ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ އަނބުރާ ނުހޯދެނީ ގާނޫނުތައް ނެތިގެން ނޫން، އެ މަސައްކަތް ނުކުރެވެނީ އިޚްލާސްތެރި ބަޔަކު ނެތުމުން: މެންބަރު ޝަމްހީދު
12 އޮކްޓޯބަރު 2026 | ހޯމަ 08:31ކޮރަޕްޝަން ހުއްޓުވުމަށް އުފައްދާފައިވާ މުއައްސަސާތަކަށް ބޮޑެތި ޚަރަދުތަކެއް ކުރި ނަމަވެސް، އެދެވޭ ނަތީޖާއެއް ނުނެރެވޭތީ މެންބަރު ޑރ. ޝަމްހީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރިވިޔަސް، އިޚްލާސްތެރިކަމެއް ނެތި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހައްލުނުވާނެ ކަމަށް އޭނާ ވިދާޅުވި. ސިޔާސީ ނުފޫޒުން މައްސަލަތައް ބަދަލުވާތީ، ގައުމުގައި އޮތީ ބޮޑެތި މީހުންނަށް ވަކި ގޮތެއް ކަމަށް ވެސް މެންބަރު ޝަމްހީދު ވިދާޅުވި


ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުނުވެ އަދި ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ އަނބުރާ ނުހޯދިގެން މިއުޅެނީ އެކަމަށް ބޭނުންވާ ގާނޫނުތައް ނެތިގެން ނޫން ކަމަށާއި، އެ މަސައްކަތް ނުކުރެވެނީ އިޚްލާސްތެރި ބަޔަކު ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެންޓި-ކޮރަޕްޝަން ލޯ އެންފޯސްމަންޓް ކޯޕަރޭޝަނާ ގުޅޭ "މައްކަތުލް މުކައްރަމާ ކޮންވެންޝަން" ގައި ރާއްޖެއިން ބައިވެރިވެ އެ މުއާހަދާއަށް އަމަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ބަހުސްކުރައްވަމުން މެންބަރު ޝަމްހީދު ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް މުއައްސަސާތައް އުފައްދައި ބޮޑެތި ޚަރަދުތައް ކުރި ނަމަވެސް، އެދެވޭ ނަތީޖާއެއް މިހާތަނަށް ނެރެވިފައި ނުވާ ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ ގާނޫނުއަސާސީން އުފައްދާފައިވާ މުއައްސަސާއެއްކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ، މިއަދާ ހަމައަށް އެ މުއައްސަސާއަށް ދައުލަތުގެ ބަޖެޓުން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި އަހަރަކު 58 މިލިއަން ރުފިޔާ އެ ކޮމިޝަނަށް ޚަރަދުކުރާއިރު، ދައުލަތުގެ ވެރިއެއްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ހުކުމެއް ކުރެވިފައި ނުވާކަން މެންބަރު ޝަމްހީދު ފާހަގަކުރެއްވި އެވެ.
އެހެންވެއްޖެއްޔާ އެއްގޮތަކީ ދިވެހިރާއްޖޭގައި ކޮރަޕްޝަން ނެތުން. އަނެއް ގޮތަކީ މުއައްސަސާ ފެއިލްވެފައި އޮތުން. މި ދެ ގޮތުން އެއްގޮތެއް އަޅުގަނޑުމެން ނިންމަންޖެހޭޑރ. އަހްމަދު ޝަމްހީދު
މީގެ އިތުރުން މެންބަރު ޝަމްހީދު ވިދާޅުވީ، އާދައިގެ ވަޒީފާތަކުގައި އުޅޭ ކުދިކުދި ފަރާތްތަކުގެ ވެރިން މައްޗަށް ހުކުމް ކުރަން ވަރަށް ފަސޭހަ ނަމަވެސް، ބޮޑެތި މައްސަލަތަކުގައި ފެންނަނީ ސިޔާސީ އޮއިވަރުގެ ތެރެއިން ހުކުމްތައް ބަދަލުވެގެންދާ މަންޒަރު ކަމަށެވެ. އަދި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ މައްސަލަތައް ވެސް ވެރިކަން ބަދަލުވުމާއެކު ރިވިއުކޮށްގެން އެފަދަ ފަރާތްތައް ސަލާމަތްވަމުންދާ ކަމަށާއި، މި ގައުމުގައި އޮތީ "ބޮޑެތި މީހުންނަށް ބޮޑު ގޮތް، ކުދި މީހުންނަށް ކުދި ގޮތް" ކަމަށް އޭނާ ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ މިފަދަ މުއާހަދާތަކުގައި ބައިވެރިވި ނަމަވެސް، ހަގީގީ އިޚްލާސްތެރިކަމެއް ނެތްނަމަ މީގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް ކަމަށާއި، މިއީ ހަމައެކަނި ބަޖެޓުން ޚަރަދުކޮށްގެން ގައުމުތަކަށް ދަތުރު ކުރުމަށް ހެދޭ އެއްޗަކަށް ވެގެން ނުވާނެ ކަމަށް ވެސް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.











