"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
11 އޮކްޓޯބަރު 2026 | އާދީއްތަ 06:32ޣައްޒާ އާބާދުކުރުމުގައި އެހީތެރިނުވާނެ ކަމަށާއި އެއީ ހިލޭސާބަހަށް މަސައްކަތްކުރާ ކުންފުންޏެއް ނޫން ކަމަށް ބުނެ އީގަލް ހިލްސްގެ ވެރިޔާ މުޙައްމަދު އަލައްބާރު ދެއްކެވި ވާހަކަތަކާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވެއްޖެ. މިކަމާ ގުޅިގެން ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް އޭނާއަށް ދީފައިވާތީ، ގައުމުގެ މަސްލަހަތަށްޓަކައި މިފަދަ ފަރާތްތަކާ ދުރުހެލިވުމަށް ގިނަ ބަޔަކު ދަނީ ސަރުކާރަށް ގޮވާލަމުން

2026 ވަނަ އަހަރުގެ ކުރީކޮޅު ދުބާއީގައި ބޭއްވި 1 ބިލިއަން ސަމިޓުގެ ތެރެއިން | ދަ ނޭޝަނަލް ނިއުސް
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށްފަހު އެ ސިޓީ އަލުން އާބާދުކުރުމަށް އެހީތެރިވުމާ ގުޅޭގޮތުން، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ މުޙައްމަދު އަލައްބާރު ދެއްކެވި ވާހަކަތަކަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެ އެވެ.
2026 ވަނަ އަހަރުގެ ކުރީކޮޅު ދުބާއީގައި ބޭއްވި 1 ބިލިއަން ސަމިޓުގެ ތެރެއިން އޭނާ އަށް އަމާޒު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލައްބާރު ވަނީ ޣައްޒާއާ މެދު އޭނާ ދެކޭގޮތް ހާމަކުރައްވާފަ އެވެ. އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން ބިނާކުރުމުގެ މަޝްރޫއުތަކުން އިމާރު ކުންފުނީގެ އެހީތެރިކަމާއި ބިނާތައް ފެނިދާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަލައްބާރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވީ، އޭނާއަކީ ޚައިރާތު ނުވަތަ ހިލޭސާބަހަށް މަސައްކަތްކުރާ މީހެއް ނޫން ކަމަށެވެ. އަދި ކޮންމެ ބަޔަކުވެސް އެބަޔެއްގެ މައްސަލަތައް އަމިއްލައަށް ހައްލުކުރަންޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެއްޗެއް ހަލާކުކޮށްލި ބަޔަކު އެ އެއްޗެއް މަރާމާތުކުރުމުގެ ޒިންމާ އުފުލަންޖެހޭނެ އެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ، އަމިއްލަ އަތުން އެއްޗެއް ވައްޓާލައި ހަލާކުކޮށްލައިފިނަމަ، އެ އެއްޗެއް މަރާމާތުކުރަންޖެހޭނީވެސް ހަމަ އެމީހަކު ކަމަށެވެ. އެހެންކަމުން، ޣައްޒާގެ ބިނާތައް ހަލާކުކޮށްލި ބަޔަކު އެތަން އަލުން މަރާމާތުކޮށް އާބާދުކުރަންޖެހޭނެ ކަމަށާއި، އެކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން، އޭނާއަކީ މިހާރު ވަރަށް ބިޒީ މަސައްކަތްތަކެއްގައި އުޅޭ މީހެއްކަން ފާހަގަކުރައްވައި ވިދާޅުވީ، އޭނާ ހިންގަނީ އާންމު ހިއްސާދާރުންގެ ބޮޑު ކުންފުންޏެއް ކަމަށެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ މައިގަނޑު ބޭނުމަކީ އަދި އުންމީދަކީވެސް ކުންފުނިން ބޮޑު ފައިދާއެއް ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަލައްބާރު އިތުރަށް ވިދާޅުވީ، އޭނާއަކީ މިހާރު ޚައިރާތު ކުރުމުގެ ނުވަތަ ހިލޭ އެހީގެ ވިޔަފާރީގެ ތެރޭގައި އުޅޭ މީހެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަން ކުރަން ބޭނުންވާ އެހެން ބަޔަކު ތިބިނަމަ އެކަން ކުރަންވީ ކަމަށާއި، ނަމަވެސް އޭނާގެ އުސޫލަކީ އެއްޗެއް ހަލާކުކޮށްލި ބަޔަކު އެ އެއްޗެއް މަރާމާތުކޮށް ރަނގަޅުކުރުން ކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.
އަލައްބާރުގެ މިވާހަކަތަކާ ގުޅިގެން ވަރަށް ގިނަބައެއްގެ ފާޑުކިޔުމާއި ނުރުހުން އޭނާ އަށް އަމާޒުވި އެވެ. ބައެއް މީހުން ބުނެފައިވަނީ މިވަރުގެ މީހެއް މުސްލިމުންނަށް ހެވެއް ނޭދޭނެ ކަމަށެވެ. ރައީސް މުއިއްޒު އަރިހުން އެދެނީ، ހަމައެކަނި ދުނިޔެވީ މަންފާއަކަށްޓަކައި މިފަދަ ދެފުށްދެގޮތް ފަރާތްތަކާ ދުރުހެލިވެވަޑައިގަތުމަށް ކަމަށެވެ. އެހެން ނޫންނަމަ، ރައްޔިތުންގެ ނުރުހުމާއި އޭގެ ނޭދެވޭ އެތައް އަސަރަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި މިފަދަ ފަރާތްތަކުގެ ހެއްލުންތަކުގައި ޖެހިގެން ގައުމުގެ މަސްލަހަތު ނަގާނުލުމަށް ވެސް ވަނީ ގޮވާލައްވާފަ އެވެ.
ރަސްމާލޭގެ ބޮޑު ސަރަހައްދެއް 99 އަހަރަށް އީގަލް ހިލްސް އަށް ދިން މައްސަލާގައި އެތައްބަޔަކު ދަނީ މި އަޑިނޭނގޭ ޑީލުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލަމުންނެވެ.











