އީރާން ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާގެ 81 ބޯޓެއް ހަލާކުވެއްޖެ، ގެއްލުމުގެ އަގު 45 ބިލިޔަނަށްވުރެ ބޮޑުވާނެ!
8 އޮކްޓޯބަރު 2026 | ބުރާސްފަތި 09:35އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ލިބުނު ގެއްލުންތަކުގެ އަގު 3.3 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓުތަކުން ދައްކާ. މި ގެއްލުންތަކުގެ ސަބަބުން އެމެރިކާގެ ދިފާއީ ގާބިލުކަމަށް ކުރާނެ އަސަރާ މެދު ކޮންގްރެސްއިން ސުވާލު އުފައްދާފައިވާއިރު، މީގެ ތެރޭގައި އެންމެ ގިނައީ އެމްކިއު-9 މަރުކާގެ ޑްރޯންތަކެއް. މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އަސްކަރީ ބަޖެޓަށާއި ހަތިޔާރުގެ ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވޭ


އަޔަލެންޑުގެ އެއާބޭހެއްގައި އޮތް އެމެރިކާގެ އަސްކަރިއްޔާގެ އެމްކިޔު-9 ރީޕަރ މަރުކާގެ ޑްރޯނެއްގެ މަރާމާތު ކުރިއަށްދަނީ | ޔޫއެސް އެއާފޯސް
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާގެ 81 އުޅަނދެއް ހަލާކުވެ ނުވަތަ ގެއްލުންވެފައިވާ ކަމަށް މި ހަފްތާގައި އާންމުކުރި ކޮންގްރެޝަނަލް ރިސާޗް ސާވިސްގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ. މި އަދަދުގެ ތެރޭގައި މަތިންދާބޯޓާއި، ހެލިކޮޕްޓަރާއި ޑްރޯން ހިމެނޭއިރު، ގެއްލުންވި އުޅަނދުތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އެމްކިއު-9 ރީޕަރ ޑްރޯނެވެ. މި ޑްރޯނަކީ ޖާސޫސްކުރުމަށާއި، ކައިރިން ވައިގެ ހަމަލާތައް ދިނުމަށާއި، ހަނގުރާމައިގެ މައިދާނުގައި މީހުން ހޯދައި ސަލާމަތްކުރުމަށް ބޭނުންކުރާ އުޅަނދެކެވެ.
މީގެ އިތުރުން، ޕެންޓަގަންގެ އެންމެ އަގުބޮޑު އަދި މުހިންމު އުޅަނދުތައް ވެސް މި ލިސްޓުގައި ހިމެނެ އެވެ. މި ގޮތުން، އެފް-35އޭ މަރުކާގެ އަސްކަރީ މަތިންދާބޯޓާއި އީ-3 ސެންޓްރީ ބޯޓެއް ވެސް ގެއްލިފައި ވެ އެވެ. އީ-3 ސެންޓްރީއަކީ އަމާޒުތައް ދެނެގަތުމަށާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންކުރާ، ބޮޑު ރާޑަރެއް ހަރުކޮށްފައި ހުންނަ ހަތަރު އިންޖީނުގެ މަތިންދާބޯޓެކެވެ.
ކޮންގްރެޝަނަލް ބަޖެޓް އޮފީހުގެ ހިސާބުތަކާ ހަވާލާދީ މި ރިޕޯޓުގައި ބުނީ، ގެއްލުނު އުޅަނދުތަކުގެ ޖުމްލަ އަގު 1.9 ބިލިޔަން އެމެރިކާ ޑޮލަރާއި 3.3 ބިލިޔަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާ ކަމަށެވެ.މި އަދަދު ބިނާވެފައި ވަނީ، ގެއްލުނު އުޅަނދުތަކުގެ ބަދަލުގައި އާ އުޅަނދުތައް ހޯދުމަށް ދިފާޢީ ވުޒާރާއިން ގެންގުޅޭ ޕްލޭންތަކުގެ މައްޗަށެވެ.
މަސްދަރުތަކުން ސީއެންއެންއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހަނގުރާމައިގެ ޖުމްލަ ޚަރަދު މިއަށްވުރެ މާ ބޮޑުވާނެ އެވެ. އެއީ، ގާތްގަނޑަކަށް 45 ބިލިޔަން އެމެރިކާ ޑޮލަރެވެ. މި އަދަދުގެ ތެރޭގައި، އެމެރިކާއިން އެ ސަރަހައްދުގައި ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކުގެ އުމްރާނީ ވަސީލަތްތަކަށް ލިބުނު ގެއްލުންތައް ނުހިމެނޭއިރު، އޭގެ ތެރޭގައި ބައެއް ބޯޓުތައް ހަލާކުވި މަރުކަޒުތައް ވެސް ހިމެނެ އެވެ.
ލިސްޓުގައި ހިމެނޭ ބައެއް އުޅަނދުތައް މަރާމާތުކޮށްގެން އަލުން ބޭނުންކުރަން ފަށާފައިވުން އެކަށީގެންވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި، ސެޕްޓެންބަރު މަހު އުރުދުންގެ މުވައްފަޤް ސަލްތީ އެއާބޭހަށް އީރާނުން ދިން ހަމަލާއެއްގައި ކުދި ގެއްލުންތަކެއް ލިބުނު އަށް އެފް-15 ސްޓްރައިކް އީގަލް އަސްކަރީ މަތިންދާބޯޓު ހިމެނެ އެވެ.
