނާއި މީޑިއާތަކުން ހަނުތިބޭކަން ފާހަގަކޮށް، މުޅި ދައުލަތް ބޭރުގެ މަހުޖަނެއްގެ ނުފޫޒުގެ ދަށުވެފައިވާ ކަމަށް ލިޔުންތެރިޔާ ތުހުމަތުކުރޭ


އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު | ސޯޝަލް މީޑިއާ
އަނެއްކާވެސް މިއޮތީވާ މަޖާ ކަމަކާ ދިމާވެފައެވެ. އިހުތިބީންނަށް ފެނިފައި ނުވިއަސް އަދު ތިބީން މިއަދު މިމަންޒަރުތައް އެދަނީ ގާތުން ބަލަމުންނެވެ. ފަހުން އަންނާން ތިބި މީހުން މިކަންކަމުގެ ވާހަކަތަކާއި ފޮޓޯ ވީޑިއޯވެސް ބަލާނެ އެވެ.
ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ޚަޒާނާ ހުސްކޮށްލައިގެން ހިއްކި ރަސްމާލެއޭ ކިޔާ ފަސްގަނޑު ބޭރުބަޔަކަށް ނުދެވިގެން މުޅި ސަރުކާރު ތެޅިފޮޅެނީ އެވެ. ދައުލަތް ހިންގުމުގެ ބާރުން ރެއާ ދުވާލު އެމަސައްކަތުގަ އެވެ. އެކަމުގެ ހެވާއި ލާބަ ކިޔައި ދެވޭތޯ ހުރިހާ ވަޒީރުން އެތިއްބެވީ އަތްމައްޗަށް ފޯނު ނަގައިގެން ސޯޝަލް މީޑިޔާގައި ލިޔެލަ ލިޔެލަ އެވެ. ދެއިރު ދެދަޅައަށް ޓީވީ ތަކަށް އަރުއްވައިގެންވެސް އެދައްކަވަނީ އެވާހަކަ އެވެ. އެއްބަޔަކު ރައްޔިތުންނަށް މޮޅުގޮތް ވިސްނައިދޭން ހެދުނުހާއެއްޗެއް ހަދަން އުޅޭއިރު ދެންތިބި މީހުން އެއުޅެނީ އެކަން ކުރެވޭނެ ގޮތް ހެދޭތޯ އެވެ. ނެތް ގާނޫނަކުން ކުރަން ފަށާފައިވާ އެކަން ޤާނޫނީ ތަރަހައިގެ ތެރެއަށް ވައްދަން ޖަހާ މަޅި ރުވާލެވޭތޯ އެވެ. އެކަމަށް ބޭނުންވާ ގާނޫން ހެދޭތޯ އެވެ.
މިއީ ސަރުކާރުގެ މަސައްކަތެވެ. ދެން އޮތީ ސަރުކާރުގެ ގޮނޑިކޮއްކޮއެއްހެން މަސައްކަތްކުރާ މަޖިލީހުގެ މަސައްކަތެވެ. އެވެރިންވެސް އެއުޅެނީ އެކަމެއްގަ އެވެ. ސުޕަރ މެޖޯރިޓީ އޮތަތީވެ، އިދިކޮޅުން ވެއްދިހާ މައްސަލައެއް ބޭރުކުރިއަސް ރަސްމާލެ މައްސަލަ ބަލައިގަނެ އެއަށް ބަހުސް ކޮށްފި އެވެ. ސަރުކާރުން އަންގައިގެން ރައްޔިތުންނަށް އެއްޗެއް ވިސްނައިދެވޭތޯ އެވެ. މެމްބަރުން ކިޔުނުހާ އެއްޗެއް އެކަމަށް ކިޔައިފި އެވެ. ހަމަތައް އަޅުވައި ލައްކަ މިސާލުތަކާއި ލިބޭން އޮތް ހާއުފާވެރިކަމުގެ ވާހަކަތައްވެސް ދައްކައިފި އެވެ.
ކުރުކޮށް ފޮނިކޮށް ބުނަންޏާ ދެބާރުން އެކައްޗެއް ކިޔައި އެއްވާމެއްގައި ރަސްމާލެ ދިނުމުގެ މަސައްކަތުގަ އެވެ. ކުރި ހުވާ ހަންދާން ނައްތާލާފަ އެވެ. ޖަވާބުދާރީ ކުރުވުމާއި މޮނިޓަރކުރުން އޮތްތަނެއްގާ ބާއްވާފަ އެވެ.
އެވާހަކަތައް ލިޔާންތިބި މިޑީޔާތަކަށް އެވަނީ ބާރު ފޯރުވާފަ އެވެ. ދައުލަތުގެ މީޑިޔާއާއި ސަރުކާރުން ލާރި ދީގެން ހިންގާ މީޑިޔާތަކުން އެވަނީ އެކަމުގެ ޕްރޮމޯޝަންގަ އެވެ. ރަސްމާލެ ދިނުން ފްލޮޕް ވެދާނެތީ، ހަކުރުދޭތީ ބޮޑުބޭބެ ކިޔައިގެން ސަރުކާރުން ބުނާހާ އެއްޗެއް އަނބުރައި ދިނުމުގައި އަވަދިނެތި އެވެ.
