ދިވެހިންނަށް ތިޔަ ވިދާޅުވާހާ ފައިދާވާ މަޝްރޫއެއްނަމަ، އެއްބަސްވުން ހާމަކުރަން ތިހާ ފިނޑިވަނީ ކީއްވެ؟
12 އޮކްޓޯބަރު 2026 | ހޯމަ 10:15ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދޫކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް، އެއްބަސްވުން ހާމަކުރުމަށް އާންމުން ދަނީ ގޮވާލަމުން. ބިން ބޭރުގެ ފަރާތްތަކަށް ނުދޭނެ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށް، އެއްވެސް ކުއްޔަކާ ނުލައި މި ބިން ދޫކުރުމަކީ ދައުލަތަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް މާލީ މާހިރުން ފާހަގަކުރެއެވެ. އެހެންކަމުން މި މަޝްރޫއުގެ ދެފުށް ފެންނަ މިންވަރު ކުޑަވުމުން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައި


ރައީސް މުއިއްޒު | ރައީސް އޮފީސް
ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިން މައްސަލައިގައި ބޮޑެތި ޚިޔާނާތާއި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް، އެ މަޝްރޫއުގެ އެއްބަސްވުމާ ގުޅޭ ތަފްސީލު ހާމަކުރުމަށް އާންމުންނާއި ސިޔާސީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. މި މަޝްރޫއާ ގުޅޭގޮތުން ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރަމުންދާއިރު، އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިހާތަނަށް ސަރުކާރުން މި އެއްބަސްވުމުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވުމެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށްފަހު، އެ ބިން ހިއްކުމަށް ދައުލަތުން ކުރި ބޮޑު ޚަރަދު އަނބުރާ ނުލިބޭގޮތަށް އެއްބަސްވުން އެކުލަވާލާފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިފަދަ ބޮޑު ތުހުމަތުތަކެއް ކުރެވެމުންދާއިރު، އެކަމުގެ ހަގީގަތްތައް ހާމަކޮށްދޭން ސަރުކާރުން ފަސްޖެހުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަމާއި ފިނޑިކަން ހާމަވަމުންދާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.
މި މަޝްރޫއާ ގުޅޭ ރިޕޯޓުތައް ބުނާ ގޮތުގައި، އީގަލް ހިލްސް ކުންފުންޏަށް ބިން ދޫކޮށްފައިވަނީ އެއްވެސް އިކުއިޒިޝަން ކޯސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށެވެ.
މީގެ އިތުރުން އެ ބިމުގައި ތަރައްޤީ ކުރާ ތަންތަން ލީސްކުރުމުގެ ފުރިހަމަ ހައްޤު ވެސް އެ ކުންފުންޏަށް ލިބޭގޮތަށް އެއްބަސްވުން އެކުލަވާލާފައި އޮތުމަކީ ދައުލަތުގެ މާލިއްޔަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް މާލީ މާހިރުން ފާހަގަކުރެއެވެ. އެހެންކަމުން މިކަން އޮތްގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށްޓަކައި އެއްބަސްވުން އާންމުކުރުން މިހާރު ވަނީ ކޮންމެހެންވެސް ޖެހިފަ އެވެ.
ދައުލަތުގެ މިފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ ދައުލަތުގެ މުދަލާއި މާލިއްޔަތަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް ނުހަނު ބޮޑަށް މަގުފަހިވާނެ ކަމެކެވެ. އެހެންކަމުން މި އެއްބަސްވުމުގެ ހުރިހާ ތަފްސީލެއް ކަމާބެހޭ މުއައްސަސާތަކަށާއި ރައްޔިތުންނަށް ހާމަކުރުމަކީ ދެފުށް ފެންނަ ސަރުކާރަކުން ކުރަންޖެހޭނެ ކަމެކެވެ.
ރަސްމާލެ މަޝްރޫއު ފުރަތަމަ ތައާރަފުކުރެވުނީ ލަގްޒަރީ ރިއަލް އެސްޓޭޓް މަޝްރޫއެއްގެ ގޮތުގައެއް ނޫނެވެ. އެ މަޝްރޫއަކީ ގިނަ އަދަދެއްގެ ހައުސިންގ ޔުނިޓްތައް ބިނާކޮށް، މާލޭގެ ގެދޮރު ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫއެކެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ މަޝްރޫއުގެ އަސްލު މަގްސަދު އޮޅި، ބޭރުގެ ކުންފުންޏަކަށް ބޮޑެތި މަންފާތަކެއް ލިބޭ ގޮތަށް ކަންކަން ބަދަލުވަމުންދާ މަންޒަރެވެ.
ސަރުކާރާއި އަބޫދާބީގެ އީގަލް ހިލްސްއާ ދެމެދު 'މޯލްޑިވްސް ވޯޓަރފްރޮންޓް އެންޑް މެރީނާ' މަޝްރޫއަށް ކޮމާޝަލް ޓާމްސް އެގްރީމެންޓެއްގައި ސޮއިކޮށްފައިވާއިރު، އީގަލް ހިލްސް އިން ބުނަނީ މިއީ ފައިނަލް ކޮންޓްރެކްޓް ނޫން ކަމަށާއި ތަފްސީލީ ޝަރުތުތައް ފަހުން ހާމަކުރާނެ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ސޮއިކުރެވުނު އެއްވެސް ލިޔުމެއް ރަސްމީކޮށް ޝާއިއުކޮށްފައެއް ނުވެ އެވެ.
މި ބިމަކީ ދިވެހި ރައްޔިތުންގެ ހައްގަކަށްވާއިރު، ދިވެހިންގެ ހަރުމުދަލެއް މިފަދަ ގޮތަކަށް ދޫކޮށްލުމަކީ އެއްވެސް ދިވެހި ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫނެވެ. ސަރުކާރުން މިކަމުގައި ޖަވާބުދާރީވެ، އެއްބަސްވުން އާންމުކުރުމަށް ރައްޔިތުން ގޮވާލަމުންދާ ސަބަބަކީވެސް އެއީކަމަށްވެދާނެ އެވެ.
ނުވިތާކަށް، ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުން ވެލިފުކެއްގެ މިންވަރު ވެސް ބޭރުގެ އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެ ބިން މިފަދަ ސިއްރު ގޮތަކަށް 99 އަހަރަށް ކުއްޔަށް ދޫކުރަން ނިންމުމާ ގުޅިގެން ބޮޑެތި ފާޑުކިއުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ސަރުކާރުން މި އެއްބަސްވުން ހާމަކުރަން ފަސްޖެހޭ ސަބަބަކީވެސް އެއީކަމަށް ވެދާނެ އެވެ.
ރައީސް މުއިއްޒު މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ރަސްމާލެއަކީ ދިވެހިންގެ މިލްކެއްގެ ގޮތުގައި އޮންނާނެ ތަނެއް ކަމަށާއި، އެތަނުން ބިން ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަށް ދޫނުކުރައްވާނެ ކަމަށެވެ. ނަމަވެސް އާޚިރުގައި ކަންމިވަނީ އެހެނެއް ނޫންތާ އެވެ؟









