ގައުމީ ލޯބީގެ ކުލަވަރު ބަދަލުވުން: ރަސްމާލެ ބޭރުގެ މަހުޖަނަކަށް ދޫކޮށްލާއިރު މި ފެންނަނީ ކޮން އުސޫލެއް؟
10 އޮކްޓޯބަރު 2026 | ހޮނިހިރު 11:08ރަސްމާލެ މަޝްރޫއާ ގުޅިގެން ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރުމުގައި ސިޔާސީ ފަރާތްތަކުން ގެންގުޅޭ އުސޫލުތައް ބަދަލުވަމުންދާތީ، ގައުމީ މަސްލަހަތަށްވުރެ ސިޔާސީ މަންފާ އިސްކުރާކަމުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި. މީގެ ކުރިން ބޭރުގެ ފަރާތްތަކަށް ބިމާއި ވަސީލަތްތައް ދިނުމާ ދެކޮޅަށް އަޑުއުފުލި ފަރާތްތަކުން މިއަދު ހަނދާންނެތި އަމަލުކުރަމުންދާ ދިއުމަކީ ދިވެހި ސިޔާސީ މަސްރަހުގައި އޮތް ދެފުށްކެހެރިކަން ހާމަކޮށްދޭ ކަމެއް


ރައީސް މުއިއްޒު ރަސްމާލެ ހިއްކުމުގެ މަސައްކަތް ބައްލަވާލެއްވުން | ރައީސް އޮފީސް
ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚަކީ ގައުމީ މިނިވަންކަމާއި ސިޔާދަތާއި ބިމުގެ ހައްގުތަކުގެ ދިފާއުގައި އަޑުއުފުލުމުގެ ފޯރިގަދަ ސަފުހާތަކަކުން ފުރިގެންވާ ތާރީޚެކެވެ. ނަމަވެސް އެ އަޑުތަކުގެ ފަހަތުގައި އޮތީ އިޚްލާސްތެރި ގައުމީ ރޫޙެއްތޯ ނުވަތަ ވަގުތީ ސިޔާސީ މަންފާއެއްތޯ ކުރެވޭ ސުވާލަކީ މިއަދު އަނެއްކާވެސް ބޮޑު ބަހުސަކަށް ވެފައިވާ ކަމެކެވެ.
އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު ރާއްޖެ ވަޑައިގެން ފޭދޫފިނޮޅުގައި ސަރުކާރުގެ އިސްވެރިންނާއި ވިޔަފާރިވެރިން އަދި މީޑިއާތަކާ ބައްދަލުކުރެއްވުމާ ގުޅިގެން ފެންމަތިވި ކަންކަމުން ހާމަވަނީ، ގައުމީ ވިސްނުމުގެ ނަމުގައި ދައްކާ ވާހަކަތަކުގެ ތެރޭގައި އަށަގެންފައިވާ ދެފުށްކެހެރިކަން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ފެންނަމުންދާ މަންޒަރުތަކަކީ، ސިޔާސީ މަސްރަހުގައި އުސޫލުތަކަށްވުރެ ބޮޑަށް މާލީ މަންފާއާއި ވެރިކަމުގެ ބާރު އިސްކުރެވޭ މިންވަރު ހާމަކޮށްދޭކަމުގެ ހެއްކެއް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
އެއީ ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ. ރާއްޖޭގެ ފަހުގެ މާޒީއަށް ބަލާއިރު، ސައޫދީ ރަސްގެފާނު ވަޑައިގަންނަވަން އުޅުއްވި ދަނޑިވަޅުގައި ފާފު އަތޮޅު ވިއްކާލަން އުޅޭކަމަށް ބުނެ ކުރި އިހުތިޖާޖުތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ޖީއެމްއާރަށް ދިނުމާ ދެކޮޅަށް ހިންގި ވަރުގަދަ ސިޔާސީ ހަރަކާތްތަކަކީ ފާހަގަކޮށްލެވޭ ކަންކަމެވެ. އޭރު އެ ކަންކަމާ ދެކޮޅަށް އެންމެ އިސް ސަފުގައި ވަކާލާތުކުރި ގިނަ ފަރާތްތަކެއް، މިއަދު ރަސްމާލެ މަޝްރޫއުގެ ނަމުގައި ބޭރުގެ ބޮޑެތި އިންވެސްޓަރުންނަށް ދިގު މުއްދަތަކަށް ބިންތައް ދޫކުރުމަށް ތާއީދުކޮށް ވާހަކަދައްކަމުންދާ މަންޒަރު ފެނުމަކީ، ބިމުގެ މިލްކުވެރިކަމުގެ ބަހުސަކީ ހަމައެކަނި ވެރިކަން ހޯދުމުގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއްކަން ދޭހަކޮށްދޭ ކަމެއްނޫންތޯ އެވެ.
ހަމައެއާއެކު، ޗާގޯސް މައްސަލައިގައި ކަނޑުގެ އިން ވަކިކުރުމާ ގުޅިގެން ރާއްޖޭގެ މަގުތަކުގައި ގުގުމާލައި "ދިވެހި ކަނޑު ވިއްކާލައިފި" ކަމަށް ގޮވައި އަޑުއުފުލި ފަރާތްތައް މިއަދު ރަސްމާލެ މަޝްރޫއަށް އަތްތިލަބަޑި ޖަހަމުންދާ މަންޒަރު ފެންނަމުންދެ އެވެ. އަދި ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ ބްރޭންޑްތައް ބޮއިކޮޓްކުރުމަށް މަގުމަތީގައި ގޮވާލި ނަމަވެސް، ދައުލަތުގެ ބޮޑެތި މުއާމަލާތްތަކާއި މަޝްރޫއުތަކުގައި އެފަދަ އުސޫލުތައް އެއްފަރާތްކުރެވިގެންދާ ދިއުމަކީ ވިސްނުމުގައި ހުރި ބޮޑެތި ފުށުއެރުންތަކެއް ނޫންތޯ އެވެ.
ރާއްޖެ ފަދަ ގައުމަކަށް ބޭރުގެ ސީދާ އިންވެސްޓްމަންޓްތައް ބޭނުންވި ނަމަވެސް، ތަރައްގީގެ ނަމުގައި ގައުމުގެ އަގުބޮޑު ވަސީލަތްތައް ދޫކޮށްލާއިރު ދިގު މުއްދަތުގެ ގައުމީ މަސްލަހަތަށް ރިއާޔަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ގައުމެއްގެ ހަގީގީ މިނިވަންކަމާއި ކުރިއެރުން ދެމިއޮންނާނީ، ވަގުތީ ސިޔާސީ ޖަޒުބާތުތަކުން އެއްކިބާވެ، ހުރިހާ ހާލަތެއްގައި ވެސް އެއް އުސޫލުތަކެއްގައި ސާބިތުވެ ތިބެވޭނެ ހޭލުންތެރި ރައްޔިތަކު ބިނާވެގެންކަމާމެދު ޝައްކަތްނެތެވެ!









