މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް މުއިއްޒުތޯ ނުވަތަ އަލައްބާރުތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފި: އައްބާސް
12 އޮކްޓޯބަރު 2026 | ހޯމަ 07:43ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ދުބާއީގެ މަހުޖަނު މުހައްމަދު އަލައްބާރުގެ ކުންފުންޏަށް ދިނުމާ ގުޅިގެން، ގައުމުގެ މިސްރާބު ހުރި ގޮތާމެދު ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކަންބޮޑުވުން ފާޅުކުރައްވައިފި. މީޑިއާތަކުން ރައްޔިތުންގެ އަސާސީ ބޭނުންތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ވަކި ފަރާތެއް އިޝްތިހާރު ކުރާކަން ފާހަގަކުރައްވައި، އޭނާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި

މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް މުއިއްޒުތޯ ނުވަތަ އަލައްބާރުތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފި: އައްބާސް | ރާއްޖެ ޓީވީ
ރާއްޖޭގެ މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުތޯ ނުވަތަ ދުބާއީގެ މަހުޖަނު މުހައްމަދު އަލައްބާރުތޯ ސުވާލު އުފެދޭ ހިސާބަށް ގައުމުގެ ހާލަތު ގޮސްފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު އައްބާސް ވަނީ ގައުމުގެ މިސްރާބު ހުރި ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މަޖިލީހުގެ ރައީސާ މުހާތަބު ކުރައްވައި ސުވާލުތަކެއް ކުރިމަތިކުރުވާފަ އެވެ.
އައްބާސް ވިދާޅުވީ، މިއަދު ގައުމުގެ ހާލަތު އޮތް ގޮތުން އިއްޒަތްތެރި ރައީސްގެ އަރިހުން މިއަދުގެ ވަލިއްޔުލްއަމްރަކީ ކޮބައިތޯ އަހާލަން ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ މީޑިއާތަކުގެ މިސްރާބު ހުރި ގޮތަށް އަލިއަޅުއްވާލައްވަމުން އައްބާސް ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަން ތިބި އަމިއްލަ މީޑިއާތަކާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ވެސް މިއަދު ފެންނަނީ މުޅިން ވެސް އަލައްބާރުގެ ވާހަކަ ދައްކަމުންދާ މަންޒަރު ކަމަށެވެ. އަދި އަލައްބާރަކީ ޔަހޫދީންގެ ހިމާޔަތާއި ރައްކާތެރިކަން ލިބޭ މީހުންނަށް ވާގިވެރިވާ މީހެއްގެ ގޮތުގައި އައްބާސް ސިފަކުރެއްވި އެވެ.
ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅިފައިވާކަން ފާހަގަކުރައްވައި އައްބާސް ވިދާޅުވީ، ރަށްރަށުގައި ހިންގަން ހުރި ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ އާއި ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކުގެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ގައުމުގައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ މީޑިއާތަކުގެ ސަމާލުކަން ރައްޔިތުންގެ އަސާސީ ބޭނުންތަކުން ކަސިޔާރުވެ، ވަކި ފަރާތެއްގެ އިޝްތިހާރު ކުރުމަށް ހުސްވެފައިވާ ކަމަށެވެ.
އެކުވެރި އަރަބި އިމާރާތުގެ އަބޫ ދާބީގައި ދިވެހި މީޑިއާތަކަށް ވެސް އަދި ދިވެހި ރައްޔިތުންނަށް ވެސް ދުރާލާ އެނގުމެއް ނެތި ބޭއްވި ރަސްމިއްޔާތެއްގައި، ޔަހޫދީންނަށް ޚަރަދުކުރާ އަބޫ ދާބީގެ މަހުޖަނު މުހައްމަދު އަލައްބާރު އާއީ ރާއްޖޭގެ ހައުސިން މިނިސްޓަރު އަބްދު ﷲ މުއްތަލިބާއި ސޮއިކުރެއްވި އެއްބަސްވުމަކުން، ރަސްމާލޭގެ ދެ ބައިކުޅަ އެއްބައި ބިން މި ސަރުކާރުން ވަނީ އީގަލް ހިލްސްއަށް ދީފަ އެވެ. އެއީވެސް ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ނަމުގަ އެވެ.