ދީނީ އިލްމުވެރިންވެސް ސަހަލެއް ނޫނެވެ. ކުރިން ބޭރު ދިދައެއްގައި އިން ލޯގޯ ދީނާ ދެކޮޅު އެއްޗަކަށް ވެގެން އަދި އސްލާމީ ދައުލަތެއްގެ ހަޟާރަތް ކިޔައިދޭ މޮނިއުމެންޓެއް އެއީ ބުދަކަށް ވެގެން ހަނގުރާމަ އިއުލާންކުރި އިލްމުވެރިންނެއް ނުފެނުނެވެ. ބޮލުގައި ފޮތި އައްސައިގެން ގަލޮޅު ދަނޑަށް ޖިހާދަށް ނުކުތް ގިނަ އިލްމުވެރިންވެސް ތިބީ ހިމޭންވެފަ އެވެ. މަޝްހޫރު ސަލަފް ޖަމްއިއްޔާއިން އެތިބީ ދިރާސާގަ އެވެ. އެދިރާސާއަށް ސަރުކާރުން މައުލޫމާތު ފޯރުކޮށްދެންދެން އެއްޗެއް ނުބުނާން ވެގެންނެވެ. ދީނަށް ޓަކައި ޤައުމަށްޓަކައި ޖީއެމްއާރު ބޭރުކުރަން ނުކުތް މީހުން އެތިބީ ލޯމަރާލައިގެން ގޭގަ އެވެ. ސަރުކާރުގައި ތިބީތީ ބޮޑުވަރިހަމަވެފަ އެވެ.
މިއީ ފެންނާން އޮތް ބޮޑު މަންޒަރެވެ. އެކަމަކު މިއަށްވުރެ ބޮޑަށް ފެންނަ އަނެއް މަންޒަރު އަދި މާތަފާތެވެ. ރަސްމާލެ ހޯދަން އެއުޅޭ އެބުނާ އަލައްބާރެކެވެ. މުއްސަނދި ބިލިއަންނަރެވެ. އެބޭ އެއުޅެނީ ފެންނަ ފެނުމަށް ތަފާތު ގޮތަކަށެވެ. އެހާބޮޑު ބިލިއަންނަރަކު އައިސް މަސައްކަތް ފަށައިގެން އެއުޅެނީ ސީދާ އޭނަ އެވެ. އޭނާގެ އެތައްހާސް މުވައްޒަފުންނެއް ބައިތިއްބާފަ އެވެ. މާކެޓް މީހުންނާވެސް ނުބައްސަ އެވެ. ތަރުޖަމާނުންނާ ސެކެޓްރީންނާ އަތްގާތްކޮށްދޭން އުޅޭ މީހުންނާއި ދެންވެސް އެވަރުގެ ބޮޑު މަހުޖަނަކު ގެންގުޅޭނެހާ ބަޔަކާ ނުލައި ސީދާ އޭނަ އެވެ. މުޅި ސަރުކާރު އޭނާގެ ގާތައް ގެނެސްގެންނެވެ. މަޖިލީހުގެ ބޮޑުބައި އޭނާގެ ދަރުބާރަށް ހާޒިރުކޮށްގެންނެވެ. އެންމެ އާދައިގެ ނޫސްތަކަށް އަރާ އިންޓަވިއުތައް ދީގެންނެވެ. ހަމަ އޭނަ އެވެ. ދެވަނަ ދެމީހެއް ނޫނެވެ.
ކޮންމެއަކަސް ޒައިނިސްޓުންގެ އެކުވެރިޔާ މަހުޖަނު އަލައްބާރު ބޭބެ ވަތައް ފައިބައިގެން އެއުޅެނީ ރަސްމާލެ ހޯދުމަށެވެ. އެހެން މީހަކާވެސް ނުލައި ސީދާ އޭނާ އެވެ. ހެދުނު އެއްޗެއް ހަދައިގެންވެސް އެކަން ކުރެވޭތޯ އެވެ. އޭނާއަށް ހެއްލިފައި އެއޮތީ ސަރުކާރެވެ. ސަރުކާރާއެކު ސަރުކާރު ކޮންޓްރޯލް ކުރާ ގޮނޑިކޮއްކޮ މަޖިލީހެވެ. އެދެބާރާއެކު ލާރިދީގެން ހިންގާ ނޫސްތަކެވެ. ކަން އޮތްގޮތް ބުނެދީ، ދީނުގެ ދިފާއުގައި ތެދުވާންތިބި ދީނީ އިލްމުވެރިންނެވެ. އެއެންމެނާއެކު ބާރެއްނެތް އިދިކޮޅު މީހުންނާ އާއްމު ރައްޔިތުންވެސް އެތިބީ އެކަމެއްގަ އެވެ. މުޅި ރާއްޖެ އަލައްބާރެއްގެ ދަށުގަ އެވެ. ރަސްމާލެ ހޯދަން އަލއްބާރު އެއުޅެނީ ވަތައް ފައިބައިގެންނެވެ. މިއޮތީވާ މަޖާ ކަމެކެވެ. ހީނހީނ ހަލާކެވެ. އެކަމަކު މަވާސަލާމެވެ.