މި ރިޕޯޓު އެކުލަވާލާފައި ވަނީ، ދިފާޢީ ވުޒާރާއާއި އެ ތަނުގެ އިންސްޕެކްޓަރ ޖެނެރަލްގެ ބަޔާންތަކާއި، އީރާނާ ދެކޮޅަށް އޮޕަރޭޝަންތައް ހިންގަމުން އަންނަ އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ މައުލޫމާތާއި، ސީއާރުއެސްއިން ދިރާސާކުރި ނޫސް ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށެވެ.
މިއާއެކު، ކޮންގްރެސްއިން ވިސްނަންޖެހޭ މުހިންމު ސުވާލުތަކެއް ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ. މި ގޮތުން، ލިބުނު ގެއްލުންތަކާއި އެ ކަމުގެ އަސަރުތައް ވަޒަންކުރުމަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ޕެންޓަގަންގެ ފަރާތުން ޤާނޫނުހަދާ މަޖިލީހުގެ މެމްބަރުންނަށް ލިބެމުންދޭތޯ ރިޕޯޓުގައި ސުވާލު އުފައްދާފައި ވެ އެވެ.
އީރާން ހަނގުރާމައިގައި ލިބުނު ގެއްލުންތަކާ ގުޅޭގޮތުން ދިފާޢީ ވުޒާރާއިން މިހާތަނަށް އާންމުކުރި މައުލޫމާތުތައް ސާފެއް ނޫނެ ވެ. ފެބުރުވަރީ 28 އިން ޖޫން 30 އަށް ހިނގި ހާދިސާތަކަށް ބިނާކޮށް ސެޕްޓެންބަރު މަހު ނެރުނު ޕެންޓަގަންގެ އިންސްޕެކްޓަރ ޖެނެރަލްގެ ރިޕޯޓުގައި ވެސް، ގެއްލުނު އުޅަނދުތަކުގެ ބައެއް އަދަދުތައް ނަގާފައި ވަނީ ސީއާރުއެސްގެ ކުރީގެ ރިޕޯޓުތަކުންނެވެ.
އަދި, ކޮންގްރެސްއިން ވިސްނަންޖެހޭ އިތުރު ކަންތައްތަކެއް ހުރި ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މީގެ ތެރޭގައި، އުޅަނދުތައް މަރާމާތުކުރުމަށް ނުވަތަ އާ އުޅަނދުތައް ހޯދުމަށް ފައިސާ ދޫކުރުމާއި، އެ ކަންކަން ކުރުމުގެ ގާބިލުކަން ސިނާއީ ދާއިރާގައި ހުރި މިންވަރާއި، ބޭރުގެ ބައިވެރިންނަށް އެމެރިކާއިން ވިއްކާ އަސްކަރީ ހަތިޔާރުގެ ވިޔަފާރިއަށް ކޮށްފާނެ އަސަރުތައް ހިމެނެ އެވެ. މީގެ އިތުރުން، އީރާނުގެ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތީގެ ބޭރުން އެމެރިކާގެ އަސްކަރީ ބާރަށް ކޮށްފައިވާ އަސަރާ މެދު ވެސް ރިޕޯޓުގައި ސުވާލު އުފައްދާފައިވެ އެވެ.
"އީ-3 ސެންޓްރީ ފަދަ، އަދަދު މަދު އަދި ގިނަ ދުވަސްވެފައިވާ މުހިންމު އުޅަނދުތަކެއް ގެއްލުމުގެ ސަބަބުން، އެހެން ސަރަހައްދުތަކުގައި އެމެރިކާގެ އަސްކަރީ ގާބިލުކަމަށް ހީނަރުކަމެއް އައިސް ނުރައްކާ ބޮޑުވޭތޯ ކޮންގްރެސްއިން ވަޒަންކުރަން ޖެހިދާނެ" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މަސްރަހުގެ ދާރިސުން ވިދާޅުވީ، އީރާނުގެ ހަނގުރާމައާއި، އީރާނުގެ ޕްރޮކްސީ ޖަމާއަތެއް ކަމަށްވާ ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރިން ހިންގި އޮޕަރޭޝަންތައް ހިމެނޭހެން މެދުއިރުމަތީގައި ހިންގި ހަރަކާތްތަކުގެ ސަބަބުން އެމްކިއު-9 ޑްރޯންތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މި އަހަރުގެ ކުރީކޮޅު އެއާ ފޯސް ޗީފް އޮފް ސްޓާފް ޖެނެރަލް ކެނެތް ވިލްސްބެކް ކޮންގްރެސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އީރާނުގެ ހަނގުރާމައިގައި އަސްކަރިއްޔާގެ "އެންމެ އަގުހުރި ކުޅުންތެރިޔާ" އަކީ އެމްކިއު-9 ޑްރޯން ކަމަށެވެ.
އެޓްލާންޓިކް ކައުންސިލުން ސެޕްޓެންބަރު މަހު ނެރުނު ރިޕޯޓެއްގައި ބުނީ، މި އަހަރު އެކަނި ވެސް މެދުއިރުމަތީގައި 45 ޑްރޯން ގެއްލިފައިވާ ކަމަށާއި، މިއީ "ކަންބޮޑުވާންޖެހޭ މިންވަރެއް" ކަމަށެވެ. އަދި, އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން 2004 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ވައިގެ އަސްކަރިއްޔާއިން ބޭނުންކުރަމުން އަންނަ އެމްކިއު-9 ޑްރޯންތަކުގެ %35 ވަނީ ގެއްލިފަ އެވެ.
މަސްދަރު: ސީއެންއެން











